ހީވެސް ނުކުރެވޭ ގޮތްގޮތުން އަނިޔާއާ ބޮޑެތި ގެއްލުންތައް އަދި ހިތާމަތައް ކުރިމަތިވާނަމަ ޙައްލުހޯދަން ވިސްނާލަންޖެހޭނެ ފުރަތަމަ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހީވެސް ނުކުރެވޭ ގޮތްގޮތުން އަނިޔާއާ ބޮޑެތި ގެއްލުންތައް އަދި ހިތާމަތައް ކުރިމަތިވާނަމަ ޙައްލުހޯދަން ވިސްނާލަންޖެހޭނެ ފުރަތަމަ ކަންތައް-

ދިރިއުޅުމުގައި އަބަދުވެސް ކަންކަން ކުރިމަތިވާނެއެވެ. ކުދިކުދި ކަންތައްތަކާއި ބޮޑެތި ކަންތައްތަކެވެ. ބައެއް ކަންކަން ކުރިމަތިކުރައްވަވަނީ އިމްތިޙާން ކުރެއްވެވުމަށެވެ. އަދި ބައެއް ފަހަރު އިންޒާރެއްގެ ގޮތުންނެވެ. އަދި ބައެއް ފަހަރު އެމީހަކަށް އުޅެވޭ ގޮތުގެ ސަބަބުންނެވެ.

ތިބާއަށް ގެއްލުމެއް ލިބިދާނެ ކަމަށް ހީވެސް ނުކުރެވޭ ކަންކަމުން ގެއްލުންލިބެނީ ހެއްޔެވެ؟ ވަކިވާނެ ކަމަށް ހީވެސް ނުކުރެވޭ މީހުން ތިބާ ދޫކޮށް ވަކިވެގެން ދަނީ ހެއްޔެވެ؟ އަމިއްލަ ޢާއިލާ ތެރެއިންވެސް މައްސަލަތައް އިތުރުވަނީ ހެއްޔެވެ؟ އަމިއްލަ ޢާއިލާގެ މީހުންވެސް ތިބާއަށް ގެއްލުން ދެނީ ހެއްޔެވެ؟ އަމިއްލަ ޢާއިލާގެ މީހުންވެސް ތިބާ އާއި ދެކޮޅަށް ޙަރަކާތްތެރިވަނީ ހެއްޔެވެ؟

މިފަދަ ކަންކަން މެދުވެރިވާނަމަ ދާންވީ ސިހުރު ހަދައި ރަމަލުބަލާ މީހުންގެ ގާތަކަށް ނޫނެވެ. ފުރަތަމަ ވެސް ބަލައިލަންވީ ތިމާއަށް ﷲ ތަޢާލާ އާއި ދުރުވެވިފައިވާ މިންވަރެވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް އިހްމާލްވެވިފައިވާ މިންވަރެވެ!

އެކަންކަން މެދުވެރިވާ ސަބަބު މިއޮތީއެވެ! "އަދި ﷲ ހަނދުމަ ނައްތައިލި މީހުން ފަދައިން ތިއަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ އެއުރެންގެ އަމިއްލަ ނަފްސްތައް ހަނދުމަނެތިކޮށްލެއްވެވިއެވެ. އެއުރެންނީ، ހަމަ ފާސިޤުންނެވެ." (އަލް ޙަޝްރް: 19)

މިއާޔަތުގައި ބަޔާން ކުރައްވަވާފައިވާ މީހަކު ކަމުގައި ވެވިއްޖެ ނަމަ އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާ ހަނދުމަކުރާ މީހަކު ކަމުގައިވާށެވެ! ތިބާ ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލައިފި ނަމަ ﷲ ތަޢާލާ ތިބާގެ މަތިންވެސް ހަނދުމަނެތިކޮށްލައްވަވާނެތެވެ! މިއާޔަތުން އެނގެނީ އެކަމެވެ.

ﷲ ތަޢާލާ މީހެއްގެ މަތިން ހަނދުމަނެތިކޮށްލައްވަވައިފިނމަ އެމީހަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާނީ ހީވެސް ނުކުރެވޭހައި ގޮތްގޮތުންނެވެ. ބަލިކަށިވެ ނިކަމެތިވެގެންދާނީ ޤަބޫލުވެސް ކުރަން އުނދަގޫ ގޮތްގޮތަށެވެ. އެފަދަ ޙާލަތުގައި ގެއްލުންތައް ކުރިމަތިވާނެ ގޮތް ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ވީމާ އަަބދުވެސް މިކަންކަމަށް ވިސްނައިގެން ދިރިއުޅެމުން ގެންދާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން