ނިދަން މަސައްކަތްކުރި ނަމަވެސް ނިދިނައިސްގެން އޮންނަން ޖެހުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. އެޙާލަތުގައި ގިނަ ބައަކަށް ޢަމަލުކުރެވެނީ ޝައިޠޯނާ ބުނާ ގޮތަށެވެ. ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން ކުރެވެނީ ޝައިޠޯނާ ބުނާ ކަންކަމެވެ.
އެއިގެ ބަދަލުގައި ނިދަން އޮށޯންނަންވުމުން މޫޑް ނެތްނަމަ ފެންނުވެރިނަމަވެސް ނިކަން ގައިދޮވެލަބަލާށެވެ! ދެން ވުޟޫކޮށްލައިގެން ގޮސް އޮށޯންނާށެވެ! އޮށޯވެ އޮވެ ކިޔަންޖެހޭ ޛިކުރުތައް ކިޔުމަށްފަހު ﷲ ތަޢާލާ މަތިވެރިކުރަން ކުރަންހުރި ޛިކުރުތައް ކުރަމުން ގެންގޮސްބަލާށެވެ! އިން ޝާ ﷲ އިސާހިތަކު ނިދިދާނެއެވެ.
އެއިރުން ޝައިޠޯނާވެސް ތިބާ ނިންދަވަން ބާރުއަޅާނެއެވެ. ސަބަބަކީ ޛިކުރުކުރުމަށް ހުރަސްއަޅަން ބޭނުންވާނެތީއެވެ. ގޮތް ބަލައިލަން ނަމަވެސް ނިކަން މިމަގުން ޢަމަލުތައް ކޮށްބަލާށެވެ. ހެޔޮ ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ރޭގަނޑާއި ދުވާލުގެ ވަގުތުތައް ގިނަ ބައަކު ހޭދަކުރަނީ އެމީހުންގެ ލޯބިވެރިޔާ މަތިން ނުވަތަ ހިތް އެދޭ ހުވަފެނީ ބައިވެރިޔާގެ މަތިން ހަނދާންކުރުމުގައެވެ. އެކަމުގައި ރޭގަނޑުގެ ނިދިވެސް އެބަ ނަގާލައެވެ. ސުވާލަކީ އެއިގެ ތެރެއިން ކިތަންމެ މީހުންގެ ލޯބިވެރިޔާ އެމީހުންގެ މަތިން ހަނދާންކުރޭ ހެއްޔެވެ؟
ސުވާލަކީ ދެމީހުން އެކުގައި އެއްވަރަކަށް ހަނދާންކޮށްގެން ޒަވާޖީ ޙަޔާތެއް ފަށާނަމަ މިހައި ގިނަ ކައިވެނި ހަމަ މިހައި ފަސޭހައިން ރޫޅެން ޖެހޭނެ ހެއްޔެވެ؟
ކޮންމެއަކަސް ތިބާ ތިބާގެ ހުވަފެނީ ބައިވެރިޔާ މަތިން ހަނދާންކޮށްގެން ރޭގަނޑުގެ ނިދި ނަގައިލި ނަމަވެސް އަނެކާ ހަނދާން ނުކުރުން ކައިރިކަން ތަޖުރިބާ އިން މިދަނީ އެނގެމުންނެވެ. ވީމާ ވަގުތުތައް ތިއަ ކުރެވެނީ އިސްރާފް ނޫން ހެއްޔެވެ؟
ހަމަ ޔަޤީނުންވެސް ބޭކާރު ނުވެ އެކަމުން ފައިދާކުރާނެ ހަނދުމަކުރުމެއް އެބައޮތެވެ! އެއީ އަލަބްޤަރާ ސޫރަތުގެ 152 ވަނަ އާޔަތުން އެނގެން އޮތް ޔަޤީން ކަމެކެވެ. 100 އިންސައްތަ މުޖައްރިބް ކަމެކެވެ.
"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ..."
ރޭގަނޑު ނުނިދި އޮންނަން ޖެހޭނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! ކީރިތި ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރާށެވެ! ދަމުނަމާދުކޮށް ދުޢާކުރާށެވެ! އެއިރުން ދާނީ ދެ ދުނިޔެވެސް ޙާޞިލުކުރެވެމުންނެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ އެއީއެވެ.
ވީމާ ﷲ ތައާލާ ހަނދުމަކުރުން ގިނަކުރާށެވެ! އެއިރުން ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބި ހިތް އެދޭ ބައިވެރިޔާ ވެސް އޮންނާނީ ލިބިފައެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން