ގަސްގަހާ ގެއްސަށް ބަލާށެވެ! މަރުވެފައި އޮތް އޮށަކުން ގަސްފަޅާހެއްޔެވެ؟ މަރުވެފައިވާ ދަނޑިގަނޑެއް ބިމަށްޖަހައި ކިތަންމެ ވަރަކަށް ބުޑަށް ކާނާއަޅައި ފެންދިނިއްޔާ ކުރިފަޅައި ރޯވާނެ ހެއްޔެވެ؟ މިފަދަ ކިތަންމެ ގިނަ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ.
ހުރިހާ އެއްޗެއްވެސް އުފައްދަވަނީ ﷲ ތަޢާލާ ކަމަށް ބުނުމުން ބައެއް މީހުން ސުވާލު އުފައްދައެވެ. އެހެންކަމުން ކޮންމެ އެއްޗެއްވެސް އުފައްދަވަނީ ﷲ ތަޢާލާ ކަމަށްވެގެންދާ 2 ސަބަބު ދެނެގަތުން ވަރަށް މުހިންމެވެ.
ފުރަތަމަ ސަބަބަކީ އިންސާނުން އުފައްދާ ކޮންމެ އެއްޗެއްވެސް އުފައްނީ ﷲ ތަޢާލާ އުފެއްދެވި އެއްޗެއް ބޭނުންކޮށްގެން ކަމަށްވާކަމެވެ. ﷲ ތަޢާލާ އުފެއްދެވި އެއްވެސް އެއްޗެއް އެއްވެސް މިންވަރަކަށް ބޭނުން ނުކޮށް އިންސާނުންނަށް އެއްވެސް އެއްޗެއް އުފެއްދިފައެއް ނުވެއެވެ. ނުވެސް އުފެއްދޭނެއެވެ!
ދެވަނަ ސަބަބަކީ އިންސާނުން ތަކެތި އުފައްދަނީ ﷲ ތަޢާލާ ދެއްވަވާ ހުނަރާއި ޢިލްމުގެ ބޭނުންކޮށްގެންނެވެ. ހުނަރާއި ޢިލްމު ދެއްވަވަނީ ﷲ ތަޢާލާއެވެ.
" Humans create something from something already created by Allah. nothing can be created if nothing was created by Allah."
މިއީ އެއްވެސް މީހަކަށް ދެބަސް ވެވޭނެ ޙަޤީޤަތެއް ނޫނެވެ! ވީމާ ދަރިންނަށް ވެސް މިކަން ބުނެދީ އަންގައިދޭށެވެ! އެއިރުން އެކުދިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވާނެއެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ހުޅަދުންވަންތަކަމުގެ ހެކި ލިބި އީމާންކަން ވަރުގަދަވާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން