އަޅުގަނޑުގެ ފިރިމީހާއަކީ ލިބޭވަރުން ދަރިންނަށް ޚަރަދުކުރާ މީހެކެވެ. ހަމައެކަނި ކާބޯތަކެއްޗެއް ނޫނެވެ. ކުޅޭނެ ތަކެތިވެސް ހޯދައިދެއެވެ. ދަރިފުޅުގެ ޢުމުރުން މިހާރު 3 އަހަރު ފުރުނީއެވެ. 3 އަހަރުވީއިރު 3 ދުވަހުވެސް ދަރިފުޅާއިއެކު ކުޅެލަން ވަޤުތުކޮޅެއް ހޭދަކުރެވުނު ކަމަކަށް ނުވެއެވެ. ދަރިފުޅަށް ކުރެވޭނެ ވަރަށް އެކަމުގެ ޝަކުވާ ކުރެއެވެ. ކުޅުމުގެ ތެރެއިން އެއްޗެއް ކެއްކިނަމަވެސް ބައްޕައަށް ބައެއްވެސް އަޅައެވެ. ކާން ބައްޕަ އަންނާނެތޯ ސުވާލުވެސް ކުރެއެވެ.
ދަރިފުޅަށް ކޮންމެ ދުވަހަކު ޖަވާބުދެމުންގޮސް ދޭނެ ޖަވާބު ހުސްވެއްޖެއެވެ. މިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟
ޖަވާބުގައި ބުނަންއޮތީ ވަޤުތު ނުދެވެނީ މަސައްކަތް ބުރަވެގެން ކަމަށްވާނަމަ ދަރިފުޅާއިއެކު ކުޅުމަކީވެސް ކުރަންޖެހޭ މަސައްކަތުގެ ބައަކަށް ހަދަން ވިސްނައިދޭށެވެ. ހަމަޤައިމުވެސް ހުކރު ދުވަހު ވަޤުތު ދެވޭނެއެވެ. އެއިގެ އިތުރުން ހަފްތާގެ ދުވަސްތަކުން 2 ދުވަހު އެންމެ 30 މިނިޓް ނަމަވެސް ދަރިފުޅާއިއެކު ހޭދަކޮސްލައިދޭން އެދޭށެވެ. ސަމާލުކަންދީފިނަމަ އެވަރުކުރެވެންވާނެއެވެ.
މައިންބަފައިންނާއިއެކު ވަޤުތު ހޭދަނުކުރެވިގެން ދެރަވާން ދަރިންނަށް ޖެއްސުމަކީ ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާއެވެ. އެއަނިޔާގެ ހަނދާންތައް ކުދިންގެ ހިތުގައި ހަރުލާފައި ހުރެއެވެ. އެހެންކަމުން އެއީ ދަރިން ބޮޑެތިވުމުން މައިންބަފައިންނަށް ނަފްރަތުކުރާ ސަބަބަކަށްވެސް އޮންނަނީ ވެފައެވެ.
ތިރީގައިވާ ލިޔުމުންވެސް ފައިދާކުރާނެއެވެ. އިން ޝާ ﷲ
ހަޤީޤަތަށް ބަލައިފިނަމަ ދަރިންނަށް ހޯދައިދޭ ގިނަ، އަގުބޮޑު ކުޅޭ ސާމާނުތަކަށްވުރެ ކުދިންނަށް މުހިންމު ވާނީ މަންމަ އާއި ބައްޕަ އާއިއެކުގައި ވަގުކޮޅެއް ހޭދަކުރުމެވެ. ޚާއްޞަކޮށް ދެމީހުންނާއިއެކުގައި ވަގުތުކޮޅެއް ހޭދަކުރުމެވެ.
ބައެއް މައިން ބަފައިން ދަރިންނަށް ވަރަށް ގިނަ ކުޅޭ ސާމާނު ހޯދައިދެއެވެ. ނަމަވެސް ކުދިންނާއިއެކު ކުޅެލަން މަޑުކޮށްލާނެ ވަގުތުކޮޅެއް އޮންނަ ކަމަކަށް ނުވެއެވެ. އެހެންވެ ކުއްޖާއާއިއެކު ކުޅެންވެސް ޖެހެނީ ގޭގައި ގެންގުޅޭ ނޯކަރަށެވެ.
ކުދިން ކުޑައިރު ކުދިންނާއިއެކު ކުޅެން ވަގުތު ހޭދަކުރަންވާނީ އެކުދިން ފަދަ ކުޑަކުއްޖަކަށް ވެސް ވެގެންނެވެ. އެކުދިންނާއި ބައިވެރިވެގެންނެވެ. ކުޅޭ ތަކެތިން ބޭނުންކޮށް ކުދިންނަށް ކުޅެން ދަސްކޮށްދެވޭނީވެސް ކުދިންނާއި ބައިވެރިވެގެންނެވެ.
ކުދިންނަށް ގޭމް ކުޅެން ދިނުމަކީ ނުވަތަ ކާޓޫނާއި ފިލްމް ބަލަން އާދަކޮށްދިނުމަކީ ކުދިންނާއި ގުޅުން ކެނޑޭ ކަމެކެވެ. ދެފަރާތުގެ ވާހަކަ ނުދެއްކޭތީއެވެ. އެންމެ ކުޑަމިނުން އެކަކު އަނެކަކަށް ހިނިތުންވެލުމުގެ ފުރުޞަތުވެސް ގެއްލޭތީއެވެ. ވީމާ ގޭމްކުޅުމާއި ޓީވީބަލާ ވަގުތު މަދުކުރާށެވެ! ގިނަކުރަންވީ އެކުގައި ކުޅެން އުޅޭ ވަގުތެވެ!
--މިއަދުނޫސް