މިހާރަކަށް އައިސް ގިނަ ބައަކަށް ޝަރީކުކުރެވެނީ އެނގި ތިބެގެން ނޫންކަމަށް ބެލެވެއެވެ. އެމީހުން ތިބެނީ އިސްލާމުންގެ ގޮތުގައެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަމަށް ހެކިވެގެންނެވެ. އެހެން ތިއްބައި ކޮންމެވެސް މީހަކު ދައްކާ ކޮންމެވެސް ވާހަކައެއްގެ އަޑުއިވި ހިތުގައި ޝައްކުތަކެއް އުފެދެނީއެވެ. ނަތީޖާއެއްގެ ގޮތުން އެކިފެންވަރުގައި ޝިރުކުގެ ޢަމަލުތައް ކުރެވެނީއެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި މީސްތަކުންނަށް ނަރަކައަށް ވަންނަން ޖެހެނީ އެކަން އެގޮތަށްވުމަށް ﷲ ތަޢާލާ ނިންމަވާފައިވާތީއެވެ. ނަމަވެސް މިދެވެނީ އެންމެ ނުބައި ވިސްނުމަށެވެ. އެހެނީ އެހެނީ އެއްވެސް މީހަކު ވަންނަން ޖެހޭނީ ނަރަކައަށް ކަމަށް ﷲ ތަޢާލާ ނިންމަވާފައެއް ނުވެއެވެ. ނަރަކައަށް ވަންނަން ޖެހޭނީ އެމީހަކު ކުޅަ ޢަމަލުތަކުގެ ސަބަބުންނެވެ. ފާފަތަކުގެ ސަބަބުންނެވެ. ﷲ ތަޢާލާއީ ކުރިން ވީހައިކަމަކާއި ފަހުންވާނޭހައި ކަންކަން ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. މީސްތަކުން ކުރާނެ ޢަމަލުތައް ﷲ ތަޢާލާ ދެނެވޮޑިގެންވުމަކީ މިބަޔާންކުރި ގޮތުން އަންނަ ކަމެކެވެ.
މިޘާލަކަށް ބުނާނަމަ ތިބާ ފާފަކުރަނީ އަމިއްލައަށެވެ. އަދި ހެޔޮ ޢަމަލުތައް ކުރަނީވެސް ހަމަ އަމިއްލައަށެވެ. ތިބާ ހެޔޮ ޢަމަލެއް ކުރަން ބޭނުންވެއްޖެނަމަ އެކަން ހުއްޓުވޭނީ ކާކަށް ހެއްޔެވެ؟ އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިބާއަށް ވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ.
މިޙަޤީޤަތްތައް އޮލޫވާލައި މީސްތަކުންގެ ހިތުގައި ޝައްކުތައް އުފައްދުވަން ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނެއެވެ. ޝައިޠޯނާއަށް ހެއްލިގެންތިބޭ އިންސާނުންވެސް އެމަސައްކަތް ކުރަމުން ގެންދާނެއެވެ. އެކަންކަމުން އަހުރެމެންގެ އަމިއްލަ ނަފުސް ސަލާމަތްކުރުމާއި ދަރިން ސަލާމަތްކުރުމަކީ އަހުރެމެންގެ މައްޗަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތެވެ.
އަހުރެމެންގެ ޢަޤީދާ ބަލިކަށިކޮށް ދީނުން ބޭރުކުރަން ކުރަމުން އަންނަ މަސައްކަތްތައް އަބަދުވެސް ކުރިއަށް ގެންދާނެއެވެ. ވީމާ އަހުރެމެންނަށް އޮތީ އެކަންކަމަށް ހޭލުންތެރިވެ ތިބުމެވެ. ދީނުގައި ޘާބިތުވެ ތިބުމުގެ ތައުފީޤް ދެއްވެވުން އެދި ދުޢާކުރުންމަތީގައި ތިބުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ކިބުރުވެރިކަމުގެ ނަތީޖާތަކުގެ ތެރޭގައި:
ފުރަތަމައީ: ﷲ ތަޢާލާގެ ދީނަށް އިންކާރުކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿بَلْ كَذَّبُوا بِمَا لَمْ يُحِيطُوا بِعِلْمِهِ وَلَمَّا يَأْتِهِمْ تَأْوِيلُهُ ۚ﴾ [سورة يونس ٣٩]
މާނައީ: "އަދި ކިއެއް ހެއްޔެވެ. އޭގައިވާ އެއްޗެއް (އެބަހީ: ޤުރުއާނުގައިވާ އެއްޗެއް) އެބައިމީހުންނަށް ނޭނގެނީސް އަދި އޭގެ މާނަ އެބައިމީހުންނާ ހަމައަށް ނާންނަނީސް، އެބައިމީހުން އެ ދޮގުކުރިއެވެ."
ދެވަނައީ: ޙައްޤަށް ފުރަގަސްދީ އެ އަޑުއަހަން ބޭނުން ނުވުން. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ.
﴿وَمَا تَأْتِيهِم مِّنْ آيَةٍ مِّنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ﴾ [سورة الأنعام : ٤]
މާނައީ: "އެބައިމީހުންގެ ރައްބުގެ އާޔަތްތަކުގެ ތެރެއިން، އެބައިމީހުން އެއަށް ފުރަގަސް ނުދޭ އެއްވެސް އާޔަތެއް އެބައިމީހުންގެ ގާތަށް އައިސްފައި ނުވެއެވެ."
ތިންވަނައީ: އެބައިމީހުންގެ ކިބައިގައި ހުރި ފައިދާ ނުކުރާ ޢިލްމުތަކާ މެދު ފަޚުރުވެރިވެ އެ ބޭނުންކޮށްގެން ﷲ ތަޢާލާގެ ދީނަށް އިޢުތިރާޟުކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَلَمَّا جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ فَرِحُوا بِمَا عِندَهُم مِّنَ الْعِلْمِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ﴾ [سورة الزخرف: ٨٣]
މާނައީ: "ފަހެ އެބައިމީހުންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން އެބައިމީހުންގެ ގާތަށް ވަޑައިގަތްހިނދު، އެބައިމީހުންގެ ކިބައިގައިވާ (ދުނިޔަވީ) ޢިލްމަށްޓަކައި އެބައިމީހުން އުފާކުރިއެވެ. އަދި އެބައިމީހުން ފުރައްސާރަކޮށް އުޅުނު ކަންތައް އައިސް އެބައިމީހުން ވަށައިލިއެވެ."
ހަތަރުވަނައީ: މަގުފުރައްދާ އިމާމުންނަށް ތަބާވުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَكَذَٰلِكَ مَا أَرْسَلْنَا مِن قَبْلِكَ فِي قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِم مُّقْتَدُونَ﴾ [سورة الزخرف : ٢٣]
މާނައީ: "އަދި ހަމަ އެ ފަދައިން އެ ރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން ތިމަންމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން އެބައިމީހުންގެ އަޘަރުތަކުގެ މަތީގައި ތިމަންމެން ތަބާވެގެން ހިނގާނަމޭ، ނުބުނާ އެއްވެސް ރަށަކަށް އިންޛާރު ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަން އިލާހު އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ."
އެންމެ ފަހު ނުކުތާއީ: މިއީ މިކަމުގެ އެންމެ ފަހު ނަތީޖާއެވެ. އެއީ ޙައްޤުން އެއްކިބާވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ ۚ ﴾ [سورة صف : ٥]
މާނައީ: "ފަހެ އެބައިމީހުން (ޙައްޤުން) އެއްކިބާވި ހިނދު، ﷲ އެބައިމީހުން ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ."
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ