އެއީ ތަނަވަސް ޢާއިލާއެއްގެ ދަރިއެކެވެ. އޭނާއަށް އެންމެ ކަމުދާ ސިފަތައް ހުރި އަންހެނަކު ފެނުމުން އޭނާއާއި ގުޅެން މަސައްކަތްކުރަމުން ގޮސް އޭނާ އާއި ބައްދަލުކުރިއެވެ. ދެފަރާތުގެ ޢާއިލާގެ ބޮޑެތި މީހުންގެ ޙާޒިރުގައި އަންހެން ކުއްޖާގެ ގޭގައެވެ.
ދެފަރާތުގެ ޢާއިލާގެ ތަޢާރަފަށްފަހު ބަހެއް ބުނުމުގެ ފުރުޞަތު އަންހެން ކުއްޖާއަށް ލިބުމުން އެދުނީ އެންމެ ކަމަކަށެވެ. އޭނާގެ ތަނަވަސްކަމުން މިންވަރަކަށް އެދުނީއެއް ނޫނެވެ. އެއްވެސް ބޭނުމެއް ފުއްދައިދިނުމަށް ނުވަތަ އެއްޗަކަށް އެދުނީއެއް ނޫނެވެ.
އެދުނީ އޭނާގެ ފޯނުން އެންމެ ކަމެއް ބަލައިލުމުގެ ފުރުޞަތު ދިނުމަށެވެ. އެއީ ސޯޝަލް މީޑިއާ ބޭނުންކޮށްފައި ހުރި ގޮތް ބަލައިލުމަށެވެ. ލައިކްކޮށްފައި ހުރި ކަންތައްތައް ބަލައިއިލުމަށެވެ. އެއީ އެއްވެސް ކަމަކަށް ނުހަދައި ފޯނު ހުޅުވާފައި ދިނުމުން އެއަންހެންކުއްޖާ ބޭނުންވި ކަންކަން ބަލައިލުމަށްފަހު ބުނީ ކައިވެނިކުރަން ބޭނުން ނޫން ކަމަށެވެ. ސަބަބާއިމެދު ސުވާލުކުރުމުން ބުނީ ކަލޭގެ ވިސްނުމަކީ ޝައިޠޯނީ ޢަމަލުތަކުން ތަޣައްޔަރުވެފައިވާ ވިސްނުމެއް ކަމަށެވެ.
އެކަންކަން އިޞްލާޙްކުރާނެ ކަމަށް ބުންޏެވެ. އަދި ކައިވެނިކޮށްފިނަމަ މިވެނި އެވެނި އަގު ބޮޑު ކަންކަން ކޮށްދޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެއަންހެންކުއްޖާގެ ވިސްނުން ބަދަލެއް ނުކުރުމުން އެ ތަނަވަސް ފިރިހެން ކުއްޖާއަށް ޖެހުނީ މާޔޫސްވެހުރެ ހުސްއަތާ ނުކުމެގެންދާށެވެ.
އެނގުނީ ކޮން ކަމެއް ހެއްޔެވެ؟ މިލިބުނީ ކޮން ފިލާވަޅެއް ހެއްޔެވެ؟ ޖަވާބަކީ ކިތަންމެ ފަޤީރު ނަމަވެސް ޒަވާޖީ ހަޔާތާއިމެދު ފުންކޮށް ވިސްނާ އަންހެންކުދިން ގުޅެން ބޭނުންވަނީ ރަނގަޅު އަޚްލާޤް ލިބިގެން ތިބޭ ޒުވާނުންނާއި ކަމެވެ. އެކުދިން ބޭނުންވަނީ ސާފުޠޯހިރު ބައިވެރިއެއް ކަމެވެ.
ހުރިހާ އަންހެނެންކުދިންވެސް އެމީހުންގެ ކައިވެންޏާއިމެދު މިފަދަ ގޮތަކަށް ވިސްނާނަމަ ޒަވާޖީ ޙަޔާތް އުފާވެރިކުރެވޭނެއެވެ. ކާމިޔާބުކުރެވޭނެއެވެ. އުފާވެރިކަމުގައި ދިރިއުލެވޭނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ވާހަކަފުޅަކުން