ޢަލީ އިޙްޞާން ފިރާޤް
މޫސާގެފާނުގެ މާތްކަން:
މޫސާގެފާނަކީ ނަބިއްޔުންނާއި ރަސޫލުންގެ ތެރެއިން ޚާއްޞަ އިމްތިޔާޒީ މަޤާމެއް ހާސިލު ކުރައްވައިފައިވާ ރަސޫލުބޭކަލެކެވެ. އަރަހުށި މާތްﷲ ވަނީ އެކަލޭގެފާނު އެއްވެސް މެދުވެރިއެއްނެތި ބަސްފުޅު ވަޙީ ކުރެއްވުމުން ހޮއްވަވައި ޚިޔާރު ކުރައްވައިފައެވެ. ސޫރަތުލް އަޢުރާފުގެ 144 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالَ يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ ﴿١٤٤﴾
މާނައީ: [އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ތިމަންރަސްކަލާނގެ رسول ކަމާއި، އަދި ބަސް وحى ކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު خيار ކުރައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكر ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!]
މަރްޔަމް ސޫރަތުގެ 51 ވަނަ އާޔަތުގައި މޫސާގެފާނު ސިފަކުރައްވައިފައިވަނީ ޚިޔާރު ކުރައްވައިފައިވާ ރަސޫލުބޭކަލެއް އަދި ނަބީބޭކަލެއް ކަމުގައެވެ.
وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَّبِيًّا ﴿٥١﴾
މާނައީ: [ކަލޭގެފާނު މިފޮތުން موسى ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيار ކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ.]
އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ.
[އިސްރާ އާއި މިޢުރާޖުގެ ރޭގައި ތިމަންކަލޭގެފާނު، الكثيب الأحمر އޭ ކިޔުނުތަނުން މޫސާގެފާނުގެ ކައިރިން ވަޑައިގެންނެވީމެވެ. އޭރު އެކަލޭގެފާނު ޤަބުރުފުޅުގައި ހުންނަވައިގެން ނަމާދުފުޅު ކުރައްވަނީއެވެ.] {صحيح مسلم،كتاب الفضائل،باب مِنْ فَضَائِلِ مُوسَى صلى الله عليه وسلم ، ޙަދީޘް ނަންބަރު 5858}
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ، الأزرق ވާދީން ވަޑައިގަންނަވަމުން ޙަދީޘް ކުރެއްވިއެވެ.
" أَىُّ وَادٍ هَذَا " . فَقَالُوا هَذَا وَادِي الأَزْرَقِ . قَالَ " كَأَنِّي أَنْظُرُ إِلَى مُوسَى - عَلَيْهِ السَّلاَمُ - هَابِطًا مِنَ الثَّنِيَّةِ وَلَهُ جُؤَارٌ إِلَى اللَّهِ بِالتَّلْبِيَةِ " {صحيح مسلم،كتاب الإيمان،باب الإِسْرَاءِ بِرَسُولِ اللَّهِ صلى الله عليه وسلم إِلَى السَّمَوَاتِ وَفَرْضِ الصَّلَوَاتِ ، ޙަދީޘް ނަންބަރު 166}
މާނައީ: މިއީ ކޮން ވާދީއެއް ހެއްޔެވެ؟ ދެންނެވުނެވެ. މިއީ الأزرق އޭ ކިޔުނު ވާދީއެވެ. ޙަދީޘް ކުރެއްވިއެވެ. މޫސާގެފާނު އިޚްލާޞްތެރިކަމާއެކު ތަލްބިޔާ ވިދާޅުވަމުން الثنية އިން ތިރިއަށް ފައިބައިވަޑައިގަންނަވާ މަންޒަރު ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ ކަހަލައެވެ.]
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.
لاَ تُخَيِّرُونِي عَلَى مُوسَى، فَإِنَّ النَّاسَ يَصْعَقُونَ يَوْمَ الْقِيَامَةِ، فَأَكُونُ فِي أَوَّلِ مَنْ يُفِيقُ، فَإِذَا مُوسَى بَاطِشٌ بِجَانِبِ الْعَرْشِ، فَلاَ أَدْرِي أَكَانَ مُوسَى فِيمَنْ صَعِقَ فَأَفَاقَ قَبْلِي، أَوْ كَانَ مِمَّنِ اسْتَثْنَى اللَّهُ " "{ صحيح البخاري، كتاب الرقاق، باب نَفْخِ الصُّورِ، ޙަދީޘް ނަންބަރު 6517}
މާނައީ: މޫސާގެފާނަށްވުރެ ތިޔަބައިމީހުން ތިމަންކަލޭގެފާނު މާތްކޮށް އިޚްތިޔާރު ނުކުރާށެވެ. ޤިޔާމަތް ދުވަހުން މީސްތަކުން ހޭނެތިގެން ދާނެއެވެ. އެއަށްފަހު އެންމެ ފުރަތަމަ ހޭވެރިކަންވާނީ ތިމަންކަލޭގެފާނެވެ. ދަންނާށެވެ! އޭރު މޫސާގެފާނު ހުންނަވާނީ ޢަރުޝީގެ އެއްފަރާތެއްގައި ހިއްޕަވައިގެންނެވެ. މުސާގެފާނު ވެވަޑައިގެންނެވީ ހޭފުޅުނެތުނު މީސްތަކުންގެ ތެރެއިން ކަމެއް ނުވަތަ އެކަލޭގެފާނު ހޭފުޅުނެތިވަޑައިގެން ހޭފުޅު އެރުއްވީ ތިމަންކަލޭގެފާނުގެ ކުރީން ކަމެއް ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފައެއްނުވެއެވެ. ނުވަތަ އެކަލޭގެފާނު ވަޑައިގެންނެވީ ހޭފުޅުނެތުމުން އިސްތިސްނާ ކުރެއްވި މީސްތަކުންގެ ތެރެއިންކަމެއްވެސް ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނެތެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" رَأَيْتُ عِيسَى وَمُوسَى وَإِبْرَاهِيمَ، فَأَمَّا عِيسَى فَأَحْمَرُ جَعْدٌ عَرِيضُ الصَّدْرِ، وَأَمَّا مُوسَى فَآدَمُ جَسِيمٌ سَبْطٌ كَأَنَّهُ مِنْ رِجَالِ الزُّطِّ " { صحيح البخاري، كتاب أحاديث الأنبياء، بَابُ: {وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انْتَبَذَتْ مِنْ أَهْلِهَا}، ޙަދީޘް ނަންބަރު 3438}
މާނައީ: [އިސްރާ އާއި މިޢުރާޖުގެ ރޭގައި ތިމަންކަލޭގެފާނު ޢީސާގެފާނާއި، މޫސާގެފާނާއި، އިބްރާހީމުގެފާނު ދެކެވަޑައިގަތީމެވެ. ޢީސާގެފާނާ މެދު ދަންނާށެވެ. އެކަލޭގެފާނަކީ ރަތްދޮންކުލައިގެ ބޭކަލެކެވެ. އިސްތަށިކޮޅުތަށް ބުޅި، ބާމަތިފުޅާ ބޭކަލެކެވެ. މޫސާގެފާނާ މެދު ދަންނައެވެ. އެކަލޭގެފާނަކީ، ދޮން އޮޅަލި ކުލައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ އިސްތަށިކޮޅުތައް ފަނެވެ. ހެދިހުރި ދިގު އިސްކޮޅެއް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ. އެކަލޭގެފާނު الزُّطّ ގެ މީސްތަކުންގެ ތެރެއިން މީހެއްފަދައެވެ.]