ގިނަބައެއްގެ ދިރުއުޅުން ހަލާކުވެ ހިތާމަކުރަންޖެހެނީ ލިބިފައިވާ ބައިވެރިޔާއަށްވުރެ މާފުރިހަމަކަމަށް ޝައިޠޯނާ ދައްކާ މީހުންގެ ބަހަށް ހެއްލެވި އެމީހުންގެ ފަހަތުން ދެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
ގިނަބައެއްގެ ދިރުއުޅުން ހަލާކުވެ ހިތާމަކުރަންޖެހެނީ ލިބިފައިވާ ބައިވެރިޔާއަށްވުރެ މާފުރިހަމަކަމަށް ޝައިޠޯނާ ދައްކާ މީހުންގެ ބަހަށް ހެއްލެވި އެމީހުންގެ ފަހަތުން ދެވޭތީ!

އެއިރު އަޅުގަނޑަކީ ކިޔަވާ ދަރިވަރަކީމެވެ. ނަމަވެސް ހުރީ ކައިވެނިކޮށްގެންނެވެ. އެއިރުވެސް ކައިވެންޏާއި ވަރީގެ ކަންކަމަކީ އަޅުގަނޑު ވަރަށް ބޮޑަށް ވިސްނަމުން އައި ކަންކަމެވެ.

ދޭތެރެއަކުން ކޮންމެވެސް އެކުވެރިއަކު ވަރަށް ރީތި އަނހެންކުއްޖަކު ދައްކަފާނެއެވެ. އަނބިމީހާއަށްވުރެ ހުރިހާ ގޮތަކުން ސިފަ މާރީތިކުދިން ދައްކައެވެ. އަޅުގަނޑު ބުނަމެވެ. ރީތިކަން ޔަޤީންވާނީ ފުރަގަސް ބަލައިލީމައެވެ. މާނައަކީ އޭނާގެ އުޅުން ހުންނަ ގޮތް ބެލުމެވެ.

އެކަންކަމަށް ބަލައިލާއިރު އަނބިމީހާގެ ކިބައިގައި ހުންނަ އުނިސިފަތަކަށްވުރެ އެރީތިކުއްޖާގެ ކިބައިގައި ހުންނަ އުނިސިފަތައް މާގިނަވެއެވެ. ވީމާ މިރޭ މިވާހަކަކޮޅު ދައްކާލަން ހަމަ ބޭނުންވީއެވެ.

ދެމަފިރިންގެ ހަމަ ވަރަށް ބުރަ މަސައްކަތުން ދިރިއުޅުމުގެ ބޮޑު ބައެއް އާރާސްތުކުރެވޭ ފަހުން ބޮޑެތި މައްސަލަތައް އެބަ ކުރިމަތިވެއެވެ. ކުރިން ލޯބިން އެކުގައި ދެމަފިރިން އުޅުނު ދުވަސްތައް މަތިން ހަމަ ހަނދާންވެސް ނެތިގެން އެބަދެއެވެ.

އެ ޙާލަތުގައި ކޮންމެވެސް ބަހަނާއެއް ދައްކައިގެން ކައިވެނި ރޫޅައިލަން ބޭނުންވާ މީހާއަށް ކަމުދާ ގޮތަށް އަނެކާއަށް ހަމަ އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވާނެއެވެ. ސަޖިދައިގައި އޮތް ނަމަ އޮތްގޮތުންވެސް ކުށް ދައްކައި ޒުވާބުކުރާ ހާލަތަށް ކަންކަން އެބަދެއެވެ. ވީމާ މިފަދަ މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބާއިމެދު ފުންކޮށް ވިސްނާލަން މަސައްކަތްކުރަމާ ހެއްޔެވެ؟

ދެމަފިރިއަކު ކައިވެނިކޮށްގެން އުފަލުގައި އުޅޭނަމަ އެދެމެދަށް ވަންނަން ކުރެވުނުހައި ސައްކަތެއް ޝައިޠޯނާ ކުރާނެއެވެ. އަނބިމީހާ ގާތު ބުނާނީ ފިރިމީހާގެ މިވެނި އެވެނި އުނިސިފަތަކެއް އެބަހުރިކަމަށާއި މާފުރިހަމަ ފިރިއަކު ލިބިދާނެ ކަމަށެވެ. ފިރިމީހާ ގާތު ބުނާނީ އަނބިމިހާގެ މިވެނި އެވެނި އުނިސިފަތަކެއް އެބަހުރި ކަމަށާއި މާފިރިހަމަ އަންތބަކު ލިބިދާނެ ކަމަށެވެ. ވީމާ މިކަމުގައި ދިމާވާ އެންމެ ނުރައްކާތެރި މައްސލައަށް ފުންކޮށް ވިސްނައިލަން ޖެހެއެވެ.

މިވެނި ފިރިހެނަކު މިހާރުވެސް ހުރީ ތިބާއަށް އެދިގެން ކަމަށް ބުނެ ތިބާ ގާތު ޝައިޠޯނާ ދޮގުހަދާނެއެވެ. އެއީ ދޮގެއް ނަމަވެސް ތެދެއް ކަމަށް ވަރަށް ފަސޭހައިން ޤަބޫލުވެސް ކުރެވެއެވެ. ސަބަބެއްވެސް އޮތުމުންނެވެ.

ތިބާ އެންމެ ހިތް އެދޭ މީހަކީ ކާކުކަން ނުވަތަ ފިރިމީހާ ނޫން ފިރިހެނަކަށް ހިތް ކިޔާނަމަ އެކަން ދެނެގަތުމުގެ ބާރު ޝައިޠޯނާއަށް ލިބިފައިވާތީ ޝައިޠޯނާ އެގޮތަށް ވަސްވާސްދިނުމުން އެއީ ތެދެއްކަމަށްވެސް ޤަބޫލުކުރެވެނީއެވެ. ހަމަ މިކެހި މިގޮތަށް ފިރިމީހާއަށްވެސް ދޭނެއެވެ.

މިބުނި ބަހުގެ ހެކި ވަރަށް ގިނައިން ވާނީ ތަޖުރިބާ ކުރެވިފައެވެ. މިވެނި މީހަކު އުޅޭ ގޮތުން އޭނާއަށް ހިތް ކިޔައި ކައިވެނި ރޫޅައިލާފަހުން ކުރެވުނީ ކުށް ހީއެއްކަން އެނގި ދެކޮޅުން ލަނޑު ލިބުނީ ކިތައް މީހުންނަށް ހެއްޔެވެ؟

އަދި ގިނަ ފަހަރު މިވެނި ފިރިހެނަކު/އަންހެނަކު މާރަނގަޅުވާނެ ކަމަށް ބަލައިގެން ކައިވެނި ރޫޅާލައި އެމީހަކާއި ކައިވެނި ކުރާފަހުން އެމީހާއަކީ ކުރީގެ އަނބިމީހާ/ފިރިމީހާއަށްވުރެ މާނުބައި މީހެއްކަން އެނގެނީ ކިތައް ފަހަރު ހެއްޔެވެ؟

ޝައިޠޯނާ މިގޮތަށް ކަންތައް ކުރަނީ ހަމަ އެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިންނަށްވެސް ވަސްވާސްދީގެން ހަމަ މިލަނޑު ދެއެވެ. ހަމަ މިމަޅީގައި ޖައްސުވައެވެ. ހަމަ މިގެއްލުން ދެއެވެ.

މިކަން އިބިލީސް ކުރަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ކައިވެނި ރޫޅައި ލުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާކަމަކަށްވާތީ އެކަން ތިބާ ލައްވައި ކުރުވަން ބޭނުންވެގެންނެވެ.

އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ކުރަން އޮތް އާދޭހަކީ އަދި އިލްތިމާސަކީ ޝައިޠޯނާގެ މި މަޅީގައި ނުޖެހުމެވެ. އެއްވެސް މީހަކީ ހުރިހާ ކަންކަން ފުރިހަމަ މީހަކަށް ނުވާނެއެވެ. ފިރިހީމީހާ ނުވަތަ އަނބިމީހާގެ ކިބައިގައި އުނިކަމެއް ހުރި ނަމަވެސް ހައްލަކީ ކައިވެނި ރޫޅައިލުން ކަމަށް ނުދެކޭށެވެ! އެކަމެއް އިޞްލާހުކުރުވަން މަސައްކަތް ކުރާށެވެ!

ދެން އެހެން ގޮތެއެ ނެތިގެން ނޫނީ ވަރިއާއިމެދު ނުވެސް ވިސްނާށެވެ! މުސްލިމުންނަށް ވަރިކުރުމަކީ ކުރަން ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް ޙަޤީޤީ ސަބަބެއް ނެތި ވަރިކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ! އެކަމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ! ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑި ނުގަންނަވާ ކަންތައް ކުރުމުން ލިބޭނެ ގެއްލުން މާބޮޑުވާނެކަން ޔަޤީންކުރާށެވެ!

މާރީތި، މާފުރިހަމަ، މާތަނަވަސް، ބައިވެރިން ހޯދަން، ތިމާއަށް ލިބިފައިވާ ބައިވެރިޔާ ދޫކޮށް ދިއުމުން ކަރުނައިގެ ކަނޑަށް ޣަރަޤް ނުވެ ސަލާމަތްވެވިފައިވަނީ ހަމަ ހާހަކުން މީހަކަށެވެ. އެމީހުން އާޚީރަތް ދުވަހު އެކަން ދެކޭނެތެވެ! އިސްލާމް ދީނުގައި ވަރިކުރުމާއި ވަރިވުން ހުއްދަ ނަމަވެސް އެކަމަކީ ރީތިކަމާ ފައިސާގެ ފަހަތުން ދުވަން ކުރަން ހުއްދަ ކަމެއް ކަމަށް ބުނެވޭނެ ހަމަ އެއްވެސް އެއްގޮތެއް ނެތެވެ. އެހެނީ އިސްލާމް ދީނަކީ އެއްވެސް މީހަކަށް އަނިޔާވެރިވުން ހުއްދަ ދީނެއް ނޫނެވެ. ވީއިރު އެކަކަށް ލިބިދާނެ އުފަލަކަށްޓަކައި އަނެކާގެ އުފާތައް ކަތިލަން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބޮޑު މައްސަލައަށް ފުންކޮށް ވިސްނާށެވެ! ދިރިއުޅުން އުޖާލާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތައާލާއަށް އަޅުކަން ކުރުމުގެ ފުރުޞަތުވެސް އިތުރުވެގެންދާނީ ހަރުދަނާ ދިރިއުޅުމެއް އުޅެވޭނަމައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން