ތިބާއަށް މީހަކު ނުބައިކޮށް ކަންކަން ކުރިޔަސް އެމީހަކަށް ރައްދުނުދީ ބަދަލުނުހިފީމާ ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިބާއަށް މީހަކު ނުބައިކޮށް ކަންކަން ކުރިޔަސް އެމީހަކަށް ރައްދުނުދީ ބަދަލުނުހިފީމާ ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

މީހަކު ތިބާއަށް ދެރައެއް ދިނަސް، ދޮގުއިލްޒާމެއް އެޅުވިނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ތިބާ ދެރަކޮށްލައި ނިކަމެތިކުރަން މަސައްކަތްކޮށްފިނަމަ އެކަމުގެ ސަބަބުން ތިބާއަށް ކުރާނީ ފައިދާއެވެ. ވީމާ އެމީހެއްގެ ކިބައިން ބަދަލުހިފަން ނުވިސްނައި ﷲ ތަޢާލާ ދެއްވަވާނެ ބަދަލަށް އިންތިޒާރުކުރާށެވެ! އެބަދަލުން ކުރާނެ ފައިދާ މާބޮޑުވެފައި މާއުފާވެރިވާނެއެވެ!

މީހަކު ތިބާގެ ހިތުގަ ޖެހޭ ފަދަ ބަސްތައް ބުނުމަކީ އަދި ތިބާގެ ނަސަބާއި ދަރަޖައަށް އަރައިގަތުމަކީ ހަމައެ މޭރުމުން އެމީހާއަށް ރައްދުދިނުން ހުއްދަވާ ސަބަބެއް ނޫނެވެ. ވީމާ އޭނާ މުޚާތަބްކުރިފަދައިން މުޚާޠަބްކުރުމާއި އޭނާ ކަންކުރި ގޮތަށް ކަންކުރުން ފަދަ ގޮތްތަކަށް ޢަމަލު ނުކުރާށެވެ!

އެހެން މީހެއްގެ ކިބައިގައި ހުރި ނުބައި ސިފަތަކުގެ ސަބަބުން ތިބާގެ ޝަޚްޞިއްޔަތަށް ނޭދެވޭ އަސަރުކުރިއަ ނުދޭށެވެ. އޭނާ އެކުރި ނުބައި ކަންކަން ވަނީ އޭނާއަށެވެ! ތިބާއަކަށް ނޫނެވެ! ވީމާ ތިބާ އޭނާ ފަދައިން ކަންކަން ނުކުރާށެވެ! ކޮށްފިނަމަ ތިބާވެސް ވެއްޓިގެން އެދަނީ އޭނާގެ ދަރަޖައަށެވެ.

އެއިގެ ބައްދަލުގައި ރައްދުނުދިނުމުން ނުވަތަ ބަދަލު ނުހިފުމުން ތިބާގެ ދަރަޖަ އުފިލިގެންދާނެއެވެ! ލިބުނު ފުރުޞަތުގަ ތިމާގެ އުފުއްލައިލާށެވެ! --މުފްތީ މެންކް

މިހާރަކަށް އައިސް އެންމެ ގިނައިން މިފަދަ ކަންކަން ހިނގަނީ ސޯޝަލް މީޑިއާގައެވެ. މީހަކު ނުބައި ބަސްތައް ބުނެ ދޮގު ތުހުމަތުކޮށް، ބަދުނާމުކުރަން މަސައްކަތް ކުރި ނަމަވެސް އެމީހާ އާއި އެއްފެންވަރަށް ކަންކަން ނުކުރާށެވެ! ޢަބުރު ރައްކަތެރިކުރުމުގެ ގޮތުން ބުނަން އޮތް ހައްޤު ބަސް ބުނުން ފިޔަވައި އިތުރު ކަންކަން ނުކުރާށެވެ! އެމީހެއްގެ އުނދަގޫ ބޮޑުވާނަމަ އަވަހަށް ބްލޮކްކޮށްލާށެވެ! އެއިރުން އޭނާ ކިޔާ އެއްޗެއް ތިބާއަކަށް ނޭނގޭނެއެވެ.

ޢިބްރަތް ޙާޞިލުކުރަންވީ ޞަޙާބީންގެ ސިޔަރަތުންނެވެ! އެބޭކަލުންނަށް ނުބައި ބަސްތައް ބުނާ މީހުންނަށް ދެއްވެވީ އިނާމެވެ! ފޮނުއްވެވީ ހަދިޔާއެވެ. އެއީ އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ލިބިވަޑައިގެންނަވާނެ މަންފާއަށްޓަކައެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކު

މިއަދު އޮންލައިން