ގިނަ ބައަކަށް ލަނޑުލިބެނީ ގާތް މީހުން ބުނާ ވާހަކަތައް ޤަބޫލުކޮށް ޙަޤީޤަތް ނުބަލާ ބައިވެރިޔާއަށް ފިޔަވަޅު އަޅާތީ! އެވަރަށް އިތުބާރުކުރަންޖެހޭނެ މީހަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ގިނަ ބައަކަށް ލަނޑުލިބެނީ ގާތް މީހުން ބުނާ ވާހަކަތައް ޤަބޫލުކޮށް ޙަޤީޤަތް ނުބަލާ ބައިވެރިޔާއަށް ފިޔަވަޅު އަޅާތީ! އެވަރަށް އިތުބާރުކުރަންޖެހޭނެ މީހަކު ނުހުންނާނެ!

އެކުވެރިންގެ ތެރޭގައި ވަރަށް ރަނގަޅު މީހުންވެސް ތިބޭނެއެވެ! އިތުބާރުކުރަން ޖެހޭނެ މީހުންވެސް ތިބޭނެއެވެ. އެހެންކަމާއިއެކުގައިވެސް ބައިވެރިޔާ އާއިމެދު ދައްކާ ވާހަކަ ޤަބޫލުކޮށް ފިޔަވަޅު އަޅަންޖެހޭނީ އެކަމުގެ ޙަޤީޤަތް ހޯދައި ޔަޤީންކުރުމަށްފަހުގައެވެ. 

ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. އަނބިމީހާ އަކީ މާކެޓިންގ އެގްޒެކަޓިވްއެކެވެ. ރަނގަޅު މުސާރައެއްވެސް ހޯދާ އަންހެނެކެވެ. ދެމަފިރިންނަށް އުފަލުގައި އުލެވެނީ އަނބިމީހާއަށް އެވަރުގެ ބޮޑު މުސާރައެއް ލިބޭތީއެވެ. 

ފިރިމީހާގެ އެންމެ ގާތް، އެންމެ އިތުބާރުކުރެވޭ އެކުވެރިއަކު ބުނީ އަނބިމީހާ ހިލޭ ފިރިހެނަކާއިއެކު ރެސްޓޯރަންޓަކުން ވަރަށް ގިނައިން ފެންނަ ކަމަށެވެ. ދެމީހުން އެކުގައި ނަގާފައި ހުރި ފޮޓޯތަކެއްވެސް ދެއްކިއެވެ. 

ފިރިމީހާ އެހިސާބުން އޭނާގެ ވާހަކަ ޔަޤީންކުރިއެވެ. އަނބިމީހާއަށް އެއްޗެތި ގޮވައި ބޭވަފާތެރިވެއްޖެކަމަށް ބުނެ ވަރިކުރާ ޙާލަތަށް ދިއުމުން އަނބިމީހާ އެދުނީ އެންމެ ކަމަކަށެވެ. އެރެސްޓޯރަންޓަށް އޭނާއާއިއެކު ގޮސްދިނުމަށެވެ. 

ރެސްޓޯރަންޓަށް ގޮސް އެމީހާ އާއި ބައްދަލުކުރިއެވެ. އޭނާއަކީ ރެސްޓޯރަންޓްގެ ވެރިމީހާގެ ދަރިފުޅެވެ. ރެސްޓޯރަންޓު ހިންގުމުގައި އިސްކޮށް މަސައްކަތްކުރަނީ ދަރިފުޅެވެ. އޭނާ އާއި ބައްދަލުކުރަނީ އެރެސްޓޯރަންޓަކީ އޭނާއަށް އެންމެ ގިނަ ވިޔަފާރިދޭ އެއް ކަސްޓަމަރުކަމަށްވާތީއެވެ. 

ފިރިމީހާގެ ގާތުގައި އެވާހަކަ ދެއްކި އެކުވެރިޔާއަށް އޮޅުން އެރީ ރެސްޓޯރަންޓުގެ މުވައްޒިފުން ލާފަދަ ޔުނިފޯމެއް ނުލައި އޭނާ ހުންނާތީ އެވެ. މުވައްޒިފުން ލާފަދަ ޔުނިފޯމް ވެރިން ނުލާނެކަމާއިމެދު އޭނާ ވިސްނައެއް ނުލައެވެ. 

ދެން ފާހަގަކުރަންޖެހޭ ކަމަކީ ފިރިމީހާގެ އެކުވެރިޔާއަށް އެދެމީހުން ފެނިފައި އެވަނީ އެރެސްޓޯރަންޓުން ކަމަސްވާއިރު އޭނާއަށް އެފަދަ ޝައްކެއްވުމުން އެންމެ ކުޑަމިނުން ރެސްޓޯރަންޓުގެ މުވައްޒިފެއްގެ ގާތުގައި އެމީހާ އާއިމެދު ސުވާލުވެސް ކޮށްނުލި ކަމެވެ. ސުވާލުކޮށްލި ނަމަވެސް ހަޤީޤަތް އެނގުނީހެވެ. 

ދެން ބުނެލަން ޖެހެނީ އެންމެ ދެރަވާންޖެހުނު ކަންތަކެވެ. އަނބިމީހާ، އޭނާގެ ކުށެއް ނެތްކަމާއި  ބޭވަފާތެރިނުވާކަން ޘާބިތުކޮށްދީފައި އެހިސާބުން ފިރިމީހާ އާއި ވަކިވީއެވެ. ފިރިމީހާއަށް އަނބިމީހާ ގެއްލުނީއެވެ. އަނބިމީހާގެ ކިބައިން ލިބެމުން އައި މާލީ އެހީތެރިކަންވެސް ކެނޑުނީއެވެ. ކުއްޔަށް ހިފައިގެން އުޅުނު އަގުބޮޑު ފްލެޓްވެސް ދޫކޮށްލަންޖެހުނީއެވެ. 

އެކުވެރިންނޭވެ! ޙަޤީޤަތް ނުބަލައި ބައިވެރިޔާ އާއިމެދު ފިޔަވަޅު އެޅުމުން މިފަދަ ބޮޑެތި ދެރަތައް އަނބިންނަށްވެސް އަދި ފިރިންނަށްވެސް ލިބެއެވެ. ވީމާ ކިތަންމެ ގާތް އެކުވެރިއަކު ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް އެކަމުގެ ޙަޤީޤަތް ނުބަލައި ބައިވެރިޔާއަށް ފިޔަވަޅު ނުއަޅާށެވެ! ލިބޭނެ ދެރަ ވަރަށް ބޮޑުވާނެއެވެ. ކިތަންމެ ބޮޑު ހިތްދަތިކަމެއްވެސް ކުރިމަތިވެދާނެއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން