ގެވެށިއަނިޔާ އެއްބައަކަށް މާނަކުރެވެނީ ކުރާ ޖިސްމާނީ އަނިޔާތަކާއި ނުބައިބަސްތައް ބުނުން ފަދަ ކަންކަމަށެވެ. ނަމަވެސް އެއިގެ މާނައަކީ މާ ފުޅައު މާނައެކެވެ. އިސްލާމް ދީނުގައި އަނބިންނަށް މަނާވެގެންވާ ކަންކަން ނޫން އިތުރު ކަންކަން މަނާކޮށް އަޅުވެތިކުރުވުމަކީވެސް ހަމަ ގެވެށި އަނިޔާގައި ހިމެނޭ ކަންކަމެވެ.
މީގެ އިތުރުން އަނބިމީހާއަށް ލިބެންޖެހޭ ޙައްޤުތައް ލިބުމަށް ހުރަސް އެޅުމަކީވެސް ހަމަ ގެވެށިޔާގެ ތެރެއިން ހިމެނޭ ކަންކަމެވެ. މިޘާލަކަށް އަނބިމީހާ މަސައްކަތްކޮށްގެން ޢާމްދަނީ ހޯދާނަމަ އޭނާގެ މަސައްކަތުން ލިބޭ އާމްދަނީން އޭނާ ކުރަންބޭނުންވާ (އިސްލާމް ދީނުގައި ހުއްދަކުރާ) ޚަރަދުތައް ކުރުން ހުއްޓުވުމަކީ ފިރިމީހާގެ މައްޗަށް އޮތް ޙައްޤެއް ނޫނެވެ. އޭނާގެ މައިންބަފައިންނާއި ޢާއިލާއަށް ޚަރަދުކުރުމާއި ޞަދަޤާތްކުރުން ފަދަ ކަންކަން ކުރަން ހުރަސް އެޅުމަކީ ކުރެވޭ ފާފައެކެވެ.
ކައިވެންޏަށްފަހު ފިރިމީހާއަށްވެސް އަދި އަނބިމީހާއަށްވެސް އޮތީ އިސްލާމް ދީނުގައިވާ މަގުން ކަންކަން ކުރުމެވެ. ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް އިންތަކެއް ވެއެވެ. އެއިންތަކުގައި ހިފެހެއްޓުމަކީ ދެމީހުންގެ މައްޗަށްވެސް އޮތް ވާޖިބެކެވެ.
އުފާވެރިކަން ލިބޭނީ ދެމީހުން މަޝްވަރާކޮށްގެން ކަންކަން ކުރުމުންނެވެ. ހަމައެކަނި ތިމާ ބޭނުންވާ ގޮތަކަށް ހުރިހާ ކަންކަން ކުރަންޖެހޭނެ ކަމަށް ކަނޑައަޅައިފިނަމަ މައްސަލަތައް ނުޖެހިއެއް ނުދާނެއެވެ.
ކާމިޔާބުކަމާއިއެކު އުފަލުގައި ދިރިއުޅެމުންދާ ދެމަފިރިންގެ ޙަޔާތަށް ބަލާށެވެ. އެމީހުން އެމީހުން ކަންކަން ކުރާނީ މަޝްވަރާކޮށްގެންނެވެ. ދެމީހުންނަށް ރުހެވޭ ގޮތަށެވެ. އިސްލާމް ދީނުގައިވާ އިންތަކުގެ ބޭރުން މަޖުބޫރުކުރުވުމާއި އަޅުވެތިކުރުވުމުގެ އުޞޫލެއް ނުގެންގުޅޭނެއެވެ.
ހަމައެއާއިއެކު ޤަބޫލުކުރަންޖެހޭނެ ކަމަކީ ބިރުދައްކައިގެން ނުވަތަ މަޖުބޫރުކުރުވައިގެން އެއްވެސް މީހެއްގެ ވިސްނުން ބަދަލުނުކުރެވޭނެ ކަމެވެ. އިޞްލާޙްވެސް ނުކުރެވޭނެކަމެވެ. ކަންކަން އިޞްލާޙްކުރުވޭނީ ވިސްނައިދީގެން ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގެވެށި އަނިޔާ އާއިބެހޭ ގޮތުން ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައިވާ ބަސްފުޅެއްގެ ހަނދާންވެސް އައުކޮސްލާނަމެވެ.
ގިނަފަހަރަށް ގެވެށިއަނިޔާ ލިބޭމީހުން އެމީހުންގެވާހަކަ އެހެންމީހުންނާ ހިއްސާނުކުރޭ އެއީ އެހެންމީހުން ތިމާގެ ވާހަކަ ގަބޫލުނުކޮށްދާނެކަމުގެ ބިރަށް. ތިމާގެ އާއިލާގެ މީހުން އެވާހަކަތައް ދޮގުކޮށްފާނެކަމަށް.
އަނެކާ، ތިމާގެ ބާރުގެދަށުގައި ބެހެއްޓުމަށްޓަކާ ،ތިމާގެ ބައިވެރިޔާ ކޮންޓުރޯލް ކުރުމަށްޓަކާ ކުރާ ކޮންމެ ކަމަކީ ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަންކަން.
އެއީ ބައިވެރިޔާގެ ބޭންކު ކާޑު ތިމާގެ އަތުގައި ބޭއްވުން ކަމުގައިވިޔަސް،ގޭތެރޭގެ ބޭނުމަށް ގަނެވޭނެ ތަކެތި ތިމާގެ ހުއްދައާއި ނުލާނުގަނެވޭގޮތަށް އޮތުންވެސް، އަދި ނުހައްގުން ބައިވެރިޔާގެ ގައިގާ އަތްލުން/ އަތްއިސްކުރުން/ޖެހުން ކަމުގައިވިޔަސް -މި ޢަމަލުތައްވަންނާނީ ގެވެށިއަނިޔާގެ ތެރެއަށް. މިކަހަލަ ކަމެއް ތިބާއަށް ކުރިމަތިވަމުންދާނަމަ އެންމެ އިތުބާރުހިފޭ މީހަކާހިއްސާކުރުމާއި އެކު އެހީހޯދާ! މަޑުންނުހުރޭ!
- ޑރ. މުޙައްމަދު ޢަލީ