ޢަލީ އިޙްޞާން ފިރާޤް
އަވަހާރަވުން:
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ މަލަކުލް މައުތު މޫސާގެފާނުގެ އަރިހަށްވަޑައިގެން ދެންނެވިއެވެ. [ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަށް ކަލޭގެފާނު އިޖާބަދެއްވާށެވެ.] (އެބަހީ: ތިމަންކަލޭގެފާނު މިވަޑައިގަތީ، ކަލޭގެފާނުގެ ފުރާނަފުޅު ހިއްޕަވާށެވެ.!) ނަބިއްޔާ ހަދީޘް ކުރެއްވިއެވެ. [މޫސާގެފާނު މަލަކުލް މައުތުގެ ލޯފުޅުގައި ޖައްސަވައި، އެކަލޭގެފާނުގެ ލޯފުޅު ކަނުކޮށްލެއްވިއެވެ. ދެން މަލަކުލްމައުތު މާތްﷲ ގެ ޙަޟްރަތަށް ވަޑައިގެން ދެންނެވިއެވެ. [އިބަރަސްކަލާނގެ ތިމަންކަލޭގެފާނު ތިޔަ ފޮނުއްވެނީ މަރުވުމަށް އެދިވަޑައިނުގަންނަވާ އަޅެއްގެ ގާތަށެވެ.]
ދެން މާތްﷲ މަލަކުލް މައުތުގެ ލޯފުޅު ރަނގަޅުކޮށްދެއްވައި އެންގެވިއެވެ. [ތިމަންރަސްކަލާނގެ އަޅާގެ ގާތަށްވަޑައިގެން ދަންނަވާށެވެ. ކަލޭގެފާނު ދިރިހުންނެވުމަށް އެދިވަޑައިގަންނަވަނީތޯއެވެ؟ އެހެންކަމަށްވަނީނަމަ، ކަލޭގެފާނުގެ އަތްޕުޅު ގެރިއެއްގެ ބުރަކަށިމަތީގައި ބާއްވާށެވެ. އަތިލަފުޅުން ޖެހޭ ކޮންމެ ކެހެރިއެއްގެ ބަދަލުގައި އެއް އަހަރު ކަލޭގެފާނު ދިރި ހުންނަވާ ހުއްޓެވެ.]
މަލަކުލް މައުތު ވަޑައިގެން މިވާހަކަފުޅު މޫސާގެފާނުގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [ދެން އޭގެ ފަހުގައި ވާނީ ކިހިނެއްތޯއެވެ؟] މަލަކުލް މައުތު ދެންނެވިއެވެ. [ދެން އޭގެފަހުން ކަލޭގެފާނު އަވަހާރަވާ ހުއްޓެވެ.] މޫސާގެފާނު ދެންނެވިއެވެ. [އެހެންވެއްޖެނަމަ، މީގެ ކުޑައިރުކޮޅެއްފަހުން ތިމަންކަލޭގެފާނުގެ ފުރާނަފުޅު ގެންދަވާށެވެ.] އޭ މިއަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހިލަކޮޅެއް އެއްލުމުން ބައިތުލް މަޤުދިސަށް ދާހައި ކައިރިކޮށްދެއްވާންދޭވެ.!]
މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނު އެތަނުގައި ހުންނެވިނަމަ، މަގުގެ އެއްފަރާތުގައި الكثيب الأحمر ގެ ކައިރީގައިވާ މޫސާގެފާނުގެ ޤަބުރުފުޅު ދެއްކެވީމުހެވެ.] {صحيح مسلم، كتاب الفضائل، باب مِنْ فَضَائِلِ مُوسَى صلى الله عليه وسلم ، ޙަދީޘް ނަންބަރު 5852}