ޔަޤީންކުރާށެވެ! ތިބާ ދެކެ އެއްވެސް ވަރަކަށް ލޯބިވާ މީހަކު ތިބާ ލައްވައި ފާފައެއް ނުކުރުވާނެއެވެ! މީހަކު ލައްވައި ފާފަކުރުވުމަކީ އެއްވެސް މީހަކަށް ހުއްދަ ކަމެއް ނޫނެވެ! ވީމާ ޖަޒްބާތުގައި ޖެހި ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ!
ލޯބިވާންވާނީ ތިމާދެކެ ޙަޤީޤީ ލޯބިވާ މީހަކު ދެކެއެވެ. ތިމާދެކެ ޙަޤީޤީ ލޯބިވާ މީހަކު ދެނެގަންނަން އެންމެ ފަސޭހަވާނެ އެއްގޮތަކީ ކައިވެނިކުރުމުން ހުއްދަވާ ކަންކަން ކައިވެނީގެކުރިން ކުރަން ތިބާގެ ކިބައިން ނުއެދުމެވެ. އެއިރުން އެއެނގެނީ އޭނާ ތިބާ ގޮވައިގެން ސުވަރުގެދާން ބޭނުންވާ ކަމެވެ. ޙަޤީޤީ ލޯބިވެރިއަކަށްވާނީ އެފަދަ މީހުންނެވެ.
މިހާރަކަށް އައިސް ބައެއް މީހުން، ޚާއްޞަކޮށް ޒުވާން އަންހެން ކުދިން ލޯބި ހޯދުމުގެ ބޭނުމުގައި ﷲ ތައާލާގެ ލޯބިވެވޮޑިގަތުން އެބަ ދޫކޮށްލައެވެ. އެކުދިން ޤަބޫލުކުރާ ގޮތުގައި އެކުދިން ބޭނުންވާ ލޯބި ޙާޞިލުކުރެވެން އޮންނަނީ ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކޮށްގެންނެވެ. ސާފު ބަހުން ބުނާނަމަ ލޯބިވެރިޔާ އެދޭ ނަމަ ޒިނޭ ވެސް ކޮށްގެންނެވެ.
ލޮބުވެތި އުޚުތުންނޭވެ! ތިއަ ކުރެވެނީ ވަރަށް ނުބައި ނުވަތަ ކުށް ހީއެކެވެ! ތިއަ ހެއްލެވެނީ ހަމަ އަވާމެންދުރަށެވެ! ތިއަ ބަހުގައި އެއްވެސް އިތުބާރެއް ވެސް ޙަޤީޤަތެއް ވެސް ނުވެއެވެ.
އިންސާނެއްގެ ލޯބި ހޯދަން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދޫކޮށްލުމަކީ ހަމައެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫނެވެ! ވީމާ އެފަދަ ކަމަކަށް އެދިއްޖެ ނަމަ ދިމާއަށް ބުނާށެވެ! "ތިއަ ކަމެއް އަހަރެން ނުކުރާނަމެވެ! އަހަރެންނަށް މުހިންމީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމެވެ! އަހަރެން ﷲ ތަޢާލާއަށް ބިރުވެތިވަމެވެ!"
އެވަރުންވެސް ބަހަނާ ދައްކާ ނަމަ ބުނާށެވެ! "ތިބާއަކީ އަހަރެން ދެކެ އެއްވެސް ވަރަކަށް ލޯބިވާ މާހަކު ނޫނީމުއެވެ. އެއްވެސް ވަރަކަށް އަހަރެން ދެކެ ލޯބިވާނަމަ އަަހރެން ލައްވައި ފާފައެއް ނުކުރުވާނެއެވެ! އަހަރެންގެ ޢިއްފަތްތެރިކަން ޙަލާލު ގޮތުގައި ނޫނީ ލިބިއެއް ނުގަންނާނެއެވެ!"
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ގިނަ އަންހެން ކުދިންނަށް ލޯބިވެރިޔާ ބުނާހައި ކަމެއް ކުރަން މަޖުބޫރުވަނީ ލޯބިވެރިޔާ ދޭ ހަދިޔާތަކުގައި ހިފޭތީއެވެ. އެފަދަ ހަދިޔާތައް ގިނަފަހަރު ވެގެންދަނީ ތިބާގެ ޢިއްފަތްތެރިކަން ގަންނަން ކުރާ ހޭދައަކަށެވެ. ފާފަކުރަން ދޭ ރިޝްވަތަކަށެވެ.
މިކަންކަމަކީ މައިންބަފައިންވެސް ދަރިންނަށް ވިސްނައިދޭން ޖެހޭ ކަންކަމެވެ. ދަރިން ހޭލުންތެރިކުރުވުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. އަދާނުކޮށްފިނަމަ ޖަވާބުދާރީވާން ޖެހޭނެއެވެ. މިފަދަ ކަންކަން ވިސްނައިދޭން ލަދު ނުގަންނާށެވެ! ތިމާއަށް ދައްކަން ނުކުރޭނަމަ އިތުބާރު ކުރެވޭ ޢިލްމުވެރިއަކު މެދުވެރިކުރާށެވެ! ޢިލްމުވެރި ތަޤްވާވެރި އަންހެނުން ވެސް މިއަދު މަދެއް ނޫނެވެ. އެމީހުންގެ ބޭނުން ހިފާށެވެ!
ލޮބުވެތި މައިންބަފައިންނޭވެ! އަންހެން ދަރިން ބޮޑެތިވެ ކޮލެޖަށް ދިއަ ނަމަވެސް ޔުނިވަރސިޓީއަށް ދިއަ ނަމަވެސް އަދި ވަޒީފާ އަދާކުރި ނަމަވެސް ކައިވެނިނުކޮށް ތިބިހައި ދުވަހަކު އެ ދަރިން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް އަދާކުރައްވާށެވެ! އެއީ ދަރިންގެ މިނިވަންކަމަށް ހުރަސް އެޅުމެއް ވެސް ނޫނެވެ! ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް ދަރިން ބެލެހެއްޓުމަކީ އެކުދިންނަށް ރައްކައުތެރިކަން ދީ އެކަން ކަށަވަރުކުރުމެވެ. އެއީ އެކުދިންނަށްޓަކައި ކޮށްދޭން ޖެހޭ އެންމެ މުހިންމު މަސައްކަތެވެ!
ލޮބުވެތި އަންހެން ކުދިންނޭވެ! ބެލެނިވެރިން އެމީހުންގެ ވާޖިބު އަދާކުރުމަށް އެއްބާރުލުން ދޭށެވެ! އެއީ މައިންބަފައިންގެ މައްޗަށް ﷲ ތަޢާލާ ވާޖިބު ކުރައްވަވާފައިވާ ކަމެކެވެ. އެ ވާޖިބު އަދާކުރުމުން ރުޅި ނައިސް އުފާކުރާށެވެ! އާޚިރަތް ޙާޞިލުކުރެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން