ކައިވެނީގަ އުފާވެރިކަން މުޖައްރިބު މަގު!: މިމަގުން ޢަމަލުކުރާ ދެމަފިރިއެއްގެ ކައިވެނި ރޫޅުނުކަމުގެ އަޑު ދުވަހަކުވެސް އިވިފައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކައިވެނީގަ އުފާވެރިކަން މުޖައްރިބު މަގު!: މިމަގުން ޢަމަލުކުރާ ދެމަފިރިއެއްގެ ކައިވެނި ރޫޅުނުކަމުގެ އަޑު ދުވަހަކުވެސް އިވިފައެއް ނެތް!

ﷲ ތައާލާ އަންހެނުންނާއި ފިރިހެނުން އުފެއްދެވީ އެއްބައެއްގެ ކިބައިން އަނެއްބައަކަށް ހިތްހަމަޖެހުން ލިބިގަތުމަށެވެ. އަދި އެކަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރާނަމަ އެކަން ލައްވަވާފައިވަނީ ޘަވާބު ދެއްވަވާ ކަމެއްގެ ގޮތުގައެވެ. ބަރަކާތާއި ރަހްމަތް ލައްވަވާ ކަމެއްގެ ގޮތުގައެވެ.   

ނަމަވެސް މިހާރަކަށް އައިސް މިފެންނަނީ މުޅިން ތަފާތު ގޮތަކަށް ކަންކަން ކުރެވޭތަނެވެ. އެއްބައަކު އަނެއްބައަކަށް އަޅާލައި ލޯބިވެ އެހީތެރިވުމުގެ ބަދަލުގައި އަނިޔާވެރިވާތަނެވެ. އަމިއްލަ އެދުންތައް ކުރިއަށް ނެރެ ހަމައެކަނި ތިމާއަށް އުފާވެރިކަން ލިބޭނެ ގޮތަށް ކަންކަން ކުރަން އުޅޭތަނެވެ. އެއިރުން އެވާގޮތަކީ ޘަވާބު ލިބެން އޮތް ކަމަކުން ޢަޛާބު ލިބިގަނެވެނީއެވެ. 

އަހުރެން އަނެއްކާވެސް މިއުޅެނީ ދުނިޔޭގެ އެންމެންނަށް ޗެލެންޖެއް ކުރާށެވެ. (ގޮންޖަހާށެވެ.) ދެމަފިރިން ބައްދަލުވާ ހިނދުގައި އެކަކު އަނެކަކުގެ މައްޗަށް ހިތުގައި ޝަކުވާއެއް ނެތި އިޚްލާޞްތެރި ހިތަކާއިގެން އުފަލުން ހިނިތުންވެގެން ތިބެ ބައްދަލުވެ އުޅޭ އެއްވެސް ދެމަފިރިއެއްގެ ކައިވެނި ރޫޅިފައިވޭ ހެއްޔެވެ؟ 

ފަތުވާ ދިނުމުގެ ކަންކަމުގައި އުޅެވޭތާ 25 އަހަރުވެއްޖެއެވެ. ހަމަޤައިމުވެސް މިބުނި މަގުން ބައްދަލުކޮށް ލޯބިން ދިރިއުޅޭ ދެމަފިރިއެއްގެ ކައިވެނި ރޫޅުނުކަމުގެ އަޑުވެސް އިވިފައެއް ނެތެވެ. ރޫޅޭ ކައިވެނިތައް ރޫޅެމުންދާ އެންމެ ބޮޑު ސަބަބަކީ އެކަކު އަނެކެއްގެ ކިބައިން ހަލާލު ގޮތުގައި އުފާވެރިކަން ލިބިގަންނަން އަންގަވާފައިވާ އެންގެވުމަށް ޢަމަލުނުކުރެވޭތީއެވެ. ބޭވަފާތެރިވެވޭތީއެވެ. ހުއްދަ ނޫން ގޮތުގައި (ހިލޭ މީހުންގެ ކިބައިން/ ކައިވެނީގެ ބޭރުން) އުފާހޯދަން އުޅެވޭތީއެވެ. އެގޮތަށް ކަންކަން ކުރުމުން ދިރިއުޅުމުގެ ބަރަކާތް ކެނޑިގެންދާތީއެވެ. 

ކޮންމެ މީހަކީ އަލިފެއްހައި ތެދު މީހަކަށް ނުވެދާނެއެވެ. ވީމާ ކައިވެނީގެ ކުރިން ފާފައެއްވެސް ކުރެވިފައި އޮވެދާނެއެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ. ވީމާ ކައިވެނީގެ ކުރިން ފުރިހަމަ ތައުބާއަކުން ތައުބާވާށެވެ! އަދި އެތައުބާމަތީގައި ހުރެގެން ކައިވެނިކުރާށެވެ! އަދި ކައިވެނިކުރުމަށްފަހުގައިވެސް ހަމަ އެގޮތުގައި ޘާބިތުވެ ތިބޭށެވެ. ހަމަ އެއާއިއެކު އެއްވެސް މީހެއްގެ ހިތުގައި ޖެއްސިފައިވާނަމަ އެކަމަށް މާފަށް އެދޭށެވެ! އެއިރުން އެމީހަކަށް ދެދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން