އެއްވެސް ފާފައެއް ކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ. ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެފައިވެސް، ފާފަކުރެވުނީ ބައިވެރިޔާ މިވެނި އެވަނިކަމެއް ކުރީތީ ކަމަކަށް ނުބުނެވޭނެއެވެ. އެފަދަ ގޮތަކަށް ބުނިނަމަވެސް ﷲ ތަޢަލާގެ ޙަޟްރަތުގައި އެއީ އެއްވެސް ބުރަދަނެއް ހުރި ބަހަކަށް ނުވާނެއެވެ.
އަދި ކީއްހެއްޔެވެ؟ ވައްކަންކޮށްފައިވެސް، މީހުން މަރާފައިވެސް އެކަން ކުރެވުނީ ޝައިޠޯނާގެ ސަބަބުން ކަމަށް ބުނެވެސް އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ. އެއީ ﷲ ތަޢާލާ ޤަބޫލުފުލު ކުރައްވަވާނެ ބަހަނާއެއް ނޫނެވެ. ޝައިޠޯނާ ވާކަމާއި އެއީ މީސްތަކުންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާކަމާއި މީސްތަކުން މަގުފުރައްދައި ފާފަކުރަން މަސައްކަތްކުރާނެ ކަމާއި އެކަމަށް ސަމާލުކަންދީގެން ތިބުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ.
އެއްވެސް މީހަކު ލައްވަވައި އެއްވެސް ކަމެއް ކުރުވުމުގެ އެއްވެސް ބާރެއް ﷲ ތަޢާލާ ޝައިޠޯނާއަށް ދެއްވަވާފައެއް ނުވެއެވެ. އެކަން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ވީމާ އެފަދަ ބަހަނާތައް ޤަބޫލުފުޅު ނުކުރައްވަވާނެކަން ﷲ ތަޢާލާ އެވަނީ މާކުރިއާލައި މީސްތަކުންނަށް އަނގަވައިފައެވެ!
" ---އަދި ތިއަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިއަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިއަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިއަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިއަބައިމީހުންގެ އަމިއްލަ ނަފްސްތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިއަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިއަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ.---" (އިބްރާހީމް: 22)
އިބިލީހަށް ދެވޭނީ ވަސްވާހެވެ! ވަސްވާސަށް ހެއްލި އަމަލު ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ހުރިހާ އިންސާނުންނަށްވެސް ދެއްވަވައިފައެވެ. އެއްވެސް މީހަކު ލައްވަވައި އެއްވެސް ފާފައެއް ކުރުވުމުގެ ބާރު ﷲ ތަޢާލާ އިބިލީހަށް ދެއްވެވި ނަމަ އިބިލީސް އެމީހަކު ލައްވައި ފާފަކުރުވި އެއްވެސް މީހެއްގެ ފާފައަކަށް ﷲ ތަޢާލާ އެމީހަކަށް ޢަޛާބެއް ނުދެއްވެވީހެވެ؟ ޢަޛާބު ދެއްވެވީހީ އިބިލީހަށެވެ!
"އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، ޝައިޠޯނާ ބުނާނެތެވެ. ހަމަކަށަވަރުން، ﷲ، ތިއަބައިމީހުންނަށް ވަޢުދު ކުރައްވާފައިވަނީ، ޙައްޤު ތެދު ވަޢުދެވެ. އަދި ތިމަންވެސް ތިއަބައިމީހުންނަށް ވަޢުދު ކުރީމެވެ. ފަހެ، ތިއަބައިމީހުންނަށް ތިމަންކުޅަ ވަޢުދާ ޚިލާފް ވީމެވެ. އަދި ތިއަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިއަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިއަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިއަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިއަބައިމީހުންގެ އަމިއްލަ ނަފްސްތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިއަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިއަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިއަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން ކާފިރުވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބް ހުށްޓެވެ." (އިބްރާހީމް: 22)
ވީމާ އެމީހާގެ ހިތް އެދޭހައި ކަމެއްކޮށް އުފާލިބިގަތުމަށްފަހު އިބިލީސް ކުޑށްވެރިކޮށް ބަހަނާތައް ދައްކަން ނުހަދާށެވެ! އެކަންވެސް ވާނީ ކުރެވޭ އިތުރު ފާފައަށެވެ! އެހެނީ ފާފަކުރުމަށްފަހު އެކަން ފޮރުވަން، ނުވަތަ ބަހަނާ ދައްކަން ނަމަވެސް އިތުރު ދޮގުތައް ހެދުމަކީ ކުރެވޭ އިތުރު ފާފައެވެ!
ބައެއް މީހުންނަށް ނުބައި އަމަލުތައް ކުރެވުމުން، ފާފަތައް ކުރެވުމުން ތިމަންނާއަށް އެކަން ކުރެވުނީ އިބިލީހުގެ ސަބަބުން ކަމަށް ބުނެ އިބިލީހުގެ ބޮލުގައި ހުރިހާ ކަމެއް އަޅުވައިލައެވެ. ދޫ އޮތުމުން ކޮންމެ ގޮތަކަށްވެސް ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް އެއީ މީހަކަށް ހެދޭނެ އެންމެ ބޮޑު ދޮގެވެ. ބަޔާންމިކުރި އާޔަތްތަކުން ވަރަށް ރަނގަޅަށް އެކަން އެނގިގެންދާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން