އުޅެންޖެހޭ ހިތްދަތި ޙާލުގެ ވާހަކަ ކިޔައިދީދީ ހުރުމަކުން ކުރާނެ ފައިދާއެއް ނެތް! އުފާވެރިކަން ބޭނުންނަމަ އޮތީ އެމީހަކު އެކަމަށް ކުރިމަތިލައި ނަފްސަށް އުފާވެރިކަން ހޯދުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އުޅެންޖެހޭ ހިތްދަތި ޙާލުގެ ވާހަކަ ކިޔައިދީދީ ހުރުމަކުން ކުރާނެ ފައިދާއެއް ނެތް! އުފާވެރިކަން ބޭނުންނަމަ އޮތީ އެމީހަކު އެކަމަށް ކުރިމަތިލައި ނަފްސަށް އުފާވެރިކަން ހޯދުން!

ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. އެހެންކަމުން ކުށެއް ކުރާ ކޮންމެ މީހަކާއި ގުޅުން ކަނޑާލަންވެއްޖެނަމަ އެމީހަކަށް އަނަދުވެސް ހުންނަންޖެހޭނީ އެކަންޏެވެ. ހަމައެއުޞޫލުން ޙަޔާތުގެ ބައިވެރިޔާއަށްވެސް ކުށެއް ކުރެވިދާނެއެވެ. ބައިވެރިޔާއަށް ކުށެއްކުރެވޭއިރަށް ކައިވެނި ރޫޅައިލަން ވެއްޖެނަމަވެސް އެމީހަކަށް ހުންނަންޖެހޭނީ އެކަންޏެވެ. 

އެހެނެއް ނޫނެވެ. ތިބާގެ ހިތަށް އަނިޔާވާފަދަ ކަންކަން ތަކުރާރުކޮށް ތިބާ ލައްވައި ކަރުނަ އޮހޮރަން ޖައްސުވާނަމަ ޢަމަލުކުރަންޖެހޭ ގޮތް ވަރަށް ތަފާތުވާނެއެވެ. 

އަހުރެންނަކީ ކައިވެންޏަށް 3 އަހަރުގައި ދަރިއަކު ލިބުނީންސުރެ ކަރުނައަޅަމުން އައި އަންހެނަކީމެވެ. އަހުރެންގެ ޙާލަތު އެކުވެރިންނަށްވެސް އަދި ދެފަރާތުގެ ޢާއިލާއަށްވެސް ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. ތަކުރާރުކޮށް ކިޔައިދިނީމެވެ. ކުރި އެއްވެސް ފައިދާއެއް ނެތެވެ. 

އެޙާލުގައި 3 އަހަރު ހޭދަކުރީމެވެ. އެހިސާބުން އަހުރެން ނިންމީ އަހުރެންގެ އަމިއްލަ ނަފްސްދެކެ ލޯބިވުމަށެވެ. އަމިއްލަ ނަފްސަށްޓަކައި ހިތަށް އުފާވެރިކަން ހޯދައިދިނުމަށެވެ. އެކަމަށް ކުރި ފުރަތަމަ މަސައްކަތަކީވެސް ކޯޓަށް ގޮސް ވަރިވާން އެދުމެވެ. 

ޢާއިލާގެ މީހުންނަށާއި އެކުވެރިންނަށް އެކަން އެނގުމުން ބުންޏެވެ. "ބަލަ އަހުރެމެންގެ ގާތުގައި ލަފައަކަށްވެސް އަހައިނުލީހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "3 އަހަރުވަންދެން އަހުރެން މިއުޅުނު ހިތްދަތި ޙާލު ކަލޭމެންނަށް ހަމަނުއެނގުނީހެއްޔެވެ؟ ކިޔައި ނުދެވެނީ ހެއްޔެވެ؟ ނޫނީ ކިޔައިދިންކަމަށްވާނީ ކިތައްފަހަރު ކިޔައިދިނީމައި ހެއްޔެވެ؟ އަހުރެންގެ ޙާލަށް ހަމްދަރުދީވެ އެހީތެރިކަނަ ފޯރުކޮށްދިނީ ކާކު ހެއްޔެވެ؟ ވީމާ މިހާރު އަހުރެންގެ ޢާއިލާއަކީވެސް އެކުވެރިންނަކީވެސް އަހުރެންގެ ނަފުސެވެ. އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ."

ފިރިމީހާއަށް ބުނީމެވެ. "3 އަހަރުވަންދެން ރޮއި އާދޭސްކޮށް ސަލާން ނުޖަހަން ހެއްޔެވެ؟ އެންމެ ފަހަރަކުވެސް އަހުރެންނާއިމެދު ވިސްނައިލީމު ހެއްޔެވެ؟ އުޅުނު ނުބައި އުޅުމަށް އެއްވެސް ބަދަލެއް ގެނައިން ހެއްޔެވެ؟ ވީމާ މިއަދު އަހުރެންނާއި އަދި ދަރިފުޅާއިމެދު ވިސްނައި ކަންބޮޑުވެގެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަހުރެންގެ ޙާލަށް އަހުރެން ދޫކޮށްލައިދޭށެވެ!" 

ކޯޓުން މައްސަލަ ނިމުނީ 6 މަސްދުވަހުންނެވެ. މިއީ އެއިގެ 3 އަހަރު ފަހެވެ. އަހުރެންގެ ނަފުސަށް އުފާވެރިކަން ހޯދަންކުރި މަސައްކަތް ވަރަށް ކާމިޔާބެވެ. 2 ވަނަ ކައިވެނީގައި ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. 

ވީމާ އަހުރެން ބުނާނީ އުޅެންޖެހޭ ހިތްދަތި ޙާލުގެ ވާހަކަ ދައްކަން ހުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ތިމާގެ ނަފްސަށް އުފާވެރިކަން ހޯދަން އެމީހަކު އަމިއްލައަށް މަސައްކަތްކުރުމުންނެވެ. މިއީ އަހުރެންގެ ވިސްނުމެވެ. އެމީހާގެ ކަންކަމުގައި ގޮތް ނިންމުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން