އެންމެ ފައިދާ ބޮޑުވާނީ އެމީހެއްގެ އަތުން ޞަދަޤާތްކުރުމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެންމެ ފައިދާ ބޮޑުވާނީ އެމީހެއްގެ އަތުން ޞަދަޤާތްކުރުމުންނެވެ!

ދިރިއުޅެމުންދާއިރު ޙާލަތު ބަދަލުވާނީ ކޮން ދުވަހަކު އަދި ކޮންވަޤުތަކު ކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ކޮންމެ ވަޤުތަކުވެސް ތަމނަވަސްކަން އަތުން ބީވެގެންވެސް ހިނގައިދާނެއެވެ. އަދި އެނދުމަތިވެ އޮންނަން ޖެހިދާނެއެވެ. ހެޔޮ ޢަމަލުތައް ކުރަން އަވަސްވެގަންނަންޖެހޭ ސަބަބަކީވެސް އެއީއެވެ.

ވީމާ ޞަދަޤާތް ކުރަންވީ ޒުވާން ޢުމުރުގައެވެ. ސަލާމަތް ޞިއްޙަތުގައި ހުރެއެވެ. އެހެނީ އުމުރުން ދުވަސްވެ ބަލިޙާލުގައި ޖެހުމުން ތިބާގެ އަތުން އޮންނާނީ ޞަދަޤާތް ނުކުރެވިފައެވެ. ޞަދަޤާތް ކުރަން ވެސް އޮންނާނީ އެހެން މީހެއްގެ އެހީތެރިކަމަށް އެދެން ޖެހިފައެވެ. އެކަން ފުރިހަމަވެގެންދާ މިންވަރުވެސް އޮންނާނީ ޔަޤީން ނުކުރެވިފައެވެ.

މަރުމަތީގަ ޞަދަޤާތްކުރަން އެހެން މީހުންނަށް ވަޞިއްޔަތްކުރަން މަޑުނުކުރާށެވެ! އެ ފުރުޞަތު ނުލިބި މަރުވެސް ވެދާނެއެވެ! ވީމާ ގައިގައި ބާރުހުރެ، ސަލާމަތް ޞިއްޙަތުގައި ހުރެ ޞަދަޤާތްކޮށް ނިންމައިލާށެވެ! އެންމެ އިތުރުކަން ބޮޑީ އެމީހާގެ އަތުން ސިއްރިޔާތުގައި ކުރާ ޞަދަޤާތެވެ!

މީހަކު ކަމަކަށް އެދުމުން އެމީހާގެ ބޭނުން ފުއްދައިދީފިނަމަ ތިމާއަށް ދަތިވެދާނެކަން އެނގިހުރެވެސް ޞަދަޤާތްކުރާށެވެ! އެއިރުން ތިބާގެ އަމިއްލަ ބޭނުންތަކަށްވުރެ އިސްކަން އެދެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ދުނިޔޭގައި ތިބާއަށް ހުރި ދަތިތައްވެސް ފިލައިގެންދާނެއެވެ! އަދި ތިބާ ވާނީ އާޚިރަތުގައިވެސް ބާއްޖަވެރިއަކަށެވެ!

ބަލަންވީ ޞަހާބީން ޢަމަލުފުޅު ކުރެއްވެވި ގޮތަށެވެ! ގެކޮޅުތަކުގައި ތުއްޕުޅު ބޭފުޅުންނަށް ދެއްވަވަން ހުރި އެންމެ ފަހަރެއްގެ ފުރާޤުވެސް ޞަދަޤާތް ކުރެއްވެވިއެވެ. އެބޭކަލުން ހުރިހާ ސަމާލުކަމެއް ދެއްވެވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށެވެ! އަހަރެމެން މިއަދު ފަސް މިޖެހެނީ ކީއްވެގެން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން