ކިތަންމެ ފަޤީރު ނަމަވެސް މަރުވުމުން މީސްތަކުންގެ ހެޔޮދުޢާ ލިބޭނެ މީހަކަށްވެވިދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކިތަންމެ ފަޤީރު ނަމަވެސް މަރުވުމުން މީސްތަކުންގެ ހެޔޮދުޢާ ލިބޭނެ މީހަކަށްވެވިދާނެ!: މުފްތީ މެންކް

ޖަނާޒާތަކަށް ގޮސްތިބޭއިރުގައާއި ޖަނާޒާތަކުގައި ބައިވެރިވުމަށްފަހު މީސްތަކުން ދައްކާ ވާހަކަތައް އަޑުއަހާށެވެ! އެންމެ ގިނަ ބައަކު ފާހަގަކުރާނީ މަރުވި މީހާގެ ހިތްހެޔޮކަމެވެ. އަބަދުވެސް ހިނތުންވެގެން ހުންނަ ކަމެވެ. (މަރުވި މީހާގެ ކިބައިގައި އެސިފަތައް ހުރިނަމަ)

ދީލަތިކަމުގެ ވާހަކަދައްކާނީ އެމީހަކީ ތަނަވަސްކަން ހުރިނަމައެވެ. އޭނާގެ ތަނަވަސްކަމުން މީސްތަކުންނަށް އެހީތެރިވިނަމައެވެ. ތަނަވަސްކަން ކުޑަނަމަވެސް އެމީހެއްގެ ފެންވަރުން ދީލަތިނަމަ އެކަމުގެ ވާހަކަ މާގިނައިން ދައްކާނެއެވެ.

މިފަދަ ހުރިހާ ޙާލަތެއްގައިވެސް އެމީހަކަށް އެދަނީ މީސްތަކުންގެ ހެޔޮ ދުޢާލިބެމުންނެވެ. މީަސްތަކުންނަށް ހެޔޮކޮށް ހިތައި ދީލަތިވާންވީ މީސްތަލކުންގެ ތަޢްރީފަށް އެދިގެނެއް ނޫނެވެ. މީސްތަކުންގެ ހެޔޮ ދުޢާއަށް އެދިގެންނެވެ. ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތަށް އެދިގެންނެވެ.

މީސްތަކުންގެ ހެޔޮދުޢާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އަތުގައި ތަނަވަސްކަން ނެތް ނަމަ މިސްކިތެއް އެޅުން ފަދަ ކަމެއް ނުކުރެވިދާނެއެވެ. ޞަދަޤާތުގެ ފައިސާތަކެއް ނުބެހިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަން އެބަހުއްޓެވެ!

ހެޔޮލަފާ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅެވިދާނެއެވެ. އެހެން މީހުންނަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ދުނިޔޭގައި އުޅެވިދާނެއެވެ! ފތަނަވަސްކަން ނެތުމުން ފައިސާ ޚަރަދުނުކުރެވުނަސް މީހުންނަށް އެހީތެރިވެދޭ މީހެއްގެ ގޮތުގައި އުޅެވިދާނެއެވެ!

ތިބާއަކީ ހެޔޮލަފާ ތަޤްވާވެރިއަކަށްވެފައި މީސްތަކުންނަށް ހިތްހެޔޮ އޯގާތެރިއަކު ކަމުގައި ވެއްޖެ ނަމަ މީސްތަކުން ތިބާގެ ހަނދާންކުރާނެއެވެ! ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނެއެވެ! މީސްތަކުންގެ ހެޔޮ ދުޢާ އަކީވެސް މުސްލިމުންނަށް ސުވަރުގެ ވަދެވެން އޮތް މަގެކެވެ!

ކޮންމެ މީހަކީވެސް ދުނިޔެ ދޫކޮށްފައި ދާން ޖެހޭނެ މީހެކެވެ! އެންމެ މުހިންމު އެއް ކަމަކީ ތިބާ ދުނިޔެ ދޫކޮށްފައި ދާއިރު ތިބާ އާއިމެދު ދުނިޔެ ދެކޭނީ ކޮން ގޮތަކަށް ކަމާއިމެދު ވިސްނައިލުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން