ދުޢާ އިޖާބަ ނުވެ ލަސްވަމުންދާނަމަ އަމިއްލައަށް ބަލަލަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދުޢާ އިޖާބަ ނުވެ ލަސްވަމުންދާނަމަ އަމިއްލައަށް ބަލަލަންޖެހޭނެ ބައެއް ކަންކަން-

ފުރަތަމަވެސް ބުނެލަން އޮތީ ﷲ ތަޢާލާއަށް ދުޢާކުރުމުން ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ! ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކިތައް ބަލި މީހުން ގަދަވޭހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ދުޢާގެ ސަބަބުން އިންސާނާގެ ޢުމުރުވެސް އެކަލާނގެ އިރާދަކުރައްވަވައިފި އަޅަކަށް ދިގުކޮށް ދެއްވަވަތެވެ! ދުޢާއަކީ ތަޤްދީރު ބަދަލުކޮށްދެއްވަވާ ކަމެއް ކަމަށް ބުނެވެނީ މި ފަދަ ސަބަބުތަކަށްޓަކައެވެ.

ވީމާ ދުޢާ ކުރުމުގައި ސާބިތުވާށެވެ! ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ނަތީޖާ ފެންނާނެއެވެ! އިން ޝާ ﷲ

ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރާނަމަ އެކަމުގައި ސާބިތުވެ ހުންނާށެވެ! މާޔޫސްވެ ދުޢާކުރުން ހުއްޓައިނުލާށެވެ! ދުޢާ ކުރުމުގައި ސާބިތުވެ ހުންނަ މީހާގެ ބޭނުންތައް އާދަފޫއަޅުވައިލަނިވި ގޮތަކުން ނަމަވެސް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ!

ވަރަށް ގިނަ ފަހަރު ދިމާވާ ކަމަކީ ދުޢާކުރުމުގައި ސާބިތު ނުވެވުމެވެ. ދުޢާ އިޖާބަކުރައްވަވައި ތިމާ އެދޭ ކަންކަން ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަން ކުޑަވުމެވެ. ބައެއްފަހަރު ޔަޤީންކަން ނެތިގެންވެސް ދެއެވެ.

ދުޢާ އިޖާބަ ނުވެ ލަސްވަމުންދާނަމަ އެންމެ ބޮޑަށް ބަލަން ޖެހޭ ކަންކަމަކީ އެމީހާގެ އަމަލުތަކުގެ ސާބިތުކަމެވެ! އެމީހަކު ކުރަން ޖެހޭ އަޅުކަން ފުރިހަމައަށް އަދާކުރެވޭތޯއެވެ! ކައިބޮއި ހެދެނީ ހަމަ ޙަލާލުތަކެތިތޯއެވެ! ތިމާއަށް ލިބޭ އާމްދަނީ ޚަރަދުކުރެވެނީ ހަމަ ރަނގަޅު ގޮތުގައިތޯއެވެ! އެހީތޔެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭތޯއެވެ! އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވޭތޯއެވެ! މިފަދަ ކަންކަމަކީ ހަމަ ކޮންމެހެން ބަލައިލަންޖެހޭ ކަންކަމުގެ ލިސްޓުގައި ހިމނައި ބަލައިލަން ޖެހޭ ކަންކަމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން