ޢިބްރަތްތެރި ވާހަކަ!: ކޮއްކޮ އޭނާގެ އަނބިމީހާއަށް އަނިޔާކުރުން ހުއްޓުވަން ދައްތަ ބޭނުންކުރި އެންމެ އުކުޅަކުން އެއްފަހަރުން އެކަން ކާމިޔާބުކުރެވުނު ގޮތުގެ ވާހަކަ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޢިބްރަތްތެރި ވާހަކަ!: ކޮއްކޮ އޭނާގެ އަނބިމީހާއަށް އަނިޔާކުރުން ހުއްޓުވަން ދައްތަ ބޭނުންކުރި އެންމެ އުކުޅަކުން އެއްފަހަރުން އެކަން ކާމިޔާބުކުރެވުނު ގޮތުގެ ވާހަކަ-!

ރުޅި އައުމުން އަތް އިސްކުރެވޭ މީހުންނަކީ މަދުބައެއްކަމަށް ބުނެވޭކަށް ނެތެވެ. ތަޅައި އަނިޔާކޮށްފައި އެކަމަށް ފަހުން ހިތާމަކުރަންޖެހޭއިރުވެސް ބައެއް ފިރިންނަށް ވިސްނައި ނުލެވޭކަން އެއީ ހިތާމަހުރި ކަމެކެވެ. އެޙާލަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ފިރިމީހާގެ ޢާއިލާގެ މީހުންނަށެވެ. 

ތިރީގައި އެވަނީ އެކަން އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ!  

އޭނާގެ ފިރިމީހާއަކީ އެއްގޮތަކަށްވެސް އޭނާކުރާ މަސައްކަތުގެ އަގުވަޒަންކުރާ މީހެއް ނޫނެވެ. ދެދަރިން ބަލަމުން ބަލިޙާލުގައި އެނދުގައި އޮންނަ މަންމަގެ ކަންކަން ބަލަހައްޓަމުން ގޭތެރޭގެ މަސައްކަތްކުރަމުން އޭނާގެ ފިރިމީހާއަށް ކޮށްދޭ ޚިދުމަތުގެ އަގުވަޒަނެއް ނުކުރެއެވެ.  

އަނބިމީހާއަށް ނުބައި ބަސްތައް ބުނުމަކީ ފިރިމީހާގެ ވަރަށް ޢާންމުކަމެކެވެ. އެކަންކަމަށް ކެތްނުކުރެވިގެން އޭނާކުރާ ކަންކަމުގެ އަގުވަޒަންކޮށްދިނުމަށާއި ނުބައި ބަސްތައް ނުބުނަން ތަކުރާރުކޮށްކުރަމުން ގެންދިއަ އާދޭސްތަކުގެ ނަތީޖާއަކަށްވީ އަނބިމީހާގެ މޫނުމަތީގައި ޖަހާ ދުޅަކޮށްލުމެވެ.  

އެދުވަހު އަނބިމީހާ ފިރިމީހާގެ ދައްތަ އާއި ބައްދަލުކުރިއެވެ. ފިރިމީހާގެ އަމަލުތައް ހުރިގޮތް ކިޔައިދީ އޭނާއަށް ވިސްނައިދިނުމަށް އެދުނެވެ. އެކަން ކޮށްދޭނެ ކަމަށް ދައްތަ ވައުދުވިއެވެ.  

އަނެއް ދުވަހު ދައްތަ، ކޮއްކޮއަށް ފޮނުވީ އޭނާގެ ފިރިމީހާ އޭނާގެ ގައިގައި ތަޅާ އަނިޔާކުރާ ވީޑިއޯއެކެވެ. ވީޑިއޯ ލިބުމާއިއެކު ރުޅި އައިސް ރަތްވެގެންހުރެ ކޮއްކޮ އެގެއަށް ދިއައެވެ. ދައްތަގެ ފިރިމީހާ ހޯދައި ބަދަލުހިފަން ބޭނުންވިއެވެ.  

އެވަގުތު އެތަނަށް ފިރިމީހާ ދިއުމުން ތަޅައިގަންނަން އަތްއިސްކުރުމުން ދައްތަ އެކަން ހުއްޓުވިއެވެ. ބުންޏެވެ. "ކޮއްކޯއެވެ. ތަދުވާނީ ޅިޔަނު ދައްތަގެ ގައިގާ ތެޅުމުން އެކަންޏެއް ނޫނެވެ. ކޮއްކޮ، ކޮއްކޮގެ އަނބިމިހާގެ ގައިގައި ތެޅީމައި އޭނާއަށްވެސް ތަދުވާނެއެވެ.  

ދައްތަމެން ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ޖެހެއެވެ. ޙައްލުކުރަނީ މަޝްވަރާކޮށްގެންނެވެ. ކޮއްކޮވެސް އެގޮތް އިޚްތިޔާރުކުރާށެވެ. ދުވަހަކުވެސް ދައްތަގެ ފިރިމީހާ ރުޅިއައިސްގެން ދައްތަ ގައިގާ އަތްވެސް ޖައްސާނުލައެވެ. ތިއައީ ކޮއްކޮއަށް ފިލާވަޅެއް ދެވޭތޯ ކުޅެފައި އޮތް ޑްރާމާއެކެވެ."  

އޭނާ ވަރަށް ދެރަވިއެވެ. ދެން ދުވަހަކުވެސް އަނބިމީހާގެ ގައިގައި ނުޖަހާނެކަމަށާއި ކަންކަން އިޞްލާޙްކޮށް ލޯބިން އުޅުމަށް ވަޢުދުވިއެވެ. ގެއަށް ގޮސް ވަނުމުން އަނބިމީހާ ހީކުރީ އެވާހަކަ ދައްތަ ގާތު ބުނުމުން ތަޅައިގަންނަން އުޅެނީކަމަށެވެ. އެހެންވެ ބިރުން އަޑުގަދަވެސް ކުރެވުނެވެ.  

އެވަގުތު ފިރިމީހާ އަނބިމީހާގެ ގައިގައި ލޯބިން ބައްދައިލިއެވެ. ކުރެވުނު ކަންކަމަށް މާފަށްވެސް އެދުނެވެ. އެފަދަ ކަންކަން ދެން ނުކުރާނެ ކަމަށް ވަޢުދުވިއެވެ. ލޯބީގެ އައު ފެށުމެއްގެ ގޮތުން ރީތި މަލެއްވެސް ދިއްކޮށްލިއެވެ.  

މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިފިލްމު ގިނަބައަކު ބަލާފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުގައިވެސް މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ވަރަށް ބޮޑު ބޭނުމަކުއެވެ.  

ބުނެލަން ބޭނުންވަނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ޢާއިލާއިން މިފަދަ ޙިކުމަތްތެރި އުކުޅުތައް ބޭނުންކުރާނަމަ ހާދަގިނަ މައްސަލަތަކެއް ޙައްލުކުރެވޭނެއެވެ. ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. ޙައްލުކުރަން ޢާއިލާގެ އެހީތެރިކަމަށް އެދުމުން އެހީތެރިވެދޭނަމަ ކަންކަން ގޯހުން ގޯހަށް ދިއުމުގެ ބަދަލުގައި އިޞްލާޙްވެ ހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ.  

ހަމައެއާއިއެކު ދެމަފިރިންވެސް އަނެކަކު ކުރާ ކަންކަމުގެ އަގު ވަޒަންކުރުމުގެ މުހިންމުކަންވެސް ފާހަގަކޮށްލާނަމެވެ. އެކަން ނުކުރެވޭނަމަ އުފަލުގައި ދިރިއުޅެން ވަރަށް ގިނަ ހުރަސްތައް ހުންނާނެއެވެ.  

- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން