އަހުރެންގެ އަމިއްލަ ޙަޔާތަށް ބެލިނަމަވެސް ކައިވެނީގެ ކުރިކޮޅު ކުދިކުދި މައްސަލަތައް ޖެހުނެވެ. ދަރިއަކު ލިބުމުންވެސް މައްސަލަތައް ޖެހުނެވެ. ނަމަވެސް ދުވަހަކުވެސް އަނބިމިހާއަކާއި ޒުވާބެއް ނުކުރަމެވެ. ކޮންޓްރޯލްކުރަން އުނދަގޫވެއްޖެނަމަ އިރުކޮޅަކަށް ގެއިން ބޭރަށް ނުކުންނަނީއެވެ.
އެގޮތަށް ގެއިން ބޭރަށް ނުކުންނަން ޖެހުނު ދުވަހަކު ވަރަށް ގާތް އެކުވެރިއަކާއިއެކު ކާރުގައި ދަތުރެއް ކުރީމެވެ. އަހުރެން ތަންކޮޅެއް މަޑުން އިންނާތީ އެކުވެރިޔާ ސުވާލުކުރުމުން ހިތުގައި ހުރި މައްސަލަތައް ކިޔައިދިނުމުން އޭނާ ކުރަންފެށީ ސުވާލުތަކެކެވެ.
އެސުވާލުތައް މިހާރުވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.
1- ކާންހަދައި ނުދެވި ހުރެދާނެއެވެ. ނަމަވެސް ގަދަވެ ސަލާމަތުން ހުރެ ނުކައްކައި ހުރޭހެއްޔެވެ؟
2- ދަރިފުޅުގެ ފިލާވަޅުތައް ދަސްކޮށްދީ ޤުރްއާން ކިޔަވައިދޭހެއްޔެވެ؟
3- އޮފީހަށާއި ރަސްމިއްޔާތުތަކަށް ދެވޭގޮތަށް އެއްޗެތި ދޮވެ އިސްތިރިކޮށްދޭހެއްޔެވެ؟
4- ބަލިވެއްޖެނަމަ އަޅައިލާހެއްޔެވެ؟ ކެވޭނެ އެއްޗެތި ބަލައިގެން ކައްކައި ކާންދޭ ހެއްޔެވެ؟
5- ކަމަކާއި ކަންބޮޑުވެގެން އުޅޭކަން އެނގިއްޖެނަމަ ހިތްވަރުދީ ހެޔޮދުޢާކުރޭހެއްޔެވެ؟
6- ތިބާގެ މަންމަގެ ޙާލުގަލައި އެހީތެރިވޭހެއްޔެވެ؟
7- ލިބޭ މުސާރައިން ދެކޮޅު ޖައްސައިގެން ދިރިއުޅެން މަސައްކަތްކުރޭ ހެއްޔެވެ؟
8- ނަމާދުތައް ބަރާބަރަށް ކުރޭހެއްޔެވެ؟ ފަތިސްނަމާދަށް ތިބާ ހޭލައްވާ ހެއްޔެވެ؟
މިއީ ކޮންމެ ސުވާލެއްގެ ޖަވާބުގައިވެސް ބުނަންޖެހުނީ އެއިން ކޮންމެ ކަމެއްގައި އަނބިމީހާއަކީ ވަރަށް ފުރިހަމަ ނަމޫނާއަންހެނެއް ކަމަށެވެ. ސުވާލުތައް ނިމުމާއިއެކު ބުންޏެވެ. "ތިއަ އަނބިމީހާގެ ފުށުން ދެން ފެންނަ އެއްވެސް ކަމަކާއި އަޅައިވެސް ނުލާށެވެ! ކޮންމެ އަންހެނެއްގެ ކިބައިގައިވެސް ކޫސަނި މައްސަލަތަކެއް ހުންނާނެއެވެ! ކޫސަނި ޝަކުވާތައްވެސް ކުރާނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ މި 8 ސިފަ ފުރިހަމައަށް ހުރި އަންހެނުން މިއުޑުދަށުގަ ވަރަށް މަދުވާނެއެވެ. އުޑުދަށުގަ ނުއުޅޭ ނުވަތަ އެހައި މަދު ބައަކު އުޑުދޮށުން ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ކުރަން ކިހައި އުނދަގޫ ކަމަކަށް ވާނެހެއްޔެވެ؟ އެފަދަ ބައަކާއި ބައްދަލުވާނީ ހަމައެކަނި ސުވަރުގެ ވަދެވިއްޖެނަމަ ނޫންހެއްޔެވެ؟
މިއީ ހަމަ ތެދު ޙަޤީޤަތެވެ. އެކުވެރިޔާގެ ނަޞޭޙަތް ޤަބޫލުކޮށް އެވިސްނުމުގައި އުޅެންފެށިފަހުން އަނބިމިހާއަށް ނުރުހުމުގެ ލޮލުން ބަލައިލާކަށްވެސް ނުޖެހެއެވެ. އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނެވެން އޮތީ މިގޮތަށް ކަންކަން ކުރާނަމަ ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އުފަލުގައި ދިރިއުޅެވޭނެއެވެ.
މަޢުލޫމާތު: ޝައިޚް ޢަބްދުﷲގެ ދަރުސަކުން