މަސައްކަތް ނިންމާފަ ގެއަށް އަންނައިރު ގޭތެރޭގެ އިންތިޒާމްތައް ހަމަޖެއްސިފައި ނުހުންނަ ނަމަ ގިނަ ފިރިން އަނބިމީހާ ކުށްވެރިކުރެއެވެ. ވަރަށް ރުޅިގަދަވެއެވެ. ދެބަސްވެ ޒުވާބުކުރަންވެސް ފަށައެވެ. އެހެންވެ މިހާމަކުރަނީ އެފަދަ މައްސަލަތައް ޖެހި ކައިވެނި ރޫޅޭ ޙާލަތަށް ދިއުމުން ހެޔޮލަފާ މީހަކު އެކުވެރިއަކަށް ދިން އަގުހުރި ނަޞޭޙަތެކެވެ.
އޭނާ ބުންޏެވެ. "އެކުވެރިޔާއެވެ. އަދި އިހަށް ކައިވެނި ރޫޅައިނުލާށެވެ! އަނބިމީހާ ގާތުގައި ބުނާށެވެ! މީގެފަހުން ތެލިތަށި ނުދޮވެވުނަސް، ކުނިނުކެހުނަސް، ގޭގައި މޮޕްނުލެވުނަސް، އަދި އެނދު ތަންމަތި ނުއެޅުނަސް މިހެންގޮސް އެއްވެސް މަސައްކަތެއް ނުކުރެވި ހުރިނަމަވެސް ކަންބޮޑުނުވާށެވެ! އަހުރެން އެނބުރި އައިސް އެކަންކަން ކުރާނަމެވެ. ހަމައެކަނި އެންމެ ކަމެއް ކޮށްދޭށެވެ. އެއީ 2 ދަރިންގެ ކަންކަމާއި އަހުރެންގެ މަންމައަށް ކޮށްދޭން ޖެހޭ ކަންކަމެވެ."
އޭނާ ބުނެފައިވަނީ އެކުވެރިޔާ ބުނިފަދައިން އަނބިމީހާގެ ގާތުގައި ބުނިފަހުން ކުރިން ޖެހުނު ފަދަ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ. އަދި އެއިންކަމެއް އަމިއްލައަށް ކުރަންޖެހެނީވެސް ހަމަ ޙާލަކުން ދުވަހަކު ކަމަށެވެ.
މިވީ ކިހިނަކުން ހެއްޔެވެ؟ މިކިޔައިދެނީ ސަބަބެވެ. މިވާގޮތަކީ 2 ދަރިންގެ ކަންކަމާއި މައިދައިތަގެ ކަންކަމާއި ގޭތެރޭގެ މަސައްކަތްތައް ކުރަންޖެހުމުން އަނބިމިހާއަށް ބުރަ ބޮޑުވެ ފިރިމީހާ ގެއަށް އަންނަންވާއިރަށް ހުރިހާ ކަންކަން ފުރިހަމައަށް ނުކުރެވެނީއެވެ. ފިރިމީހާ ރުޅިގަދަވާތީ އަވަސްއަވަސްކުރަންވެގެން ތެޅިފޮޅެން ހަދައިގެން ބައެއް ކަންކަން އަތްދޮށުންދަނީއެވެ. ނަމަވެސް އެއިން ކަމެއް ނުކުރެވިހުއްޓަސް ފިރިމީހާ ރުޅި ނުއަންނާނެކަން އެނގުނު ހިސާބުން އެބިރުފިލީއެވެ. ހަމަޖެހިލައިގެން ހުރެ މަސައްކަތްކުރެވޭތީ އަތްދޮށުންދާ ކަންކަން މަދުވީއެވެ.
ވީމާ އަހުރެންގެ ނަޞޭޙަތަކީ އިސްލާމީ ފިރިއަކަށްވުމެވެ. އިސްލާމީ ފިރިއަކަށް ވެވޭނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ނަމޫނާ އާއި އެއްގޮތަށް ފޢަމަލުކޮށްގެންނެވެ. އަނބިންނަށް ބިރަކަށް ނުވެ ހުރިހާ މާނައެއްގައި ބައިވެރިއަކަސްވެ އެހީތެރިވެދީގެންނެވެ. އެކަންކުރަން ޢަމަލުކުރަން އަނބިންގާތު ބުނެ ޢަމަލުކުރަން އޮތް ގޮތް ކުރިން މިކިޔައިދިނީއެވެ. ނިކަން އެގޮތަށް ބުނެ ޢަމަލުކުރަން ފަށައިބަލާށެވެ! ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން