ޤުރްއާނުގަ ހުރި ޙުކުމްތައް ތަންފީޒު ނުކުރާނަމަ ޗޭނުޖެހޭނެ ދުވަހެއް އަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޤުރްއާނުގަ ހުރި ޙުކުމްތައް ތަންފީޒު ނުކުރާނަމަ ޗޭނުޖެހޭނެ ދުވަހެއް އަންނާނެ!

ކީރިތި ޤުރްއާން ކިޔަވަމުއެވެ. އަދި ޤަބޫލުކުރާކަމަށްވެސް ބުނަމުއެވެ. ނަމަވެސް ޢަމަލުކުރަން ޖެހުމުން ފަހަތަށްޖެހި ފިލަނީއެވެ. 

އެގޮތަށް ކަންތައްކުރާނަމަ އެމީހަކަށް ބުނަންއޮތީ އޭނާއަކީ ޤުރްއާން ކިޔެވިނަމަވެސް ޤުރްއާން ޤަބޫލުކުރާ މީހެއް ނޫންކަމަށެވެ. ޤުރްއާން ޤަބޫލުކުރުމަކީ ޤުރްއާނަށް ޢަމަލުކުރުމެވެ. 

ދުނިޔަވީ ގޮތުން ބަލައިފިނަމަ ދުވާލަކު އެތައް ގަޑިއިރަކު ޤާނޫނުތައް ކިޔާ ޤާނޫނީ ވަކީލުން އުޅެއެވެ. އެއިން މީހަކު ޤާނޫނަށް ޢަމަލުނުކޮށްގެން ކޯޓަށް ގެންދިއައިމަ "ޢިއްޒަތްތެރި ޤާޟީ! ބައްލަވަ! އަޅުގަނޑު ދުވާލަކު 6 ގަޑިއިރު ޤާނޫނުތައް ކިޔަމޭ!" ބުނިނަމަވެސް ޤާޟީ އެކަން ބަލައެއް ނުގަންނާނެއެވެ. ޤާނޫނަށް ޢަމަލުނުކުރުމުން ދޭންޖެހޭ އަދަބު ދޭނެއެވެ. 

ޤުރްއާން ކިޔެވި ނަމަވެސް ޤުރްއާނަށް ޢަމަލުނުކުރާ މީހާގެ ޙުކުމަކީވެސް ހަމަ މިއީއެވެ. ކިތަންމެ ގިނައިން ކިޔެވިނަމަވެސް ޢަމަލުނުކުރާނަމަ އެމީހަކަށް ޙައްޤި ޖަޒާ ދެއްވަވާނެތެވެ. ވީމާ އެންމެ މުހިންމު ކަމަކީ ޤުރްޢާނަށް ޢަމަލުކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

"ގިސާސްގެ ހުކުމް ތަންފީޒު ނުކޮށްދާނަމަ މިފަދަ އަނިޔާވެރި މަރުތައް ކުރިޔަށް އޮތްތާވެސް ފެނުމަކީ ހަމަވެދާނެ ކަމެއް! ފޮތް ބާވައިލެއްވި ފަރާތުން އެފޮތް ބާވައިލެއްވީ އެ ހަމައެކަނި ކިޔަވާލާކަށް ނޫން! އެއަށް ޢަމަލުވެސް ކުރަން! ބާވައިލެއްވި ޙުކުމްތައް ދޫކޮށްލައިގެން ނަތީޖާއެއް ނުލިބޭނެ!"

- ޝައިޚް ޢަލީ ޒައިދު

ﷲ އަންގަވާފަ އޮތީ ކުރީގެ ސަރުކާރުތަކުން ވެރިކަންކުރި ގޮތަށް ކުރާކަށް ނޫނެވެ! ވެރިކަން ޙަވާލުކުރައްވަވަނީ ﷲ އެންގެވިގޮތަށް ކުރުމަށެވެ! މީހުން މެރުމާ އަނިޔާވެރިކަން ހުއްޓުވަން ޤިޞާޞް ހިފަންފަށާށެވެ! 

ﷲ ބާވައިލެއްވެވި ޙުކުމްފުޅުތައް ދޫކޮށްލައި ﷲ ތަޢާލާ އެންގެވި ގޮތް ނޫން އެހެން ގޮތެއް ހޯދަން އުޅެގެން އެއްވެސް ޤައުމަކަށް ކުރިއެރުން ލިބޭނެ ނަމަ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުން ކުށްކުރުން ނައްތައިލެވުނީހެވެ. މިއަދު ވަކިކުށެއް އިސްތިސްނާކުރުމެއް ނެތި ދުނިޔޭގައިކުރާ ހުރިހާ ކުށެއްކުރުމުގެ އެންމެ މަތީ ރެކޯޑް އޮތީ އެންމެ ކުރިއަރާފައިވާ ޤައުމުތައް ކަމަށް ބުނާ ޤައުމުތަކުގައެވެ. އެކަމުންވެސް އެނގެނީ ކުށްކުރުން ހުއްޓުވެން ނުވަތަ މަދުކުރެވެން އޮތް ގޮތަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޛުކުރުން ކަމެވެ.

 

މިއަދު އޮންލައިން