ޙަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑު ކޮޅިގަނޑުން ސަލާމަތްވާން އެއްވެސް ކަމެއް އެބަކުރަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ޙަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑު ކޮޅިގަނޑުން ސަލާމަތްވާން އެއްވެސް ކަމެއް އެބަކުރަމުތަ؟

ދިރިއުޅެމުން އަންނައިރު އެކިވަރުގެ ކަންކަން އަބަދުވެސް ދާނީ ކުރިމަތިވަމުންނެވެ. ގިނަ ކަންކަމުން އަރައިގަނެވޭނެއެވެ. ނަމަވެސް އަރައި ނުގަނެވޭނެ އަދި ސަލާމަތް ނުވެވޭނެ ކަމެއްވެސް ކުރިމަތިވާނެއެވެ. ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރި މީހަކަށެވެ.

ކޮންމެ މުސްލިމަކުވެސް މުޞީބާތެއް ކުރިމަތިވުމުން އަޅުކަންކުރުން ގިނަކުރެއެވެ. ބައެއް މީހުން ތިމާއަށް ކެރިކުޅަދާނަ ނުވާވަރަށްވެސް ކުރެއެވެ. އެމުޞީބާތަކުން އަރައިގަނެވުމުން ޢަމަލުތައް ބަދަލުކޮށްލައެވެ. ވީމާ މިދައްކާ ވާހަކައަށް ރަނގަޅަށް ވިސްނާށެވެ!

ގަދަކޮޅިގަނޑަކަށްފަހު ސަލާމަތްވެވި އަމާން ބަނދަރެއްގައި ބަންދަރުކުރާއިރު އެންމެންވެސް ވަރަށް ފަރުވާތެރިކަމާއިއެކު ވަރަށް ރަނގަޅަށް ބަނދަރުކުރާނެއެވެ. އޮޑީގެ ވައުތައް ވަރަށް ރަނގަޅަށް އައްސާނެއެވެ. އަޑިއަށް ފީނަން ޖެހޭ ނަމަ ފީނައިގެން ނަމަވެސް ނަގިލި ލެވިފައިވަނީ ކަހައިނުލާނެ ގޮތަށްކަން ކަށަވަރުކުރާނެއެވެ.

އެކަންކަމަށް އިތުރަށް ސަމާލުކަން ދެނީ ގަދަކޮޅިގަނޑުގައި އުޅެން ޖެހުނު ޙާލާއި ކުރިމަތިވި ނުރައްކައުތެރިކަމާއި ބިރުވެރިކަން ހަނދާނުގައި ހުންނާތީއެވެ. ދެން ކަންތައް ވާގޮތް އެނގޭ ހެއްޔެވެ؟ އެނބަނދަރުގައި 2، 3 ދުވަހު އޮވެފައި އަމާން ދަތުރެއްކޮށް ދެވަނަ މަންޒިލަށް ދެވުމުން އޮޑިއަޅަން ކުރީ ފަހަރު ދިން ސަމާލުކަމެއް ނުދެއެވެ. އެއީ ފަހު ދަތުރުގައި ކޮޅިގަނޑެއް ކުރިމަތިނުވެ އަމާންކަމާއިއެކު ދަތުރުކުރެވުމުން ކުރީ ދަތުރުގައި ދިމާވި ކޮޅިގަނޑުމަތިން ހަނދާން ނެތެނީއެވެ.

އަހަރެމެންގެ ދިރިއުޅުމުގެ ޙަޔާތުގެ ކަންކަމަށްވެސް މެދުވެރިވަނީ ހަމަ މިފަދަ ގޮތެކެވެ. ދަތި ޙާލަތަކުން، ބޮޑު ބައްއްޔަކުން ސަލާމަތްވެވުމުން ފުރަތަމަކޮޅު، އެ މުޞީބާތުގައި ތިމާއަށް އުޅެން ޖެހުނު ޙާލު ހިތަށް އަރާތީ ކުޑަދުވަސްކޮޅެއް ވަންދެން ނަމާދުކޮށް އަޅުކަންކުރާނެއެވެ. ވަޒީފާއެއް ނުލިބިގެން ހިނގާ ދުވަސްވަރު ނަމާދުކޮށް ދުޢާކުރާނެއެވެ! އަދި ޖުމުލަކޮށް ބުނާ ނަމަ ކޮންމެ މުޞީބާތެއް ކުރިމަތިވިނަމަވެސް ތަޤްވާވެރިވެ އަޅުކަންކުރުމާއިއެކު ދުޢާ ކުރާނެއެވެ. ސަލާމަތްވެވި ކުޑަ ދުވަސްކޮޅެއްވާއިރަށް ކަންކަން ހަނދާނެއް ނުހުރެއެވެ! މުޞީބާތުން ސަލާމަތްކޮށްދެއްވެވި ﷲ ތަޢާލާ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމުގެ ޝައުޤުވެރިކަމެއްވެސް ނުހުރެއެވެ!

މިފަދައިން އަމަލުކުރެވޭ މީހުންނަށް އެ އަމަލުކުރެވެނީ އެންމެ ނުބައި މީހުން އަމަލުކުރާ ގޮތަށެވެ. އެހެނީ ފުރަތަމަ ކަމަކަށް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރަންވީ މުޞީބާތެއް ކުރިމަތިވުމަކުން ނޫނެވެ! އަޅުކަން ކުރަންވީ އެމުޞީބާތުން ސަލާމަތްވުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތަކު ނޫނެވެ. އަޅުކަންކުރަންވީ ތިމާއަކީ މުސްލިމަކަށްވީތީއެވެ! ނަރަކައިން މިންޖުވެ ސުވަރުގެ ވަންނަން ބޭނުންވާތީއެވެ! ދެދުނިޔޭގެ ބާއްޖަވެރިކަން ބޭނުންވާތީއެވެ!

ޙަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑު ކޮޅިގަނޑަކީ މަރުވުމެވެ. އެއީ ކޮންވަގުތަކު ކުރިމަތިލާން ޖެހޭނެ ކޮޅިގަނޑެއްކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ! ވީމާ އަބަދުވެސް ތިބެންވީ އެކޮޅިގަނޑަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

މުސްލިމުން މިކުރާ ދަތުރުގައި އަމާން މަންޒިލަކަށް އޮތީ ހަމަ އެކަނި ސުވަރުގެ ލިބުމެވެ. ސުވަރުގެ ވައްދަވަންދެން އަޅުކަންކުރުމުގައި މުއުމިނުންގެ ކެތްތެރިކަން ކޮޅުން ނުލާނެ (ހީވާގިވާނެކަމަށް) ކަމަށް ބުނެވެނީ މި ސަބަބަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން