ކިތަންމެ ދަތިޙާލުގަ އުޅެންޖެހުނަސް އަނބިމީހާ ބާޒާރަށް ނެރެގެން ފައިސާ ހޯދުން- އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން! ލިބޭ ގެއްލުން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކިތަންމެ ދަތިޙާލުގަ އުޅެންޖެހުނަސް އަނބިމީހާ ބާޒާރަށް ނެރެގެން ފައިސާ ހޯދުން- އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން! ލިބޭ ގެއްލުން މާބޮޑުވާނެ!

ފިރިމީހާ ދާން ބުނެފިނަމަ ހިލޭ ފިރިހެނުންނާއިއެކު ކޮފީއަށް ނުވަތަ ދަތުރުދާން ހުއްދަވާނެތޯ؟

ސުވާލުގެ ޖަވާބަކީ ހުއްދައެއް ނުވާނެއެވެ. އަދި ފިރިމިހާގެ އެއަމުރަށް ކިޔަމަންވާކަށް ނުޖެހޭނެއެވެ. ފިރިމީހާ ކަމުގައިވީނަމަވެސް މައިންބަފައިން ކަމުގައިވީނަމަވެސް ﷲ ތަޢާލާގެ އިންތަކުގެ ބޭރުން ކަންކަން ކުރަން ކުރާ އަމުރަށް ކިޔަމަންތެރިވުމެއް ނެތެވެ! އެއިގެ އިތުރުން ތިއައީ ތިމާދެކެ ޙަޤީޤީ ލޯބިވާ ފިރިއަކު ކުރާނެ އަމުރެއްވެސް ނޫނެވެ. ޙަޤީޤީ ލޯބިވާނަމަ މަސައްކަތްކުރާނީ ތިއަފަދަ ކަމެއް ހިނގިއަ ނުދިނުމަށެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

ޤަބޫލުކުރިޔަސް ނުކުރިޔަސް މިދައްކަނީ މުޖުތަމައުގައި އިތުރުވަމުން އަންނަ ވަރަށް ބޮޑު މައްސަލައެއްގެ ވާހަކައެވެ. އިޞްލާޙްކުރަން ކޮންމެހެން ޖެހިފައިވާ ކަމެއްގެ ވާހަކައެވެ. ހިތްހަމަ ނުޖެހޭ ޢިބާރާތެއް ބޭނުންކުރެވިއްޖެނަމަ މާފުކުރާށެވެ.

ކިތަންމެ ގާތް މީހަކު ލައްވައި ނަމަވެސް ނުބައި ކަމެއް ކުރުވުމަށްފަހު އެމީހާ ތިމާއަށް ކަންކަން ކުރާނީ ރަނގަޅަށް ކަމުގައި ނުދެކޭށެވެ! އަދި ތިބާއަށް އޭނާ ގޯސްކަމެއް ކުރުމުން އޭނާ ކުށްވެރި ނުކުރާށެވެ! އެހެނީ އޭނާ އެހިނގަނީ ތިބާ ދެއްކި މަގުންނެވެ!

ބައެއް މީހުން އެމީހުންގެ ދުނިޔަވީ ބޭނުންތައް ފުއްދުމުގެ ގޮތުން އެމީހުންގެ ބައިވެރިޔާ ލައްވައި ނުބައި އަމަލުތައް ކުރުވައެވެ. އެއަށްފަހު ތިމާއަށް ވަފާތެރިވުމަށްވެސް އުންމީދުކުރެއެވެ. ވަފާތެރި ނުވެއްޖެ ނަމަ ރުޅިވެސް އައުދެއެވެ. ނަމަވެސް މިއީ އެއްވެސް އިންޞާފެއްގެ ތެރެއިން ކުރެވޭ ކަންކަމެއް ނޫނެވެ!

މިއަށްވުރެ ތިލަކޮށް ބުނާނަމަ ބައިވެރިޔާ މެދުވެރިކޮށް މީހުންގެ އަތުން މަކަރުން ފައިސާ އެބަ ހޯދައެއްވެ. އެގޮތަށް އެކަން ކުރުވުމަށްފަހު ތިބާގެ ވޮލެޓުން ވައްކަން ނުކުރާނެ ކަމަށް ބަލަންވާނެ ހެއްޔެވެ؟ ބައެއް ފިރިހެނުން ފައިސާގެ ބޭނުމުގައި ބައިވެރިޔާ ހިލޭ ފިރިހެނުންނާއިއެކު ކޮފީއަށް، ކެއުމަށް އެބަ ފޮނުވައެވެ. އެނބުރި އަންނާނީ ޢިއްފަތްތެރިކަންމަތީގައި ކަމަށް ޤަބޫލުކުރަން ވެދާނެ ހެއްޔެވެ؟

ދިރިއުޅުމުގައި ދަތިތައް ކުރިމަތިވާނެއެވެ! ފައިސާއަށްވެސް ދަތިވާނެއެވެ. ކިތަންމެ ވަރަކަށް ދަތިވި ނަމަވެސް ޙަލާލް ނޫން ގޮތުގައި އެންމެ ރިޔާލައެއްވެސް ނުހޯދާށެވެ! ﷲ ތަޢާލާއަށް ތެދުވެރިވާށެވެ! ދަތިހާލުން އަރައިގަތުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުޜާށެވެ! އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ!

އެއް އިރު ކައިގެން ހުރި ނަމަވެސް އެއްވެސް މީހަކަށް އެމީހާ ފެނުމަކުން އެކަމެއް ނުއެނގޭނެއެވެ! ނަމަވެސް ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ފައުޅުގައި ކުރެވިއްޖެ، ނުވަތަ ފަޟީޙަތްވެއްޖެނަމަ އެކަން އެންމެންނަށްވެސް އެނގޭނެއެވެ! ފެންނަ ކޮންމެ މީހަކު އެކަމަށް މަލާމާތްވެސް ކުރާނެއެވެ! ދިމާއަށް ނުބުނި ނަމަވެސް ހިތުން މަލާމާތްކޮށް ލައްނަތް ދޭނެއެވެ!

ވީމާ ލިބިގަންނަން ޖެހޭ ފިލާވަޅަކީ އަމިއްލަ ބޭނުންތައް ނުފުދި، ހައިހޫނުކަމުގައި ހުންނަން ޖެހުނު ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތް ނޫން ގޮތަކުން އެއްވެސް ތަނަވަސްކަމެއް ހޯދަން މަސައްކަތްކޮށްގެން ނުވާނެ ކަމެވެ. އެކަން އެގޮތަށް ކޮށްފިނަމަ ދުނިޔޭގައިވެސް މީހާ ނިކަމެތިވެ ފަޟީޙަތްވާނެ ކަމާއި އަދި އާޚިރަތްވެސް ގެއްލި ދެ ދުނިޔޭގެ އަބާއްޖަވެރިއަކަށް ވެދާނެ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން