ޒަވާޖީ ޙަޔާތެއް ފަށަންވުމުން އެންމެ ތަނަވަސް މީހާ އާއިމެދު ވިސްނާ މީހުންނަށް ބުނެލަން އޮތީ އެއީ ވިސްނަން އެންމެ މުހިންމު ކަންތައް ނޫން ކަމަށެވެ. މިކިޔައިދެނީ އެކަމުގެ ސަބަބުތަކެވެ.
ފަޤީރުން ދުނިޔޭގައި މާއުފަލުގައި އުޅޭ ވާހަކަ ދެއްކީމާ ބައެއް މީހުން ޙައިރާންވެސް ވެދާނެއެވެ! ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ! ނަމަވެސް މިދައްކަނީ ލޮލަށް ފެނި ތަޖުރިބާ ކުރެވެމުން އަންނަ ކަންކަމުގެ ވާހަކައެވެ.
އެއް ދެމަފިރިންނަކީ ވަރަށް ތަނަވަސްކަމުގައި ދިރިއުޅޭ ދެމަފިރިންނެވެ. އަނެއް ދެމަފިރިންނަކީ ވަރަށް ދަތިޙާލުގައި ދިރިއުޅޭ ދެމަފިރިންނެވެ. ރަނގަޅަށް ބަލާށެވެ! އެންމެ ލޯބިން އުޅޭނީ ފަޤީރު ޙާލުގައި އުޅޭ ދެމަފިރިންނެވެ.
ފަޤީރު ދެމަފިރިން ލާން ބޭނުންކުރަނީ މުއްސަނދި ދެމަފިރިން ލައި ބާކީކުރާ ފޭރާމެވެ. ނަމަވެސް ފަޤީރު ދެމަފިރިން ދިރިއުޅެމުން ގެންދަނީ މުއްސަނދި ދެމަފިރިންނަށްވުރެ މާއުފަލުގައެވެ. ފަޤީރު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް މާމަދެވެ. ޚިޔާލު ތަފާތުވި ނަމަވެސް ދެބަސްވެ ޒުވާބުކުރަން އަމުދުން ނުވެސް ޖެހެއެވެ.
މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! މާލީ ތަނަވަސްކަމަކީ މުސްލިމުންނަށް ލިބިގަންނަން މަޖުބޫރު ކަމެއް ނޫނެވެ! މުސްލިމުންނަށް އޮތީ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ރުހި ޝުކުރުވެރިވެގެން ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ. އެއިރުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން މާބޮޑުވާނެއެވެ!
މުއްސަނދިން ކައިބޮއި ހަދާ ތަކެތި އަގުބޮޑުވެފައި މާމީރުވެދާނެއެވެ. އެކަމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ކިތަންމެ އަގުބޮޑު، މީރު ތަކެތި ކެއި ނަމަވެސް ހަމަ ބަނޑުބޮޑުވާނީއެވެ. ފާޚާނާކުރަންވެސް ޖެހޭނެއެވެ. ފަޤީރުން ފަތްޕިލާވެލި ކެއިނަމަވެސް އެކަންކަން ޙާޞިލުވާނެއެވެ. އަދި ކީއްހެއްޔެވެ؟ ޞިއްޙަތަށް މާފައިދާކުރާނެއެވެ.
މުއްސަނދިން ލައިގެން ތިބޭ ފޭރާމާއި ޖަހާ ސެންޓު އަގުބޮޑުވެފައި މާ ފުރިހަމަވެދާނެއެވެ! ނަމަވެސް އެމީހުންގެ ފޭރާމަށާއި ޖަހާ ސެންޓަށް ނުބަލައި އެމީހުންގެ ޢާއިލީ ދިރިއުޅުމަށް ބަލައިފިނަމަ ގިނަ ބައެއްގެ ދިރިއުޅުމުން ދުވާނީ ހަމަކުނިވަހެވެ! ބަލައިލަންވެސް ވަރަށް ހުތުރުވާނެއެވެ!
ސުވަރުގެދާން ބޭނުންވަނީ ފައިސާގެ ތަނަވަސްކަމެއް ނޫނެވެ! ހިތުގެ މުއްސަނދިކަމެވެ. ތަްްވާވެރިކަމެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެ ޙަޤީޤީ ލޯބިން ލޯބިވުމެވެ. އެކަކު އަނެކަކަށް ވަފާތެރިވެ އިޚްލާޞްތެރިވުމެވެ. އަޅުކަންކުރާން ގިނަ ވަގުތު ލިބި އަޅުކަންކުރުމެވެ.
މުއްސަނދިންނަށް އޮންނަނީ އެމީހުންގެ ތަނަވަސްކަން އަދިވެސް އިތުރުކުރަން އުޅެން ހަދައިގެން އަޅުކަންކުރާނެ ވަގުތުވެސް ނުހޯދިފައެވެ. ނަތީޖާއެއްގެ ގޮތުން މުއްސަނދިންނަށްވުރެ އުފަލުގައި ދިރިއުޅެނީވެސް އަދި ގިނައިން އެކުގައި ސުވަރުގެ ވަންނާނީވެސް ފަޤީރު ދެމަފިރިންނެވެ. މިއީ ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ.
ދެމަފިރިން އެކަކު އަނެކަކަށް ދޮގުހަދައި މަކަރުހެދުމަކީވެސް ހަމަ ބޮޑެތި ފާފަތަކެވެ. ފަޤީރުންނަށްވުރެ މުއްސަނދިންގެ މެދުގައި މިކަން ބޮޑުވާނެއެވެ! މިކަންކަމަކީ ދުނިޔެއިން އަބަދު ފެންނަމުންދާ ކަންކަމެވެ. މިޒަމާނުގެ ބަހުރުވައިން ބުނާ ރޮކެޓް ސައިންސް މިކަމަށް ބޭނުމެއް ވެސް ނުވެއެވެ. ލޯމައްޗަށް ކޮންމެ ދުވަހަކު ތަޖުރިބާކުރަންޖެހޭ ކަންކަން މާގިނައެވެ.
މިދެއްކި ވާހަކަތަކާއިމެދު ޔަޤީންކަން ހޯދަން އަމިއްލައަށް ބެލެންހުރި ވަރަކަށް ކަންކަން ބަލައި ހޯދާށެވެ! މިބުނި ބަސްތަކަކީ ތެދު ޙަޤީޤަތްކަން އެނގިގެންދާނެއެވެ! އިން ޝާ ﷲ --އިސްލާމީ ތިލަފަތުގެ ދަރުސަކުން