އަޅުގަނޑުގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކެއްގެ އަތުގައި މިހާރުވެސް ދުވާލަކު ހެދުމެއްލީނަމަވެސް 2 މަހެއްހައި ދުވަހު ލާނެވަރަށް ހެދުން އެބަހުއްޓެވެ. އަދިވެސް އުޅެނީ މަދުވެގެންނެވެ. ފޮތިފިހާރަތަކަށް ފާރަލައި ރީތި އައުފޮތި ނެރޭތޯ ބަލައެވެ. ފުދުންތެރި ނަމަވެސް މިއީ ހަމަ ރަނގަޅު ގޮތްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
ކޮންމެވެސް މީހަކު ލާފައި ހުރި ކަހަލަ ހެދުމެއް އަތުގައި ނެތިގެން އުޅޭ މީހުން ގިނަވެއްޖެއެވެ. މިހާރަކަށް އައިސް ގިނަ ބައަކު އުޅެނީ އަތުގައި ހެދުން ގިނަ ނުކުރެވިގެންނެވެ! އަލަމާރީގެ ވޯޑްރޯބްތައް ފުރިގެން ކޮތަޅުތަކަށް އަޅާވަރަށް ހެދުން ހުންނައިރުވެސް އުޅެނީ ހަމަ ހެދުން މަދުވެގެންނެވެ.
މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެމީހާއަށް ކޮންމެ ހެން ބޭނުންވާ ވަރަށްވުރެ ގިނައިން އަތުގައި ފޭރާން ބެހެއްޓުމަކީ އިސްރާފުގެ އަމަލެކެވެ. ތަނަވަސްކަން ހުރެފައި އައު ހެދުން ލުމަށް ލޯބިކުރާނަމަވެސް އަތުގައި ހެދުން ގިނަ ނުކުރާށެވެ! އަލަށް ފަހާ ނުވަތަ ގަންނަ ހެދުމަކަށް އަތުގައި ހުރިތަނުން ހެދުމެއް ފަޤީރަކަށް ޞަދަޤާތްކުރާށެވެ! އަތަށް ގިނަވިއަ ނުދޭށެވެ!
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލާން ބޭނުންނުކުރާ ހެދުން އަތުގައި ބެހެއްޓުމުން ފާފަވެރިވާނެއެވެ. ވީމާ މިހިރީ ވިސްނާލަންޖެހޭނެ ކަންކަމެވެ.
ﷲ ތަޢާލާ ލޯބިވެވޮޑިގެންވަނީ އެމީހާގެ އަތުގައި ހުންނަ ހެދުމުގެ އަދަދު ގިނަވެފައި އަގުބޮޑުވުމަކުން ނޫނެވެ! ލައިގެން ހުންނަ ފޭރާމުގެ ސާފުތާހިރުކަމުންނެވެ! ވީމާ ކިތަންމެ މަދުން އަތުގައި ހެދުން ހުރި ނަމަވެސް ސާފުތާހިރުކަންމަތީގައި ހުންނާށެވެ! އެއޮތީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެކަމުން ލިބިފައެވެ! އިން ޝާ ﷲ
އަތުގައި ފޭރާން މަދުވުމަކީ އެއްގޮތަކަށްވެސް ދެރަވެ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ! ލަދުގަންނަންވެސް ޖެހޭ ކަމެއް ނޫނެވެ! ﷲ ތަޢާލާ ކޮންމެ ނިޢްމަތެއްވެސް ކޮންމެ މީހަކަށްވެސް މިދުނިޔޭގައި ދެއްވަވަނީ ވަކި މިންވަރަކަށެވެ. އިމެއް ނެތި ނިޢްމަތްތައް ލިބުން އޮތީ ސުވަރުގެއިންނެވެ. ވީމާ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާށެވެ! ނިޢްމަތްތައް އިމެއް ނެތި ލިބިގަތުމަށްޓަކައި ސުވަރުގެ ދިއުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން