ހަމަކަށަވަރުން ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނެ ބައިވެރިއަކީ ﷲ ތަޢާލާއެވެ. ވީމާ ދުނިޔޭގެ ޙަޔާތުގައިވެސް ތިމާގެ ބައިވެރިއަކީ ﷲ ތަޢާލާ ކަމުގއި އިޚްތިޔާރުކުރާށެވެ! ދުނިޔެވެސް، ބަރުޒަޚް ވެސް އަދި އާޚިރަތްވެސް ލިބުން އޮތީ އެއިރުންނެވެ.
މިކިޔައިދެނީ އެކަންކުރަންވީ ގޮތެވެ!
ދުނިޔޭގައި ތިބާގެ ބައިވެރިޔާ ހޮވުމުގެ އިޚްތިޔާރު ތިބާއަށް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ތިބާގެ ބައިވެރިއަކީ ﷲ ކަމުގައި އިޚްތިޔާރުކޮށްފި މީހާ މަރުވުމުން އެމީހާގެ ބައިވެރިއަކަށް ﷲ ވެވޮޑިގަންނަވާނެތެވެ!
ނަމަވެސް ﷲ ތަޢާލާ ދޫކޮށް އެހެން ބައިވެރިއަކު އިޚްތިޔާރުކޮށްފި މީހާ މަރުވުމުން ބައިވެރިޔާ ގެއްލިގެންދާނެތެވެ! އަދި އެމީހާ ކިތަންމެ ބޭނުންވި ނަމަވެސް ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ވެސް ނުއޮންނާނެއެވެ! ގިނަ ފަހަރު އެހިސާބުން ފެށިގެން ތިބާގެމަތިން ހަނދާންވެސް ނުކުރާނެތެވެ.
ތިބާގެ ބައިވެރިއަކަށް ﷲ ތައާލާ އިޚްތިޔާރުކުރުމުގެ މާނައަކީ ތިބާ އަބަދުވެސް ﷲ ތަޢާލާ އެންގެވި ގޮތަށް ޢަމަލުކުރުމެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށް ﷲ ތަޢާލާ އަށް ބިރުވެތިވުމެވެ! ﷲ ތައާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރުމަކީ ހިތަށް ލިބޭ އެންމެ ބޮޑު ހަމަޖެހުމާއި އުފާވެރިކަން ކަމުގައި ހެދުމެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތަކަށް ކަންކަން ކުރަން ކިތަންމެ މުއްސަނދި، ނުވަތަ ކިތަންމެ ބާރުގަދަ ވެރިއަކު ބުނި ނަމަވެސް ﷲ ތަޢާލާ އެންގެވި ގޮތް ނޫން ގޮތަކަށް ޢަމަލު ނުކުރުމެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ބާރުގަދަވެގެން އުޅޭ އެމީހާޢަކީވެސް ހަަމ ﷲ ތަޢާލާގެ އަޅެކެވެ. ﷲ ތަޢާލާއަށް ޖަވާބުދާރީވާންޖެހޭނެ މީހެކެވެ. ޙިސާބު ބައްލަވައި ޖަޒާ ދެއްވަވާނެ މީހެކެވެ.
އެގޮތުގައި ސާބިތުވެ ހުރެއްޖެ މީހާ މަރުވުމުން އެމީހާގެ ބައިވެރިއަކަށް ﷲ ތައާލާވެވޮޑިގަންނަވާނެތެވެ! މަރުވާ ވަގުތުން ފެށިގެން އެމީހަކަށް ﷲ ތަޢާލާގެ ނިޢްމަތް ލިބެން ފަށާނެއެވެ. ކައްވަޅުގައިވެސް އަދި ޤިޔާމަތް ދުވަހުވެސް އެމީހަކަށް އެކަމުގެ ނިޢްމަތްތައް ލިބިގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން