ތިބާގެ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވަވާނެ މަގު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިބާގެ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވަވާނެ މަގު

މުސްލިމުންގެ އިމާމަކު ވިދާޅުވެފައިވެއެވެ. 

"ރޭގަނޑު އަނދިރީގައި އިނދެ ތިބާ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ދުޢާ ކުރާށެވެ! ކަރުނައަޅާށެވެ! ކުޑަކުއްޖަކު އޭނާ ބޭނުންވާ ކަމެއް ޙާޞިލުވަންދެން މައިން ބަފައިން ގާތު ރޯ ފަދައިންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ރުއިން ގިނަކުރާށެވެ! ﷲ މަގު ފަހިކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ" 

ކޮންމެ މީހަކަށް ވެސް ދުނިޔޭގައި އުޅެން ޖެހިފައި މިވަނީ ވަރަށް ނިކަމެތި ޙާލުގައެވެ. ހަމަ ކޮންމެ މީހަކީވެސް ކޮންމެވެސް ބޭނުންތަކެއް ނުފުދިގެން ކަންބޮޑުވުމުގައި އުޅެން ޖެހިފައިވާ މީހެކެވެ. ތަނަވަސްކަމާއި ބާރާއި ނުފޫޒު ގަދަވި ވަރަކަށް ބޭނުންތައް ބޮޑެތިވެފައި ގިނަވާނެއެވެ! 

މީސްތަކުންނޭވެ! އަހަރެމެންގެ ބޭނުންތައް ފުއްދަވައި ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ! އިންސާނުންނަށް އިންސާނުންގެ ބޭނުންތައް ފުއްދައިދިނުމަކީ ބޮޑުކަމަކަށްވީ ނަމަވެސް ކޮންމެ ކަމަކީ ﷲ ތަޢާލާއަށް ނުހަނު ކުޑަކުޑަ ކަންތަކެވެ. ދުނިޔޭގެ އެންމެންގެ ބޭނުންތައް އެއްފަހަރާ ފުއްދަވައި ދެއްވެވުމަކީ ވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެއްވެސް ކަމެއް ނޫނެވެ. އަދި ދުނިޔޭގެ އެންމެންގެ ބޭނުންތައް އެއްފަހަރާ ފުއްދަވައި ދެއްވެވި ނަމަވެސް ﷲ ތަޢާލާގެ ޚަޒާނާއިން ޒައްރެއްގެ މިންވަރުވެސް މަދެއްވެސް ނުވާނެއެވެ! 

ވީމާ ދެރަވެ ނިކަމެތިވާށެވެ! އެކަން ބަޔާންކުރާށެވެ! ކުރެވިފައިވާ ފާފަތަކަށް ތައުބާވާށެވެ! ދުޢާކުރުން ގިނަކުރާށެވެ! އިމާމްވިދާޅުވެފައިވާ ފަދައިން " ރޭގަނޑު އަނދިރީގައި އިނދެ ތިބާ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ދުޢާ ކުރާށެވެ! ކަރުނައަޅާށެވެ!" މާޔޫސްވާކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން