މައްކާގެ ހަރަމްފުޅުގަ އުރަކޮޅު ލެއްވެވުން- ތާރީޚުން-

ކިޔުމަށް ހޭދަވާނީ 2މ 17ސ
މައްކާގެ ހަރަމްފުޅުގަ އުރަކޮޅު ލެއްވެވުން- ތާރީޚުން-

ޢަލީ އިޙްޞާން ފިރާޤް

 

ގެފުޅުގެ އުރަކޮޅު ނުވަތަ ކަޢުބާގެ ކިސްވާއަކީ ކޮންމެ އަހަރަކު އެއްފަހަރު ބަދަލުކުރެވޭ އެއްޗެކެވެ. އެންމެ ފުރަތަމަ ގެފުޅުގައި އުރަކޮޅު ލެއްވީ ކޮން ބޭކަލެއްކަން އެނގޭނެ އެއްވެސް ޞައްޙަ ދަލީލެއްނެތެވެ. އެހެންކަމުން މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ އެންމެ ކުރީގައި ގެފުޅުގައި އުރަކޮޅު ލެއްވިކަމަށް ތާރީޚުގައި ބަޔާންކުރެވިފައިވާ ފަރާތްތަކަށެވެ. 

ޖާހިލިއްޔަ ޒަމާނުގައިވެސް ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަކީ ދީނީ ވާޖިބެއްކަމުގައި މީސްތަކުން ދެކެއެވެ. އެގޮތުން އިސްލާމްދީން އައުމުގެ ކުރީންވެސް އެތައް ބަޔަކުވަނީ ގެފުޅަށް އުރަކޮޅު ހަދިޔާ ކުރައްވައިފައެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އެންމެ ފުރަތަމަ ގެފުޅުގައި އުރަކޮޅު ލެއްވީ ތުއްބަޢުލް ޙިމްޔަރީއެވެ. މީގެ އިތުރަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ކާބަފައިކަލުންގެ ތެރޭގައި ހިމެނޭ ޢަދްނާންވެސް ގެފުޅުގައި އުރަކޮޅެއް ލެއްވިކަށް ރިވާވެގެން އައިސްފައިވެއެވެ. 

ކަޢުބާގެ އުރަކޮޅާ ބެހޭ ގޮތުން ވަރަށް މަޝްހޫރު ވާހަކައެއްވެސް ރިވާވެގެން އައިސްފައިވެއެވެ. އެއީ އެއްފަރަކު ޢައްބާސްގެފާނު ތުއްޕުޅުއިރު އެކަލޭގެފާނު ގެއްލިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފެނިވަޑައިގެންފިނަމަ ގެފުޅުގައި އުރަކޮޅެއްލެވުމަށް އެކަލޭގެފާނުގެ މައިކަނބަލުން ނުތައިލާ ބިންތި ޖަނާބު ނަދުރުފުޅު ވިދާޅުވިއެވެ. ގެފުޅުގައި އެންމެ ފުރަތަމަ އުރަކޮޅު ލެއްވި އަންހެން ބޭފުޅަކީ ނުތައިލާއެވެ.  

މައްކާ ފަތަޙަ ކުރެއްވުމަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެފުޅުގައި އުރަކޮޅެއް ލެއްވިއެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތުގައި، މިޞްރުގެ ޤަބާތީ ފޭރާމުން އޭގެ ދެކަލުން ގެފުޅުގައި އުރަކޮޅު ލެއްވިއެވެ. އެއަށްފަހު ޢުޘްމާނުގެފާނާއި، ޢަލީގެފާނުގެ ޚިލާފަތުގައި އެބޭކަލުންވެސް ގެފުޅުގެ ކިސްވާ ބަދަލުކުރެއްވިއެވެ. 

ދެން ފެށުނީ އުއްމަޔަތުވަންހައިގެ ރަސްކަމެވެ. އިސްލާމީ ތާރީޚު ދުށް އެންމެ ހެޔޮ ރަސްގެފާނު އަމީރު މުޢާވިޔަތުގެފާނުވެސް އެކަލޭގެފާނުގެ ރަސްކަމުގެ ޒަމާނުގައި ގެފުޅުގައި އުރަކޮޅު ލެއްވިއެވެ. އެ ޒަމާނުގައި ގެފުޅަށް އާ އުރަކޮޅު ލެއްވުމަށްފަހު ބާ އުރަކޮޅު ވަޅުލަނީއެވެ. މިކަމުގެ ފަތުވާ އަކަށް އެޒަމާނުގައި އިންނެވި އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާ ކަމުގައިވާ ޢާއިޝަތުގެފާނުގެ އަރިހުގައި އެހެވުނު ހިނދު އެކަމަނާ ވިދާޅުވިއެވެ.  

[ގެފުޅުން އުރަކޮޅު ބޭލުމަށްފަހު އެއަށް އަންނަނީ އާންމު ފޮތީގެ ހުކުމެވެ. އެހެންކަމުން އެ އުރަކޮޅު ވިއްކައިލާށެވެ. އެއިން ލިބޭ ފައިސާ ފަޤީރުންނަށާއި މިސްކީނުންނަށް ބަހާލާށެވެ.]

އުއްމައްޔަތުވަންހައިގެ ރަސްކަމަށްފަހު ދެން ފެށުނީ ޢައްބާސީ ރަސްކަމެވެ. ޢައްބާސީންވެސް ގެފުޅުގެ އުރަކޮޅު ގަވާއިދުން ބަދަލު ކުރަމުން ގެންދިޔައެވެ. އެއަށްފަހު މިއަދާ ހަމައަށްވެސް އެކަން އެގޮތަށް ކުރިއަށް އެބަދެއެވެ.

މިއަދު އޮންލައިން