ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
مَنْ حَافَظَ عَلَى هَؤُلَاءِ الصَّلَوَاتِ الْمَكْتُوبَاتِ لَمْ يُكْتَبْ مِنَ الْغَافِلِينَ، وَمَنْ قَرَأَ فِي لَيْلَةٍ مِائَةَ آيَةٍ كُتِبَ مِنَ الْقَانِتِينَ»
މާނައީ: "ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެއްޖެމީހާ ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ. އަދި ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހަކު ކިޔަމަންތެރިވީ އަޅުންގެ ތެރެއިން ލިޔުއްވޭ ހުއްޓެވެ."
ކީރިތި ޤުރްއާނަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބާވައިލައްވާފައިވާ ފޮތެވެ. މި ފޮތް ކިޔެވުމަކީ ޘަވާބު ލިބޭނެ ކަމެކެވެ. ކީރިތި ޤުރްއާނަކީ ޝިފާއެކެވެ.
ﷲ ތަޢާލާ ފާޡިރް ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ ﴿٢٩﴾
މާނައީ: "ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. (29)"
މި ޙަދީޘްފުޅުން އަޅުގަނޑުމެންނަށް ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އަދި އެއިގެ ތެރެއިން ބައެއް ފައިދާތައް މި ލިޔުމުގައި ބަޔާން ކޮށްލާނަމެވެ.
· އިސްލާމީ ޝަރީޢަތުގެ ފަސޭހަކަމާއި އޯގާތެރިކަން:
އިސްލާމީ ޝަރީޢަތުގައި ﷲ ތަޢާލާ ވަނީ އިންސާނުންނަށް ބޭނުންވާ ކަންތައްތައް ހިމަނުއްވާފައެވެ. އަދި އެކަމާ އިދިކޮޅަށް އަޅުގަނޑުމެން އިންސާނުންނަށް ބަސް ނުބުނެވޭނެއެވެ. އެގޮތުން އިސްލާމްދީނުގައި މައިގަނޑު ބަލާލައިފައިވާ ކަންތައްތަކުގެ ތެރޭގައި ދީން ޙީމާޔަތް ކުރުމާއި، ނަފްސު ހިމާޔަތްކުރުމާއި، ބުއްދި ޙިމާޔަތް ކުރުމާއި، މުދާ ޙިމާޔަތް ކުރުމެވެ.
· ރޭގަނޑު ސަތޭކަ އާޔަތް ކިަޔަވާއިފި މީހަކަށް ލިބޭނެ އަޖުރާއި ޘަވާބުގެ ބޮޑުކަން:
ރޭގަނޑު ކީރިތި ޤުރްއާން ކިޔެވުމަކީ ވަރަށް ޘަވާބުހުރި އަޅުކަމެކެވެ. އަދި ހިތްހަމަޖެހުންވެސް ލިބިގެންދާނެކަމެކެވެ.
ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾
މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)"