ނަމާދުކުރާއިރު ރުކޫޢު ފުރިހަމަ ގޮތުގައި ކުރާނެ ގޮތް-
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫ ކުރެއްވެވި، އެކަލޭގެފާނު ރުކޫ ކުރެއްވެވިގޮތް އަޅުގަނޑުމެންނަށް ޞަޙާބީބޭކަލުން ކިޔައިދެއްވާފައިވަނީ. އެކަލޭގެފާނުގެ ރުކޫޢުގެ ސިފަ އަޅުގަނޑުމެންނަށް އެބޭކަލުންގެ ފަރާތްޕުޅުން ވާރިދުވެގެން އައިސްފައިވަނީ.
ރުކޫޢުގެ އެންމެ ކުޑަ މިންވަރަކީ ކޮބައިތޯ؟ އެއީ ދެކަކުލުގައި ދެއަތްތިލަ ވިއްދާލެވޭވަރަށް ގުދުވެލުން ނުވަތަ ލެނބިލުން އެއީ ރުކޫޢުގެ އެންމެ ކުޑަ މިންވަރު. އެހެންނަމަވެސް، ރުކޫޢު ކުރަންވީގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި، ރުކޫޢު ކުރަންވީ އެންމެ ފުރިހަމަ ގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާފަ ވަނީ.
އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫ ކުރެއްވި ގޮތަށް ބަލާއިރު، ތިމާގެ ބޯ ރުކޫއަށް ދާއިރު ބުރަކައްޓާ އެއްވަރު ކޮށްލަންޖެހޭ. އެބަހީ ރީތިކޮށް ލެނބިލަންޖެހޭ. ބުރަކަށި ސީދާ ކޮށްލަންޖެހޭ. ބޯ ބުރަކައްޓާ އެއްވަރުވާގޮތަށް ތިމާގެ ބުރަކަށީ ރީއްޗަށް ސީދާ ކޮށްލަންޖެހޭ. ދެއަތުގެ އިނގިލިތައް ހުންނަންޖެހެނީ، ރުކޫޢު ކުރާއިރު ދެއަތުގެ އިނގިލިތައް ހުންނަންޖެހެނީ ފޭކޮށްލާފައި ހުޅުވާލެވިފަ އިނގިލިތައް ހުންނަންޖެހެނީ. ރުކޫގައި އޮންނަންޖެހެނީ ދެކަކުލުގައި އަތް ވިއްދާލައިގެން. ދެކަކުލުގައި އަތް ވިއްދާލައިގެން ރުކޫގައި އޮންނަންޖެހެނީ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީސްތަކުންނަށް އުނގަންނައި ދެއްވި ގޮތަކީ އެއީ، އެކަލޭގެފާނު ދަސްކޮށް ދެއްވ ގޮތަކީ އެއީ.
ﷲ ރުއްސުން ލެއްވި އަބޫ ހުމައިދުގެ ކިބައިން ރިވާވެގެން އައިއްސައިވެއެވެ. އެކަލޭގެފާނު ވިދާޅުވަނީ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫޢަށް ވަޑައިގަންނަވާ ހިނދުގައި އެކަލޭގެފާނުގެ ބުރަކަށިފުޅު ސީދާ ކުރައްވައޭ ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމަ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅު ނޫފުއްލަވައެވެ. އިސްތަށިފުޅު ނޫފުއްލަވައޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ. އަދި ތިރިވެވަޑައެއްވެސް ނުގަންނަވައެވެ. އެ އިސްތަށިފުޅު ތިރިކުރައްވައެއްވެސް ނުހައްދަވައޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ. އަދި އެކަލޭގެފާނުގެ ދެއަތްޕުޅުން ދެ ކަކޫފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމަ ހިފަހައްޓަވައެވެ. އެހެންމަ މީ އަބޫ ހުމެއިދު ރަޟިޔަﷲ ޢަންހުގެ ކިބައިން އައިއްސަވާ ރިވާޔަތެއް. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫޢު ކުރައްވާގޮތް އެކަލޭގެފާނު އެ ބަޔާން ކޮށްދެއްވެވީ.
އަދި ޢަލީގެފާނުގެ ކިބައިން ރިވާވެގެން އައިސްފައިވޭ، ޢަލީގެފާނު ވިދާޅުވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫޢުގައި އޮންނަވާއިރު އެކަލޭގެފާނުގެ ބުރަކަށިފުޅުމަތީ ފެންކަންވާރެއް ބަހައްޓައިފި ކަމުގައި ވާނަމަ ފެންފޮދު ފައިބައގެން ނުދާނެއެވެ. ފެންފޮދެއް އެކަލޭގެފާނުގެ ބުރަކަށިފުޅު މައްޗަށް އަޅުއްވައިފިކަމުގައިވިޔަސް އެ ފެންފޮދު ފައިބައިގެން ނުދާނެއެވެ. އޭގެ މާނައަކީ ވަރަށް ސީދަލަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫޢުގަ އެ އޮންނަވަނީ. ރުކޫޢުގަ އެ އޮންނަވަނީ ވަރަށް ސީދަލަށް.
ދެން ބައެއް މީހުން ރުކޫޢުގަ ތިބޭއިރު ތިބޭގޮތް ތިބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ. ހަމަ ކިރިޔަ ކިރިޔާ ކަކުލަށް ދެއަތް ފޯރާވަރަށް ގުދުވެލައިގެން އެތިބެނީ. އެވަރަށް ގުދުވެލީމާ ދެން މިވާގޮތަކީ ފެންފޮދެއް އެއްޗެއް ބުރަކަށިމައްޗަށް އަޅައިފިއްޔާ އެ ފައިބައިގެން ދާނީ. އެހެންމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ރީތިކޮށް އެކަލޭގެފާނު ރުކޫޢުގައި އެ އޮންނަވަނީ. އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން އެކަން ބަޔާން ކޮށްދެއްވާފަ އެވަނީ.
ކުރިންވެސް ދެންނެވިފަދައިން ރުކޫޢު ކުރުމަކީ ނަމާދުގެ ރުކުންތަކުގެ ތެރޭގައި ހިމެނިގެންވާ ރުކުނެއް އެއީ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްބަސްފުޅެއްގަ އައިސްފައިވޭ --- " ފަހެ ނަމާދު ޞައްޚަވެގެން ނުވެއޭ" -- " ރުކޫޢު ކުރާއިރު އަދި ސަޖިދަ ކުރާއިރު އިންސާނާ، ރުކޫޢު ކުރާމީހާ އަދި ސަޖިދަ ކުރާމީހާ އޭނަގެ ބުރަކަށި ސީދާ ނުކުރާކަމުގައި ވާނަމަ. އޭނާގެ ބުރަކަށި ސީދާކޮށްނުލާކަމުގައި ވާނަމަ އެފަދަ މީހާގެ ނަމާދު ޞައްޚަ ވެގެން ނުވެއޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް އެ ބަޔާން ކޮށްދެއްވަނީ. އެހެންވީމާ ބުރަކަށި ތެދު ނުކުރާކަމުގައި ވާނަމަ އެކަލޭގެފާނުގެ
ބަސްފުޅު މި އަންނަނީ -- " ނަމާދު ކަމުނުދާނެ ކަން، އެ ޞައްޚަ ނުވާނެކަން، އެ ފުރިހަމަ ނުވާނެކަން." އެހެންވީމާ ރުކޫޢުގަ އޮންނަންޖެހޭނީ ވަރަށް ރީތިކޮށް.
- ޝައިޚް މުޙައްމަދު މޫސާ