މިއަދުގެ ޙާލަތަށް ބަލައިފިނަމަ މީސްތަކުން އެންމެ ބޮޑަށް ދުރިހެލިވަމުންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލާއިއެވެ! ނަމަވެސް ބޭނުންވަނީ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަންވުމަށެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބުމަށެވެ. އަތްމަތި ތަނަވަސްވުމަށެވެ. ކުރާ ކޮންމެ ކަމެއް ކާމިޔާބުވުމަށެވެ. މިކަންކަމަށް ބޭނުންވާއިރު ތިމާއަށް މިހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތަށް ފުރަގަސްދީގެން ކަމަށްވާނަމަ އެކަންކަން ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (އަލްބަޤަރާ: 153)
ﷲ ތަޢާލާ، ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް ވަޙީ ކުރެއްވެވުމުން އެކަމުގެ ދަރަޖައިގެ މަތިވެރިކަމާއި ﷲ ތޢާލާގެ ޙަޟްރަތުގައި ކެތްތެރިކަމަށް ލޮބުވެތިކަން ބޮޑުވެގެންވާ މިންވަރު މިއޮތީ ހާމަވާށެވެ!
އަހަރެމެން ކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަން ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާ އެކަމެއް މިންވަރު ކުރެއްވެވުމުންނެވެ. ވީމާ ކޮންމެ ކަމަކަށް ވެސް މިއޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދުމެވެ. އެ ސަބަބަށްޓަކައި ﷲ ތަޢާލާ ހަމަ މިއާޔަތުގައި އެވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެން އޮތް މަގު ވެސް ބަޔާންކުރައްވަވައިފައެވެ. އެއީ ނަމާދުކުރުމެވެ!
ހިތާމައަކީ ނަމާދުކުރުމާއި ކެތްތެރިވުމާއި މި 2 ކަންތަކާއިވެސް މީސްތަކުންނަށް ދުރަށް ޖެހެވޭ މިންވަރު ބޮޑުވަމުން އަންނަ ކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކޮންމެ މީހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެއެވެ. ނަމަވެސް ނަމާދެއް ނުކުރެއެވެ. ﷲ ތައާލާ އާއި ކުއްތަންވުމަށް ބޭނުންވެއެވެ. ނަމަވެސް ކެތްތެރިކަމެއް ނެތެވެ! އެހެންކަމާއިއެކުވެސް އެދޭ ކަންކަން ޙާޞިލު ނުކުރެވި ލަސްވުމުން ޝަކުވާވެސް ކުރެއެވެ!
މިއާޔަތަކީ އެންމެން ވެސް ވަރަށް ރަނގަޅަށް ދަންނަ އާޔަތަތެކެވެ. ހުކުރު ޚުޠުބާތަކުގައި އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއް އާޔަތްވެސްމެއެވެ. ޝަކުވާ ކުރުމުގެ ކުރިން މި އާޔަތުގައިވާ ކަންކަމަށް ތިމާއަށް ޢަމަލުކުރެވޭ މިންވަރާއިމެދު ވިސްނައިލާނެ ނަމައެވެ.
ﷲ ތަޢާލާ ވަނީ އަހަރެމެން ޢަމަލުކުރަންވީ ގޮތް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. ވީމާ ފުރަތަމަ ކަމަކަށް ތިމާ ކިޔަމަންތެރިކަން އަދާކުރާށެވެ! ﷲ ތަޢާލާގެ ރުއްސެވުމާއި ލޯބިވެވޮޑިގަތުން ލިބޭނީ އެއިރުންނެވެ.
ނަމާދުކުރުމާއި ނުކުރުމަކީ އެއްވެސް މީހަކަށް އޮތް ޗޮއިސްއެއް ނޫނެވެ. މާނައަކީ އިޚްތިޔާރީކަމެއް ނޫނެވެ. އެއީ ފަރުޟެކެވެ. ވާޖިބެކެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް އެވާޖިބު އަދާކޮށް ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން