އަހުރެމެންގެ ތެރެއިން ގިނަ ބައެއްގެ ޙާލު މިހާރު ހުރި ގޮތަކީ މީހަކު ތިމާއަށް ހެޔޮކަމެއް ކޮށްދީފިނަ އޭނާގެ ކުރިމަތީގައި ވަރަށް ބާރަށް "ޝުކުރިއްޔާ" ބުނެފައި ދުރަށް ގޮސް އޭނާގެ މުޅަމަސް ކެއުމެވެ. ނުވަތަ އެކަންކުރާ ބައަކާއި ބައިވެރިވުމެވެ.
ތިމާއަށް ހުރިހާ ނިޢުމަތްތަކެއް މިންވަރުކުރައްވަވާ ﷲ ތަޢާލާ އާއިމެދުގައިވެސް ކަންކަން ކުރެވެނީ އެފަދަ ގޮތަކަށެވެ. ނިޢުމަތެއް ދެއްވަވައިފިނަމަ ނިކަން ބާރަށް "ޝުކުރު އަލްޙަމްދުލިﷲ" ބުނާނެއެވެ. ނަމަވެސް ޝުކުރުވެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އޮންނަނީ ނުކުރެވިފައެވެ. ވީމާ ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ކޮބައިކަން އެނގެން އެބަޖެހެއެވެ.
ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ. ފާފަތަކުން ދުރުހެލިވުމާއި ވީހައި ގިނައިން އަޅުކަން ކުރުމެވެ. މީސްތަކުންނަށް ޝުކުރުވެރިވުމަކީ ތިމާއަށް އެހީތެރިވެދިން މީހާއަށް އިޙްޞާންތެރިކަން އަދާކުރުމެވެ. އެކަމުގެ އަގުވަޒަންކޮށް އެމީހާއަށް ހެޔޮ ދުޢާކުރުމާއިއެކު އެމީހަކަށް ވަފާތެރިވެ އިޚްލާޞްތެރިވުމެވެ.
މި ބުނަނީ އެއްވެސް ޙާލެއްގައި ދުލުން ޝުކުރުގެ ބަސްތައް ނުބުނާކަށް ނޫނެވެ. ދުލުން ޝުކުރުގެ ބަސްތައް ބުނެ ހާމަކުރާށެވެ! ނަމަވެސް އެވަރަކުން ނުފުދެއެވެ! ޝުކުރުވެރިވާކަން ޢަމަލުން ދައްކަން ޖެހޭނެއެވެ! ނޫނީ ދުލުން އަދާކުރި ޝުކުރުގެ އެއްވެސް ބޭނުމެއް ނެތެވެ!
ވީމާ ނިޢްމަތްތައް އިތުރުވުމަށް އެދޭމީހާ "ޝުކުރިއްޔާ ﷲ!" ބުނެ ނިންމައިނުލާށެވެ! ޢަމަލުން އެކަން ދައްކައި ޝުކުރުވެރިވާކަން ޢަމަލުން ސާބިތުކޮށްދޭށެވެ! ނިޢްމަތްތައް ދާނީ އިތުރުވަމުންނެވެ! އިން ޝާ ﷲ
ބައެއް މީހުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރެވެވުމުން ނިކަން ފަސޭހައި ﷲ ތަޢާލާއަށް ދުލުން ޝުކުރު އަދާކުރެއެވެ. ޝުކުރު الحمد لله ފަދަ ބަސްތައް ދުލުން ބުނެލައެވެ! މީސްތަކުންނޭވެ! "ޝުކުރިއްޔާ ﷲ!" ބުނެލުމަކުން ނުފުދޭނެއެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވީނަމަވެސް އަދި މީހަކަށް ޝުކުރުވެރިވީ ނަމަވެސް އެއީ ޢަމަލުން ޝކުރަން ޖެހޭ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން