ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ނުވަތަ އެންމެ އެދޭނެ ކަމަކީ އެމީހަކަށް ސުވަރުގެ ލިބުމެވެ. އެއީ އެއްވެސް މުސްލިމަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެހެންކަމުން މިކަމުގައި އިތުރަށް ވިސްނައިލަމާހިނގާށެވެ!
ސުވަރުގެއަށް ވަނުމުގެ މަގު މިގޮތަށް ވިސްނާށެވެ! ފުރަތަމަ ކަމަކީ ޝަހާދަތްކިޔައި ޝަހާދަތް ޤަބޫލުކުރުމާއިއެކު ނަމާދުކުރުމެވެ. މިކަންތައް ފުރިހަމަ ކުރެވުނު މީހަކަށް މެނުވީ ސުވަރުގެ ދިއުމަށް ހިނގަން ޖެހޭ މަގުގެ މައި ދޮރެއް ނުހުޅުވޭނެއެވެ. މައިދޮރު ހުޅުވިގެން ނޫނީ ޒަކާތް ދިނުމާއި ރޯދަހިފުމާއި ޙައްޖުވުމާއި މިކަންކަމާއި އަދި ދެންވެސް ދުނިޔޭގައި ތިމާ ކުރި ހުރިހާ ހެޔޮ ޢަމަލުތަކާއި، އަޅުކަމާއި ހަމައަށް ވާޞިލުވެވޭނެ އެއްވެސް މަގެއް ނެތެވެ.
ވީމާ ސުވަރުގެ ވެއްދެވުމުގެ ތަޅުދަނޑިއަކަށްވެފައި މިއޮންނަނީ ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި އެއިގެ މާނަ ހިތުން ޤަބޫލުކޮށް ފަރުޟު 5 ނަމާދުކުރުމެވެ.
ސުވަރުގެ ލިބުމުގެ ތަޅުދަނޑި އަތަށް ލިބި ދޮރު ހުޅުވެން މިއޮތީ ނަމާދު ފުރިހައަށް ކޮށްގެންނެވެ. ނަމާދު ފުރިހަމައަށް ކުރުމަކީ އަހަރެމެންގެ މައްޗަށް ކުރަން ﷲ ތަޢާލާ ކޮންމެ ދުވަހަކު ފަރުޟު ކުރައްވަވާފައިވާ 5 ނަމާދު ކުރަމުން ގެންދިއުމެވެ. އެއިގެ ތެރެއިން 4،3،2، އަދި 1 ނަމާދު ކުރުމެއްވެސް ނޫނެވެ.
ﷲ ތައާލާ ޢަދަދެއް ކަނޑައަޅުއްވަވައި ފަރުޟު ކުރެއްވެވުމުން އެ އަދަދަށް އުނި، އިތުރު ގެނައުމުގެ ބާރުލިބިގެންވާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ވީއިރު ކޮންމެ ދުވަހަކު ކުރަން 5 ނަމާދު ފަރުޟު ކުރެއްވެވުމުން އެއިން އުނިކުރުމުގެ ބާރު ލިބިގެންވާނީ ކާކަށް ހެއްޔެވެ؟ އެފަދަ ބާރެއް ދެއްވެވި ހަމަ އެއްވެސް މީހަކު ދުވަހަކު ވެސް ނުހުންނާނެކަން އެއީ ހަމަ 110 އިންސައްތަ ޔަޤީން ކަމެކެވެ.
ވީމާ މީސްތަކުންނޭވެ! ރައްކައުތެރިވާންވީ ކޮންމެ ދުވަހަކު ވީހައި މޮޅަށް 5 އިރު ކެއުމަކަށް ނޫނެވެ. ރައްކައުތެރިވެ ސަމާލުކަން އިތުރުކުރަންވީ ކޮންމެ ދުވަހަކު އަދާކުރަންޖެހޭ 5 ނަމާދަށް ރައްކައުތެރިވުމަށެވެ. 5 އިރު ތިއަ ކެއީ ވެސް ހަމަ ނަމާދު ފަރުޟު ކުރެއްވެވި ﷲ ތަޢާލާ ދެއްވެވި ރިޒްޤެވެ! ޚިޔާނާތްތެރި ނުވެ ވަފާތެރިކަން އިތުރުކުރާށެވެ!
އަހަރެމެން މުސްލިމުން މިއަދު މިކުރާ މަސައްކަތަކީ ސުވަރުގެ ވަނުމަށްޓަކައި އާޚިރަތަށް ގެންދާނެ ތަކެތި އެއްކޮށް ޚަޒާނާއަކަށް ޖަމާކުރަނީއެވެ. ސުވަރުގެ ވަދެވެން މިއަންނަނީ އެ ޚަޒާނާގެ ދޮރު ހުޅުވައި އެތަކެތި ޚަޒާނާއިން ނެރެ ބޭނުން ކުރެވިގެންނެވެ. ނަމާދުން ފޭލްވެއްޖެނަމަ އެއޮތީ ތަޅުދަނޑި ނުލިބިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން