ބުއްދިވެރިންނަކީ ފަހުން ހިތާމަކުރަން ނުޖެހޭނެ ގޮތަށް ދުނިޔޭގަ އުޅޭ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބުއްދިވެރިންނަކީ ފަހުން ހިތާމަކުރަން ނުޖެހޭނެ ގޮތަށް ދުނިޔޭގަ އުޅޭ މީހުން!

ދުނިޔޭގެ ގިނަ ބައަކު ކީއްކުރަންހެއްޔެވެ؟ މުސްލިމުންގެ ތެރެއިންވެސް ގިނަ ބއަކު މިއަދު އުޅެމުންދަނީ ދުނިޔެއަކީ އެމީހުންގެ ދާއިމީ މަންޒިލުކަމަށް ބަލައިގެންނެވެ. އެގޮތަށް އުޅޭ ކޮންމެ މީހަކަށްވެސް ޖެހޭނީ ކަރުއެލުވާލައި ހިތާމަކުރާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭ ވަޤުތު އެކަމަށް ހިތާމަކުރާނެއެވެ.

"މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ." (އަލްޢަންކަބޫތު: 64)

މިދުނިޔޭގައި މަޖާ ބޭނުން މީހުންނަށް ވަރަށް އުފަލާއި މަޖަލުގައި މިދުނިޔޭގެ ވަގުތުތައް ހޭދަކުރެވިދާނެއެވެ. އެއީ އެކަމަށް ﷲ ތަޢާލާ ވަގުތާއި ފުރުޞަތު ދެއްވަވާފައިވާތީއެވެ. ނަމަވެސް އެއީ ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ އުފާވެރި ކަމެކެވެ. އިސްވެދިއަ ޢާޔަތުގައި އެވަނީ އެވާހަކައެވެ.

އެނގިގެން މިދިއައީ ބައަކު ކިތަންމެ އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރި ނަމަވެސް އެއީ ވަރަށް ކުޑްކުޑަ ހިނދުކޮޅެއްގެ ވަގުތީ އުފަލެއް ކަމެވެ. ދާއިމީ އުފާވެރިކަން ލިބުން ވަނީ އާޚީރަތުގެ ދިންނެވުން ލިބި ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ.

މިއާޔަތަށްވެސް ވިސްނައިލާށެވެ!

"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި ﷲ ވަޙީ ކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިއަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިއަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތއަބައިމީހުން ހީކުޅައީ (މަޙްޝަރަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ." (އަލްކަހްފި 48)

ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން އުފާ ލިބިގަންނަމުންދާ މީހުން ބިރުވެތިވާންވީ މިފަދަ އާޔަތްތަކަށެވެ. މިއީ ކޮންމެހެން މީހަކު ކިޔައިދޭން ޖެހޭ ކަންކަމެއް ވެސް ނޫނެވެ. ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ކިޔައި އަދި ތަފްސީރު ކިޔުމުންވެސް އެނގެން ހުރި ކަންކަމެވެ.

މީސްތަކުންނޭވެ! އަބަދު މަތީ މަޤާމުތަކުގަ އާއި ތަނަވަސްކަމުގައި ހުރެވޭނެ ކަމަށް ބަލައިގެން އުފަލާއި މަޖަލުގައި ދުނިޔޭގެ ހަޔާތް ވޭތިކުރަން ބިރުވެތިވާށެވެ! އާޚިރަތް ދުވަހު ކަންކަން ހިނގާނެ ގޮތް މިއޮތީ ފެންނާށެވެ! ބިރުވެތިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން