އަހުރެމެންގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކީވެސް މުހިންމު ގުނަވަނެކެވެ. އެކަމަކު އެންމެ މުހިންމު ގުނަވަނީ ހިތެވެ. ސަބަބަކަށްވަނީ އުފާވެރިކަން ހޯދައިދޭ ގުނަވަނަކީ ހިތްކަމުގައިވާތީއެވެ. އަހުރެމެންނަށް ބޭނުންވާ އުފާވެރިކަން ހިތަށް ހޯދައިދެވޭނީ އަހުރެމެން އެކަމަށް ހިތަށް މަގުފަހިކޮށްދިނުމުންނެވެ.
އެހެންވެ ފިރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ ތިމާ އާއި ނުބެހޭ ވާހަކަތަކާއި ހިތްދަތިވާ ޒާތުގެ ވާހަކަ ދައްކާ މީހުންނަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދިނުމެވެ. އަޑުވެސް ނުއެހުމެވެ. ހިތަށް އުނދަގޫވާނީ ނުވަތަ ހިތްދަތިވާނީ އަޑުއަހާނަމަ ނޫންހެއްޔެވެ؟
ނަމަވެސް މިހާރަކަށް އައިސް ގިނައިން ކަންކަން ކުރެވެނީ އެގޮތަކަށް ނޫނެވެ. ތިމާގެ އެކުވެރިންނާއި ނުވަތަ ޢާއިލާގެ މީހުންނާއި ބައިވެރިޔާއާއިމެދުގައިވެސް ބޭކާރު ވާހަކަތައް އަޑުއަހައި ހިތަށް އަނިޔާދެނީއެވެ. އެފަދަ އަނިޔާތަކުގައި އުޅޭތާ އެތައް ދުވަހެއް ފަހުން އެއީ އެއްވެސް ބުރަދަނެއް ނެތް އަދި ޙަޤީޤަތެއްވެސް ނޫންކަން އެބައެނގެއެވެ. އެއިރު ތިމާގެ ހިތް އޮންނަނީ އެމީހަކާއިމެދު ކިލަނބުވެގެން ގޮސްފައެވެ. އެކަމުގެ ތެރެއިން އެތައް މަސައްސަލަތަކެއްވެސް ކުރިމަތިވެފައެވެ. މިހުރިހާ ކަމަކަށް ފުރުޞަތު ލިބިގެން އެދަނީ ސަމާލުކަން ދީގެން ނުވާނެ ވާހަކަތަކަށް ސަމާލުކަންދެވޭތީއެވެ. ޙައްލަކީ އެފަދަ ވާހަކަތަކަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދިނުމެވެ.
- މަޢުލޫމާތު: ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން