ހަމައެކަނި ދައުލަތުގެ ބޮޑެތި މަޤާމްތަކެއް ނޫނެވެ. ޤައުމަކަށް ބަލައިފިނަމަ ބޮޑެތި މަޤާމުތައް ލިބޭނީ ވަރަށް މަދުބައަކަށެވެ. ނަމަވެސް އެންމެންނަށްވެސް ލިބޭ މަޤާމެއް އެބައޮވެއެވެ. އެއީ ޢާއިލީ ޒިންމާތަކާއި ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމެވެ. އެމީހަކަށް ޙަވާލުކުރައްވަވާ މަސްއޫލިއްޔަތު ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަދާނުކުރާނަމަ އެމީހަކު އެވަނީ އެމާހަކާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު އަދާކުރުމުގައި ފޭލްވެފައެވެ. ޖަވާބުދާރީވާންޖެހޭނެއެވެ.
މަދުމީހަކަށް ނޫނީ މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެމީހަކަށް ބާރާއި އިޚްތިޔާރު ދެއްވެވުމުން އެމީހަކު ޢަމަލުކުރާ ގޮތެވެ. ﷲ ގެ ވަޙީ ބަސްފުޅު އެއީ ޢަމަލުކުރަން އޮތް އެއްޗެއްކަން ހަނދާން ހުންނަނީވެސް ހަމަ ޙާލަކުން މީހެކެވެ.
" ނުބައި ކަންތައްކުރާމީހުން ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟ އެއުރެންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ". ހަމައެކަނި މިވަޙީ ބަސްފުޅުންވެސް އެނގިގެންދަނީ އާރާއި ބާރު ލިބުމުން ނުބައިކޮށް ޢަމަލުކުރާ މީހުންނަށް ފިލައިގެން ނުދެވޭނެ ކަމެވެ. ހިއްޕަވާނެ ކަމެވެ. ހިތްދަތި ގޮތަކަށް ހިއްޕަވާނެ ކަމެވެ.
ﷲ ތައާލާ ދުނިޔެއަށް ފޮނުއްވެވި ކޮންމެ އިންސާނަކީވެސް އިމްތިޙާން ކުރައްވަވާނެ މީހެކެވެ. ބާރާއި އިޚްތިޔާރު ދެއްވެވުމަކީ އިމްތިޙާން ބޮޑުވެގެންދާނެ ކަމެކެވެ. ވީމާ ބާރާއި އިޚްތިޔާރު ލިބުމުން އެކަމަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ.
"އަހަރެން މިހިރީ އީމާނެވެގެންނޭ، ހެޔޮ އަމަލުކުރަމޭ! ކުރަމޭ!" ކިތަންމެ ވަރަކަށް ދުލުން ކިޔުމަކުން ނުފުދޭނެއެވެ. އެކަން ދައްކަން ޖެހޭނީ ޢަމަލުންނެވެ. ޢަމަލުން އެކަން ނުދައްކާ ނަމަ ﷲ ތަޢާލާ އެމީހަކު ނުވަތަ އެބައަކު ބަލިކަށިކުރައްވަވާނެތެވެ!
ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ބާރާއި އިޚްތިޔާރު ދެއްވަވަނީ އެމީހަކު އިމްތިޙާން ކުރެއްވެވުމަށެވެ. ނަމަވެސް ބާރާއި އިޚްތިޔާރު ދެއްވެވުމުން އެ ނިޢްމަތްތައް ދެއްވެވީ ވެސް ﷲ ތަޢާލާކަން ގިނަ ބައަކު ހަނދާނެއް ނުހުރެއެވެ. މީސްތަކުންނަށް ދައްކާ މޫނާއި އަމަލުތައް ކުރާ ގޮތާއި އުޑާއި ބިމާހައި ތަފާތުވެގެންދެއެވެ.
އޮޅުވައިލެވޭނީ މީސްތަކުންނަށެވެ. ﷲ ތައާލާއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ. އެއްވެސް ކަމެއް ވަންހަނާއެއް ވެސް ނުކުރެވޭނެއެވެ. އިންސާނާ ކަންކަން ކުރާ ނިޔަތްވެސް ﷲ ތައާލާ މޮޅަށް ދެނެވޮޑިގެންވާތީއެވެ.
ހަމައެކަނި މިއާޔަތްތަކުންވެސް މިބުނި ބަސްތަކަށް ދަލީލު ލިބިގެންދާނެއެވެ!
"މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟
އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްޔިޙާންކުރެއްވީމެވެ. ފަހެ (އީމާން ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ.
އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
ނުބައި ކަންތައްކުރާމީހުން ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟ އެއުރެންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ.
ﷲ އާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަންނަހުށްޓެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްޢަންކަބޫތު: 2،3،4،5)
--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން