ޢާއިޝަތު ރަފާޙް ޢަލީ
· ރޭގަނޑު ދަމުނަމާދަށް ހޭލުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ދެމިހުރުން:
ރޭގަނޑު ދަމުނަމާދު ކުރުމަކީ ވަރަށް ޘަވާބު ލިބެނިވި ކަމެކެވެ. އަދި ދަމުނަމާދު ކޮށްގެން ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވައެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ނަމާދު ކުރެއްވި ގޮތް ބަޔާންކޮށްދެއްވާ ޙަދީޘްފުޅެއްގައިވެއެވެ.
«صَلَاةُ اللَّيْلِ مَثْنَى مَثْنَى»[5]
މާނައީ: "ރޭގަނޑުގެ ނަމާދުވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ."
އަދިވެސް ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ.
يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ"
މާނައީ: " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ."
· ރޭއަޅުކަން ކުރުމުން ލިބޭ ޘަވާބާއި އަޖުރުގެ ބޮޑުކަން:
ރޭއަޅުކަން ކުރުމުގެ ސަބަބުން މާތް ﷲއާ ކުއްތަންވުމާއި، ފާފަތައް ފުހެވިގެން ދިޔުމާއި، ފާފަތައް ކުރުމާ މެދު ހިތުގައި ނަފުރަތު އުފެދުމާއި، އުޚުރަވީ ނިޢުމަތްތަކަށް ޝައުޤުވެރިވުމާއި، ދުޢާތައް އިޖާބަވުމާއި، މޫނު އުޖާލާވުމާއި، ހިތް އަލިވުމާއި، ޝަޚްޞިއްޔަތު ހަރުދަނާވުމާއި އަދި ބަލިތަކަށް ޝިފާލިބިގެންދިޔުމަށް މެދުވެރިވާ ސަބަބެއް ކަމުގައިވެއެވެ.
ރޭއަޅުކަން ކުރުމަށްޓަކައި ދަމުނަމާދު ކުރުމާއި، ރޭގަނޑު ކީރިތި ޤުރްއާން ކިޔެވުމާއި، އަދި ޛިކުރު ކުރުމާއި، ޢިލްމު ޙާސިލް ކުރުމާއި، ކީރިތި ޤުރްއާން ހިފްޒު ކުރުން ފަދަ ހެޔޮ ކަންކަން ކުރެވިދާނެއެވެ.
ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 17 އަދި 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾
މާނައީ: "އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. (18)"