މިބަޔާންކުރާ އާޔަތުން ވަރަށް ސާފުކޮށް އެނގެން އޮތް ގޮތުގައި އެންމެ ރަނގަޅު ވާހަކަތައް ދައްކާ މީހަކީ ﷲ ގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞޯލިޙް ޢަމަލު ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާ ވަނީ (ﷲ އަށް) ކިޔަމަންވާ މީހުންގެ ތެރެއިންނޭ ބުނާމީހުންނެވެ.
ﷲ ގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞާލިޙް ޢަމަލު ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާ ވަނީ (ﷲ އަށް) ކިޔަމަންވާ މީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟ (ފުއްޞިލަތު: 33)
ވީއިރު ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކާއި ތަޢާރަޟްވާ ވާހަކަތައް މަތިވެރިކޮށް އެމީހަކަށް ފެންނަ ގޮތް ހާމަކުރުމުން އެއީ މޮޅުވާހަކައަކަށް ނުވެއެވެ. އިސްލާމް ދީނުގެ ޙުކުމްތަކަށްވުރެ ފައިދާހުރި ގޮތް ކަމަށް ބުނެ ވާހަކަދައްކާ މީހުންނަކީ އެއްވެސް މޮޅު ކަމެއް ލިބިގެންވާ ބައެއް ނޫނެވެ.
އެމީހާ ދައްކާ ވާހަކައަކީ އެއްވެސް ރަނގަޅު ކަމެއް ހުރި ވާހަކައަކަށް ހަދަން ބޭނުންވާނަމަ ގޮވާލަން މިޖެހެނީ ﷲ ތަޢާލާގެ ގެ ޙަޟްރަތަށް އައުމަށެވެ. އެއީ ﷲ ތަޢާލާ ބާވައިލެއްވެވި ކީރިތި ޤުރްއާނުގެ މަގަށް އައުމެވެ. އަދި ﷲ ތަޢާލާގެ މަގުގައި ޞޯލިޙް ޢަމަލު ކުރާ މީހަކަށްވެސް ވާން އެބަޖެހެއެވެ. އަދި ހަމަކަށަވަރުން، ތިމަންނާ ވަނީ (ﷲ އަށް) ކިޔަމަންވާ މީހުންގެ ތެރެއިންކަމަށް ބުނަންވެސް އެބަޖެހެއެވެ. ތިމަންނާ ވަނީ (ﷲ އަށް) ކިޔަމަންވާ މީހުންގެ ތެރެއިންކަމަށް ބުނުމަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރުމެވެ.
މިނޫން ގޮތްގޮތަށް ވާހަކަ ދައްކާ އެއްވެސް މީހަކު އެދައްކަނީ އެއްވެސް ރަނގަޅުކަމެއް ހުރި ވާހަކަތަކެއް ނޫނެވެ. އެފަދަ ވާހަކަތައް އަޑުވެސް ނުއަހާށެވެ! ބަލައިވެސް ނުގަންނާށެވެ!
ތިމަންނާއަކީ އެންމެ މޮޅު ވާހަކަ ދައްކާ މީހާ ކަމަށް ގިނަ ބައަކު ދައުވާ ކުރެއެވެ. ނަމަވެސް އެފަދަ މީހުން ކުރާ ދައުވާތައް ބަލައިގަނެވޭކަށް ނެތެވެ. އެހެނީ އެންމެ މޮޅު، އެންމެ ފައިދާހުރި ވާހަކަތައް ދައްކަނީ ކާކުކަން ކީރިތި ޤުރްއާނުން އެބަ އޮތެވެ. އެކަން މިއޮތީ ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވަވައިފައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން