ބައެއް ކުދިންނަށް ވިސްނިފައި އޮންނަނީ މައިންބަފައިން ކުރަން ބުނާހައި ކަމެއް ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ބޯލަނބަން އޮތީ ﷲ ތަޢާލާއަށެވެ. ކިޔަމްންތެރިކަން އަދާކުރަންޖެހޭނީވެސް ﷲ ތަޢާލާއަށެވެ. މައިންބަފައިންގެ އަމުރުތައްވެސް އަންނާނީ އެއިގެ ފަހަތުންނެވެ.
މިވާހަކަ މިގޮތަށް ދައްކަން މިޖެހެނީ ﷲ ތަޢާލާގެ އެންގެވުންތަކާއި ޚިލާފްވާގޮތަށް ކަންކަން ކުރަން ބައެއް ބަފައިން ބުނާތީ ދަރިން ކުރާ ސުވާލުތަކަށް ޖަވާބުދިނުމަށެވެ.
ލޮބުވެތި ދަރިންނޭވެ! ކީރިތި ޤުރްއާނުގައި އޮތީ މައިންބަފައިން ނަމަވެސް ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަމެއް ކުރުމަށް އަމުރުކޮށްފިނަމަ ކިޔަމަންތެރި ނުވުމަށެވެ. އެމީހުން ކުރާ ކޮންމެ އަމަރުކަށް ކިޔަމަންވުމަކަށް ޤުރްއާނަކު ނެތެވެ.
އޮތީ އެމީހުންނަށް އިޙްޞާންތެރިވުމަށެވެ. ހެޔޮކޮށް ހިތުމަށެވެ. ވީމާ ﷲ ތަޢާލާއަށް އުރެއްދުމެއް އޮތް ކަމަކަށް މައިންބަފައިން އަމުރުކުރި ނަމަވެސް ކިޔަމަންނުވާށެވެ!
ހުރިހާ އާޔަތެއްގައިވެސް ﷲ ތަޢާލާ އަންގަވާފައި އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. ވީމާ ކޮންމެ ކަމެއްގައިވެސް ކިޔަމަންތެރިކަން އަދާކުރަން ޖެހޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! މައިންބަފައިންނަށް ވެސް ކިޔަމަންތެރިވުން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމުގައި ކުރާ އަމުރުތަކަށެވެ. އިސްލާމް ދީނުގައި އޮތް ގޮތަށް ކަންކަން ކުރަން ކުރާ އަމުރުތަކަށެވެ!
އެއްވެސް ޙާލެއްގައި މިބުނީ މައިންބަފައިން ކުރާހައި އަމުރަކަށް ނުކިޔަމަންތެރިވުމަކަށް ނޫނެވެ. ހަމައެކަނި ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަމެއް ކުރަން އަމުރުކޮށްފިނަމަ ކިޔަމަންތެރި ނުވުމަށެވެ. ވީމާ މާނަ އޮޅުވައިނުލާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން