މުސްލިމެއްގެ ގޮތުގަ ޢުމުރުގެ ބޮޑުބައި ހޭދަކުރުމަށްފަހު ނަރަކައަށް ވަންނަން ޖެހޭނެ ގޮތަށް މަރުވުމަކީ ލިބިގަނެވޭ އެންމެ ބޮޑު ދެރަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މުސްލިމެއްގެ ގޮތުގަ ޢުމުރުގެ ބޮޑުބައި ހޭދަކުރުމަށްފަހު ނަރަކައަށް ވަންނަން ޖެހޭނެ ގޮތަށް މަރުވުމަކީ ލިބިގަނެވޭ އެންމެ ބޮޑު ދެރަ!: މުފްތީ މެންކް

ކުޑަކުޑަ ހާދިސާއެއްގެ ވާހަކަ ކިޔައިދޭނަމެވެ!

އެއް ދުވަހަކު ހޮސްޕިޓަލަކަށް ދިއުމުން ބައްދަލުވި މީހަކު ބުންޏެވެ. "އަހަރެން މިއުޅެނީ ދީން ބަދަލުކުރަންވެގެންނެވެ. އަހަރެން މިހުރިހާ ދުވަހު އުޅުނީ އިސްލާމް ދީނުގައެވެ. ނަމަވެސް އަހަރެން ގަދަވޭތޯ ދުޢާކޮށްކޮށްވެސް ގަދައެއް ނުވިއެވެ."

ދެން ބަދަލުވަނީ ކޮން ދީނަކަށްތޯ ސުވާލުކުރުމުން 3، 4 ދީނަކަށް ބަދަލުވުމާއިމެދު ވިސްނާ ކަމަށް ބުނުމުން އަހަރެން ބުނީމެވެ. "ތިއިން އެއްވެސް ދީނެއްގައި ބަލި މީހަކު ހަމަ ނެތީ ހެއްޔެވެ؟ ތިއަ ބުނާ ދީންތަކުގައި ތިބި މާބަލި ބޮޑު މީހުން އަހަރެންނަށް އެނގެއެވެ."

ބައެއް މީހުން ވަރަށް ޞާލިޙްކަންމަތީގައި އުޅެނިކޮށް ކުރިމަތިވާ ދަތިތަކާއި ގުޅިގެން މިފަދަ ވިސްނުން ވިސްނައެވެ. މާލީ ދަތިވެ ނިކަމެތިކަމެއް ލިބުން، ބަލި ޙާލުގައި އުޅެން ޖެހުން ފަދަ ތަކްލީފްތަކާއި ގުޅިގެންވެސް މިފަދަ ގޮތްގޮތަށް ވިސްނައެވެ.

އެމީހުންނަށް ނުވިސްނޭ ކަމަކީ ﷲ ތަޢާލާ ތަކްލީފްތައް ޖައްސަވަނީ ކީއްވެގެން ކަމެވެ. އެއީ އިމްތިޙާން ކުރެއްވުން ކަމެވެ. އެކަން ޤަބޫލު ނުކުރެވޭނަމަ އެއިގެ މާނައަކީ އޭނާގެ ކިބައިގައި ޞާލިޙްކަމެއް ނެތްކަމެވެ. ހެޔޮލަފާ ޞާލިޙް އަޅުންނަކީ ކޮންމެ ދަތި ޙާލަތަކަށްވެސް ކެތްތެރިވާނެ މީހުންނެވެ. ކެތްތެރި ނުވެވޭނަމަ ތަޤްވާވެރިކަމުން އެވަނީ ވަރަށް ބޮޑު ބައެއް އުނިވެފައެވެ.

އެންމެ ހިތާމަހުރި ކަމަކީ ހެޔޮ އަމަލުތައް ކުރުމުގައި އުމުރުން ބޮޑުބައެއް ފާއިތުވާ ފަހުން ވެސް ބައެއް މީހުންނަށް ތަކްލީފްތައް ކުރިމަތިވާހިނދު ޝައިޠޯނާގެ ބަހަށް ހެއްލެވޭ ކަމެވެ. ކުރި ހުރިހާ ހެޔޮ ޢަމަލުތަކެއް އަތުން ބީވެގެންދާ ގޮތަށް މަރުވުމަށް މެދުވެރިވާ ކަމެވެ.

ވީމާ މިފަދަ ކަންކަމަށް ވިސްނާށެވެ! ހޭލުންތެރިވާށެވެ! ތަކްލީފް އިތުރުވާ ވަރަކަށް ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ތަކްލީފް އުފުލަން ޖެހުމަކީ ﷲ ތައާލާ އާއި އިތުރަށް ކުއްތަންވެ ސުވަރުގެ ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރަން މިންވަރު ކުރެއްވެވި ރަނުގެ ފުރުޞަތަކަށް ހަދާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން