ފަހުޒަމާނުގައި ފައުޅުވާނެ އެއްލޯ އަވަރު، މޭބިސްކަދުރެއްފަދައިން އެއްލޯ ބޭރަށް ނުކުމެފައި ހުންނަ، ނިތްކުޜިގައި "ކާފިރު" ލިޔެވިފައިވާނެ ދައްޖާލު ފައުޅުވާނެ ޒަމާން އަދި އަރައިހަމަނުކުރާތީ ދައްޖާލުގެ ފިތުނައިން މިހުރެވެނީ ސަލާމަތްވެވިގެން ކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. އެދައްޖާލުގެ ފައުޅުވުމުގެ ކުރިން ފައުޅުވާނެ ކުދި ދައްޖާލުތައް ފައުޅުވެ މުޅި ދުނިޔެއަށް ފެތުރިއްޖެއެވެ.
އެބޮޑު ދައްޖާލުވެސް ކުރާނެ ކަމަކީ އެއެއްޗަށް ހެއްލޭ މީސްތަކުން ނަރަކައަށް ވެއްދުމެވެ. ފައުޅުވެގެން މިއުޅޭ ކުދި ދައްޖާލުތައްވެސް ކުރަނީ ހަމައެކަންތަކެވެ. މީސްތަކުން ﷲ ތަޢާލާގެ ދީނާއި ދުރުކޮށް ނަރަކައަށް ވެއްދުވުމެވެ.
މީސްތަކުންނޭވެ! މިކަމަށް ހޭލުންތެރިނުވެވިއްޖެ މީހަކު ދާނީ މަގުފުރެދިގެންނެވެ. މިހާރުވެސް އެތައް މިލިއަން ބައަކު އެވަނީ މަގުފުރެދިފައެވެ. ވީމާ އާޚިރަތް ދުވަހު ސުވަރުގެ ލިބުމަށް އެދޭނަމަ މިކަންކަމަށް ސަމާލުވެ ބިރުވެތިވާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަން ޙާޞިލުކުރެވޭނީ ފައުޅުވެގެން މިއުޅޭ ކުދިދައްޖާލުތަކާއި ދުރުހެލިވެ ހުރެވުނު މީހަކަށެވެ.
އޮތް އެންމެ ބޮޑު ނުރައްކަލަކީ ފައުޅުވެގެން މިއުޅޭ ކުދިދައްޖާލުތަކުގެ ތެރޭގައި ތިމަންމެންނީ މުސްލިމުން ކަމަށް ބުނާ ބައަކު އުޅޭތީއެވެ. ގިނަ ބައަކަށް މަގުއޮޅިގެންދާ އެންމެ ބޮޑު އެއްސަބަބަކީވެސް ހަމައެއީއެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މިރޭގެ ދަރުސް ފަށަމުންވެސް ފުރަތަމަ ކަމަކަށް މިހަދާންކޮށްލައިދެނީ މީގެ ކުރިން 2 ފަހަރެއްގެ މަތީން ހަމަ މި ޕޯޑިއަންކައިރީގައި ހުރެ ހަމަ މިމައުޟޫއަށް ދެއްކި ވާހަކަކޮޅެކެވެ. އެއީ މިކަމަށް ސަމާލުކަން ނުދީ އަހަރެމެންނަށް ސަލާމަތްކަމެއް ނެތް ކަމަށް ޤަބޫލުކުރެވޭތީއެވެ!
ދައްޖާލްގެ ވާހަކަ ދެކެވުމުން ގިނަ މީހުންނަށް ފުރަތަމަވެސް ވިސްނައިލެވޭނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތުގައި ބަޔާންވެގެންވާ ޗޭނު ޖެހިހފައި އޮތް ބޮޑު ދައްޖާލުގެ ވާހަކައެވެ. އާނއެކެވެ! އެންމެ ބޮޑު ފިތުނައާއިގެން ފައުޅުވާނެ އެންމެ ބޮޑު ދައްޖާލަކީ އެއީއެވެ.
އެކަމަކު ބުނަންހެއްޔެވެ؟ އެ ދައްޖާލު ފައުޅުވުމުގެ ކުރިން ކުދި ދައްޖާލުތަކެއް ފައުޅުވާނެއެވެ. އެއިގެ ތެރެއިން ކުދި ދައްޖާލުތައް މިހާރުވެސް މިވަނީ ފައުޅުވެފައެވެ.
އިސްލާމް ދީނާއިމެދު މީސްތަކުންގެ ހިތުގައި ނަފްރަތު އުފައްދުވައި އިސްލާމް ދީނާއި މީސްތަކުން ދުރުކުރުވަން ކުރާ މަސައްކަތްތައް ކުރުވަމުން އެ ގެންދަނީ ކުދި ދައްޖާލުތަކެވެ. އިސްލާމް ދީނުގައި ހުރި އުޞޫލުތަކާއި ޙުކުމްފުޅުތަކަށްވުރެ ރަނގަޅު ގޮތްތައް ހުރި ކަމަށް ދައްކުވައިގެން ކަންކަން ކުރަމުން އެގެންދަނީ އެ ކުދި ދައްޖާލުތަކެވެ. މުސްލިމުންގެ ވިސްނުމަށް ސަވާރުވެގެން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުވަމުން އެގެންދަނީ އެކުދި ދައްޖާލުތަކެވެ. އިސްލާމް ދީނުގެ ޙުކުމްތަކަށްވުރެ މޮޅު ގޮތް ކަމަށް ބުނެ މީސްތަކުންނަށް އިސްލާމް ދީނުގެ މަތިވެރިކަން އޮޅުވައިލަމުން އެގެންދުވަނީ ވެސް ހަމަ އެ ކުދި ދައްޖާލުތަކެވެ.
އިސްލާމީ އުންމަތް ފިތުނަވެރި ކުރުވައި މުސްލިމުންގެ ދީނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތްކުރަމުން އެގެންދަނީ ވެސް ހަމަ އެ ކުދި ދައްޖާލުތަކެވެ. އިސްލާމް ދީން މަތިވެރިކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި ބިރުދައްކަމުން އެގެންދަނީ ވެސް ހަމަ އެކުދި ދައްޖާލުތަކެވެ.
އެ ކުދި ދައްޖާލުތައް ކުރަމުން އެގެންދާ މަސައްކަތަކީ ބޮޑު ދައްޖާލު ފައުޅުވާންވާއިރަށް އޭނާއަށް ތަބަޢަވާނެ ބައަކު އުފެއްދުމެވެ. މިކަންކަން މިހެން ހިނގާނެކަން އޮތީ މާކުރިންސުރެ އެނގޭށެވެ! ދީނީ ޢިލްމުވެރިން އަބަދުވެސް ގެންދަވަނީ ދައްޖާލުތަކުގެ ފިތުނައިން ސަލާމަތްވުމަށް ގަދައަޅައި އިންޒާރު ދެއްވަމުންނެވެ.
މީސްތަކުންނޭވެ! ހަދީޘްފުޅުގައި އޮތީ ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށްޓަކައި ކަހްފި ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުން ދަސްކުރުމެވެ. އެކަންކުރާށެވެ! ފެތުރެމުން މިދާ ނުބައި ފިތުނަތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!
މިހާރު ފައުޅުވެގެން މިއުޅޭ ކުދި ދައްޖާލުތަކުގެ ނިތްކުރީގައި "ކާފިރު" ލިޔެވިފައި ނެތުމަކީ އެ ދައްޖާލުތައް ދެނެގަންނަން އޮތް ހުރަހެއް ނޫނެވެ. އެމީހުން ކުރާ، ކުރިން ބަޔާން ކުރި ޢަމަލުތަކުން އެއީ ކާފިރުން ކަން އެނގޭނެއެވެ!
ބޮޑު ދައްޖާލު "ސުވަރުގެ އާއި ނަރަކަ" މީސްތަކުންނަށް ދައްކާނެއެވެ. ދައްޖާލުގެ ސުވަރުގެ ކަމަށް ދައްކާ ސުވަރުގެއަށް ވަދެއްޖެ މީހަކަށް އެ ވަދެވެނީ ނަރަކައަށެވެ. ކުދި ދައްޖާލުތައް އެދައްކާ ދުނިޔޭގެ އުފާތަކަށް ގެއްލިއްޖެ މީހާ ވެސް އެ ވަންނަނީ ހަމަ ނަރަކައަށެވެ. ވީމާ ދައްޖާލުތަކުގެ ފިތުނައިން ސަލާމަތްވާން އެދޭ މީހާ އެކަންކަމަށް ފުންކޮށް ވިސްނައި އަމިއްލަ ނަފްސް ނަރަކައިން ސަލާމަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން