ބައިވެރިޔާ ދޭ އަނިޔާއަށް ނުބަލައި ﷲ ގެ މަގުގަ ޘާބިތުވެއްޖެ މީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެ! ﷲ ތަޢާލާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ބައިވެރިޔާ ދޭ އަނިޔާއަށް ނުބަލައި ﷲ ގެ މަގުގަ ޘާބިތުވެއްޖެ މީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެ! ﷲ ތަޢާލާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

ކައިވެނިކޮށް ހެޔޮލަފާ މީހެއްގެ ގޮތުގައި ދިރިއުޅެން މަސައްކަތް ކުރަމުން އަންނަނިކޮށްވެސް ހީވެސް ނުކުރެވޭ ވަރުގެ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އަދި ބައެއް މައްސަލަތައް ކުރިމަތިވަނީ ޢާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިންގެ ސަބަބުންނެވެ. 

މިފަދަ ޙާލަތުތައް ކުރިމަތިވެ ބައިވެރިޔާގެ ކިބައިން ތިމާ ހިތްހަމަނުޖެހޭ، ނުވަތަ ހިތްދަތިވާ ކަންކަން ކުރިމަތިވާން ފެށުމުން ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ އަހުރެން މިހައި ރަނގަޅަށް އުޅޭއިރުވެސް މިގޮތަށް ކަންކަން ދިމާވާނަމަ ރަނގަޅަށް އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

މިއީ ހަމަސީދާ ޝައިޠޯނާ އެމީހެއްގެ ހިތަށް ފޮނުވައިލާ ޙަމަލާއެކެވެ. އެފަދަ ވަޤުތުގައި މާޔޫސްކުރުވައި އޭނާގެ އުޅުން ޝައިޠޯނާގެ މަގަށް ބަދަލުކުރުވޭތޯ ދޭ ޙަމަލާއެކެވެ. 

ފުރަތަމަވެސް ވިސްނައިލާށެވެ! އީމާންކަމުގައި އެންމެ ފުރިހަމަ ގޮތުގައި ޘާބިތުވެ ތިބެން މަސައްކަތްކުރާ މީހުންނަށް މުޞީބާތްތައް ކުރިމަތިނުކުރައްވަވަނީހެއްޔެވެ؟ އިމްތިޙާން ކުރައްވަވާނެކަމަށް ވަޙީކުރައްވަވާފައި ނުވަނީހެއްޔެވެ؟ ކަމެއް ދިމާވާއިރަށް މާޔޫސްވެ އީމާންކަން ކުޑަކުރެވޭނަމަ އިމްތިޙާނުން ފާސްވެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ދިރިއުޅުމުގައި ކުރިމަތިވާ މިފަދަ ކަންކަމަކީވެސް ހަމަ ކުރިމަތިކުރައްވަވާ އިމްތިޙާނުތަކެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މަސައްކަތްކުރަންވީ ޢަމަލުތައް އިތުރަށް ރަނގަޅުކުރުމަށެވެ. ބައިވެރިޔާއަށް ބޮޑަށް ހެޔޮކޮށް ހިތުމަށެވެ. 

ދެން އޮތީ މިބުނި މަގުން މަސައްކަތްކުރަމުން ދަނިކޮށް ތިމާ އެއްގޮތަކަށްވެސް ބޭނުން ނުވާ ނުވަތަ އެންމެ ދެރަވާ ގޮތަށް ކަންކަން މެދުވެރިވުމެވެ. ޒަވާޖީ ޙަޔާތް ރޫޅި އެކަނިވެރިވާންޖެހުމެވެ. އެއީވެސް ހަމަ މެދުވެރިވެދާނެ ގޮތެކެވެ. ޔަޤީންކުރަންވީ ﷲ ތަޢާލާގެ މަގުގައި ތިމާ ޘާބިތުވެ ހުރެ، ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ދަނިކޮށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަން ވެގެންދާނީ ތިބާއަށް ލެއްވެވި ރަޙްމަތަކަށް ކަމެވެ. ޙަޔާތުން ދެން އޮތް ބައި ކުރިއަށްވުރެ މާއުފާވެރިކޮށްދެައްވަވާނެ ކަމެވެ. 

މިވާހަކަ އެކި ޢިބާރާތުން މިހައި ގިނައިން ހާމަކުރަންޖެހޭ ސަބަބަކީ މިފަދަ ކަންކަން މެދުވެރިވުމުން ޘާބިތު ނުވެވި ﷲ މަގުން ދީލައިލެވޭ މީހުން ގިނަވާތީއެވެ. އުފާވެރިކަން ހޯދަން ތުންފަތުގައި ދަވާދުލައި މޫނުގައި ކުލަޖައްސައި ބުމަ ހަދައިގެން މަގުތަކަށް ނުކުމެވޭ އަންހެނުން ގިނަވާތީއެވެ. އެއިރުން އެދވެނީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ދުރަށެވެ. ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ ޙަޤީޤީ އުފާވެރިކަން ހޯދަން މަސައްކަތްކުރާ މީހަކަށްވާށެވެ! ކާމިޔާބުކުރެވޭނެ ހަމައެކަނި މަގަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން