މީސްތަކުންނަށް ނަރަކައަށް ވަންނަން ޖެހޭނެ ސަބަބުތައް ކީރިތި ޤުރްއާނުގެ ޢާޔަތްތަކުން އެނގެން ހުރިނަމަވެސް އެއާޔަތްތަކަށް ބަލައިވެސް މިވެނި މީހަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހަކު ކަމަށް ނިންމުމުގެ ޙައްޤު އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ. އެއާޔަތްތަކުގައި އެވަނީ އެކަމަށް ހުރި އިންޒާރުތަކެވެ. ކޮންމެ މީހަކާއިމެދުވެސް ޙުކުމް ކުރައްވަވާނީ ﷲ ތަޢާލާއެވެ.
ޔަޤީންކުރަންވީ ކަމަކީ ﷲ ތަޢާލާ ނަރަކައަށް ވައްދަވާނީ ނަރަކައަށް ވަނުން ޙައްޤުވާ މީހުން ކަމެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާކަމެވެ. އެއްވެސް މީހަކާއި ބޭއިންޞާފުން އެއްވެސް ކަމެއް ނުނިންމަވާނެކަމެވެ. އަދި ޢަޛާބު ދެއްވަވާނީވެސް ޙައްޤު މިންވަރަށް ކަމެވެ.
ބައެއް މީހުން އެމީހުންގެ ޢާއިލާގެ މީހުން ނުވަތަ ގާތް މީހުން ފާފަކުރުންމަތީގައި މަރުވެއްޖެނަމަ އެމީހަކު ވައްދަވާނީ ނަރަކައަށް ކަމަށް ބަލައި އެމީހަކަށް ހެޔޮދުޢާ ނުކުރެއެވެ. އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. އެމީހަކީ ޝިރުކުރުންމަތީގައި މަރުވި މީހަކުކަން ޔަޤީންނުކުރެވޭ ކޮންމެ މީހަކަށްވެސް ހެޔޮދުޢާކުރާށެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!
މިހާރަކަށް އައިސް ބައެއް މީހުން މިކަންކަމަށް ވިސްނާނުލައި މިވެނި އެވެނި މީހާ ވައްދަވާނީ ނަރަކައަށް ކަމަށް އެބަ ބުނެއެވެ. އެފަދަ ބަސްތައް ބުނުމަކީވެސް ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއްކަން ޙަދީޘްފުޅުތަކުން އެނގެން އެބަ އޮތެވެ. ވީމާ އެއްވެސް މީހަކަށް އެފަދަ ބަހެއް ނުބުނާށެވެ!
ފާފަކުރާނަމަ އެމީހަކަށް ހެޔޮނަޞޭޙަތްދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވާން ނަޞޭޙްތްދީ ފާފަކުރުން ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ. އެއީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. ހަމައެއާއިއެކު އޭނާއަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ދުޢާކުރަންވެސް ވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން