ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި އަތްމަތިދަތިވެގެން ހިތާމަކުރާ މީހުންނަށްވުރެ ގިނައީ އުފަލާއި ހިތްހަމަޖެހުން ނުލިބިގެން ކަންބޮޑުވެ ހިތާމަކުރާ މީހުންނެވެ. ވީމާ މިކަން މިހެން މިވަނީ ކީއްވެގެންކަމާއިމެދު ޚިޔާލުކޮށްލަމާ ހިނގާށެވެ! ސަބަބު ޝައިޚް ޝާފިޢުގެ ބަސްފުޅުން އެނގެން މިއޮތީއެވެ.
ނަމާދު ދޫކޮށްފިނަމަ، (ތިބާ ނަމާދު ނުކުރާނަމަ، ނަމާދުކުރުން ހުއްޓާލައިފިނަމަ) އުފަލާއި ހިތް ހަމަޖެހުން ތިބާގެ ޙަޔާތް ދޫކޮށް ދާނެއެވެ. އެހެނީ ޙަޔާތުގެ ހިތްހަމަ ޖެހުމަކީ ނަމާދެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(وَجُعَلَتْ قُرَّةُ عَيْنِي فِي الصَّلاةِ ) { رواه النسائي ( 3939 ) ، وصححه الألباني في " صحيح النسائي}.
"އަދި ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަން (ހިތުގެ ހަމަޖެހުން) ލެއްވިގެންވަނީ ނަމާދުގައެވެ."
- ޝައިޚް މުޙައްމަދު ޝާފިޢު
ކިތަންމެ ބުރަކޮށް މަސައްކަތްކުރަންޖެހުނަސް ނަމާދަށް ދޭންޖެހޭ ސަމާލުކަން ކުޑަނުކުރާށެވެ. އެެހން ގޮތެއް ނެތިއްޖެނަމަ ސުންނަތް ނަމާދެއްކުރުން ފަސްކޮށްލިނަމަވެސް ފަރުޟު ނަމާދުތައް ޖަމާޢަތުގައި ކުރަމުން ގެންދާށެވެ. ވަޤުތު ޖެހުމުން އަންހެނުން ގޭގައި ތިބެގެން ވީހާ އަވަހަކަށް ނަމާދުކުރާށެވެ! ހުރިހާ ކަމެއްވެސް ކާމިޔާބުވާނެއެވެ. އިން ޝާ ﷲ