މުސްލިމުންނަށް އޮތީ ކޮންމެ ކަމެއްގައި ތެދުވެރިވުމެވެ. ވީމާ ކައިވެނިކުރަންވާނީވެސް ހެޔޮ ނިޔަތުގައެވެ. ކައިވެނީގެ ތެރެއިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ހުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަންކަން ޙާޞިލުވުމުން ކައިވެނިރޫޅާލާނަމަ އެކަމުން އަނެކާއަށް ލިބޭ އަނިޔާގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. އެކަން ވާނީ ޤަޞްދުގައި އަނެކާއަށް ދެވޭ ބޮޑު އަނިޔާއަކަށެވެ.
މިއީ ކޮންމެ ފިރިހެނަކުވެސް އަދި އަންހެނަކުވެސް ވިސްނަންޖެހޭނެ ކަމެކެވެ. ދުނިޔަވީ ގޮތުން ބަލާއިރު މިފަދަ ކަންކަމަށް ދެވޭނެ ޤާނޫނީ އަދަބެއް ނެތް ނަމަވެސް އެއްވެސް މީހަކަށް ޤަޞްދުގައި ދެރައެއް ދިނުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިމާގެ ފުށުން މީހަކަށް ކިތަންމެ ކުޑަ އަނިޔާއެއް ލިބިފައި އޮތް ނަމަވެސް އެކަމަށް ބަދަލުދޭންޖެހޭނެ ދުވަސް ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ބައެއް މީހުން ކައިވެނިކުރަނީ ކައިވެނީގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ހުރެގެންނެވެ. އެފަދަ ކަންކަން ހުރިނަމަ އެކަމަށް ކުރިން މަޝްވަރާކުރާށެވެ! އެކަމަށް އަނެކާ ރުހޭނަމަ އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ކުރަން ނުވާނެ ކަމަކީ އެކަންކަން ޙާޞިލުވުމުން ވަރިވާނެކަމަށް ނިޔަތް ބާއްވައި އެކަން ސިއްރުކޮށްގެން ހުރެ ކައިވެނިކޮށް ތިމާގެ ބޭނުންތައް ޙާޞިލުކުރެވުމުން އަނެކާއަށް އަނިޔާއަކަށްވާނެ ގޮތަށް ކަންކަން ކުރުމެވެ.
ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ އެހެން މީހަކަށް ދެރައެއްދީ ނުވަތަ އަނިޔާއެއް ކޮށްފައި ތިމާއަށް އުފަލުގަ ނުހުރެވޭނެ ކަމެވެ. ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ނަމަވެސް ތިމާއަށް ފައިދާކުރާނެ ރަނގަޅު ކަންތައްތަކެއް ޙާޞިލުކުރެވިއްޖެނަމަ ޝުކުރުވެރިވާށެވެ! ބައިވެރިޔާއަށް ހެޔޮކޮށް ހިތާށެވެ! އެކަމަށް ޙައްޤު ޖަޒާ އެމީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން