ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހާޞިލުކުރަން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހާޞިލުކުރަން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް-

ﷲ ތައާލާ އާއި ކުއްތަންވުމަށްޓަކައި ބައެއް މީހުން އަބަދުވެސް އުޅޭތަން ފެންނަނީ ކުރާނެ ފައިދާހުރި ސުންނަތެއް ނުފެނިގެންނެވެ. ނޫނީ ކުރާނެ ރަނގަޅު ދުޢާއެއް ނުލިބިގެންނެވެ. މިއީ ހަމަ ހޯދަން ރަނގަޅު ކަންކަމެވެ. ހޯދަން ޖެހޭނެ ވެސް ކަންކަމެވެ. އެހެން ކަމާއިއެކުވެސް ވިސްނައިލަން ޖެހޭ ކަންކަން އެބަހުއްޓެވެ.

މިޘާލަކަށް ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނީ ފަރުޟުތައް އަދާކުރިކަމާއިމެދުގައެވެ. ސުންނަތުން ލިބިގަނެވޭ އެންމެ ބޮޑު ފައިދާއަކަށްވެގެންދާނީ ފަރުޟްކަންކަމުން އުނިވާބައި ސުންނަތުން ލައްވަވައި ދެއްވަވައި ފުރިހަމަކޮށްދެއްވަކަމެވެ. މިސާލަކަށް އެމީހަކަށް ސުންނަތް ނަމާދު ކުރެވިފައިވާނަމަ ފަރުޟު ނަމާދުތަކުން މަދުވާބައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ސުންނަތް ނަމާދުތަކުން ލައްވަވައި ދެއްވަވައި ހަމަކޮށްދެއްވަވަތެވެ.

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަން އެދޭ މީހާ ފުރަތަމަ ވިސްނަންވީ ސުންނަތް އަމަލުތައް ކުރުމަކަށް ނޫނެވެ. ފުރަތަމަ ކަމަކަށް ވިސްނަން ޖެހޭނީ ތިމާގެ ފަރުޟު ކުރެއްވެވިގެންވާ ވާޖިބުތައް އަދާ ކުރުމަށެވެ. އިސްލާމް ދީނުގެ 5 ރުކުން ކަމުގައި މިކިޔަނީ އެކަން ކަމަށެވެ.

މީސްތަކުންނޭވެ. ފަރުޟު ރޯދަ ހިފުން އޮތީ ރަމަޟާން މަސް އައުމުންނެވެ. ޒަކާތް ވާޖިބުވަނީ އެވަރަށް ތަނަވަސްކަން ލިބުމުންނެވެ. ޙައްޖުވެސް އަދާކުރުން ވާޖިބުވަނީ އެކަމަށް ތަނަވަސްކަން ލިބުމުންނެވެ.

މިކަންކަން މިފަދައިން ހުރި ނަމަވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާ ވަގުތުން ފެށިގެން ނަމާދަށް ދަރަން ފަށައެވެ. ވީމާ ހަމަހޭގައި ހުރެ ނަމާދުކުރުމާއި ދުރުހެލިވެގެން ހުރެވޭނެ އެންމެ ދުވަހެއްވެސް ނުއަންނާނެއެވެ. އަންހެނުންގެ ޙައިޟު، ނިފާސްކަމުގެ ދުވަސްވަރު ފިޔަވައެވެ. ނިދިފައި އޮތުމާއި ހަނދާން ނެތުން ފިޔަވައި ނަމާދުއެޅޭނެ އެއްވެސް ޢުޛުރެއް ނެތެވެ.

މީސްތަކުންނޭވެ! ކޮންމެ ގޮތަކުން ނަމަވެސް ފަރުޟުތައް އަދާކުރާށެވެ! ފަރުޟު 5 ނަމާދު ނުކުރަން ދެއްކޭނެ ޢުޒުރެއްވެސް ނުއޮންނާނެއެވެ. ތިއަ ހޯދާ މަތިވެރި ސުންނަތާ ރަނގަޅު ދުޢާގެ ފައިދާގެ ޙާޞިލުކުރެވޭނީ ﷲ ތައާލާ އާއި ކުއްތަންވުމަށާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހޯދަން ކުރާ މަސައްކަތުގެ ފުރަތަމަ ބައަކީ ފަރުޟު ފަސް ނަމާދު ކަމުގައި ހަދައިގެން ނެވެ. ވީމާ ފުރަތަމަ ކަމަކަށް އެކަމަށް ދޭ ސަމާލުކަން އިތުރުކުރާށެވެ!

ކޮންމެ މީހަކުވެސް އެންމެ އެދޭނެ އެއް ކަމަކީ ސުވަރުގެއިން އެންމެ މަތީ ދަރަޖަ ލިބުމެވެ. އެކަމަށް އެދޭއިރު ތިމާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއްވެސް އެބަހުއްޓެވެ. އެއީ ﷲ ތައާލާ އާއި ކުއްތަންވާން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން