މީސްތަކުންނަށް އިސްލާމް ދީނާއި ދުރުހެލިވެވެމުން މިދަނީ ވިސްނުން ގެންގުޅެވޭ ގޮތުންނެވެ! ކީރިތި ޤުރްއާނާއި ރަސޫލް (ﷺ)ގެ ސުންނަތާއި ހަދީޘްފުޅުތަކާއިމެދު ދެކެވޭ ގޮތުންނެވެ. އެއީ މާކުރި ކަމަށާއި މިއީ މާ ފަސް ކަމަށް ވިސްނޭތީއެވެ! ޤިޔާމަތް ދުވަހު ސަލާމަތްކަމަށް އެދޭނަމަ އެ ވިސްނުން މުޅިން ދޫކޮށްލާށެވެ!
ދައުލަތްތަކުން ރައްޔިތުން އަމަލުކުރަން ޖެހޭ ގޮތް އެންގުމުން ޢަމަލުކުރުމަށްވުރެ ހުރިހާ ގޮތަކުން ބެލިނަމަވެސް މުހިންމުކަން ބޮޑީ ކީރިތި ޤުރްއާނާއި ރަސޫލް (ﷺ)ގެ ސުންނަތާއި ހަދީޘްފުޅުތަކަކީ ހަމަ ތިމާގެ މައްޗަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅުތައް ކަމަށް ބަލައިގަނެ ޢަމަލުކުރުމެވެ! އެކަމުގައި ފޭލްވެއްޖެނަމަ ލިބޭނެ ދެރަ މާބޮޑުވާނެކަން އެއީ ޔަޤީންކަމެކެވެ.
މިއަދު މީސްތަކުންނަށް ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ކީރިތި ޤުރްއާނާއި ރަސޫލް (ﷺ)ގެ ޙަދީޘްފުޅުތަކާއި ސުންނަތް އެއީ މީގެ 1400 އަހަރަށްވުރެ ކުރީގެ ކަންކަން ކަމުގައި ބަލައިގަނެވުމެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ.
ކީރިތި ޤުރްއާން ބާވައިލެއްވެވުނީ އެންމެހައި ޒަމާންތަކަށެވެ. ދުނިޔެ އޮތްހައި ދުވަހަކު ބަދަލެއް ނުވެ ދެމިއޮންނާނެ މުޢްޖިޒާތެއްގެ ގޮތުގައެވެ. އަދި ރަސޫލް (ﷺ)ގެ ސުންނަތާއި ޙަދީޘްފުޅުތަކަށްވެސް އޮތީ ހަމަ މިޙުކުމެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު އެއްވެސް ބަދަލެއް ނައިސް ދެމިއޮންނާނެއެވެ!
މީސްތަކުންނޭވެ! ކީރިތި ޤުރްއާނާއި ރަސޫލް (ﷺ)ގެ ސުންނަތާއި ހަދީޘްފުޅުތަކާއިމެދު އެގޮތަށް ނުދެކޭށެވެ! އެއީ ހަމަ މިއަދުވެސް ތިބާގެ މައްޗަށް އަދާކުރަން އަނގްވާފައިވާ އެނގެވުންތައް ކަމުގައި ދެކޭށެވެ! ކޮންމެ އަމުރުފުޅަކީވެސް އިރުޝާދަކީވެސް ހަމަ ތިބާގެ މައްޗަށް އޮތް ފަރުދީ އެންގެވުމެއް ކަމުގައި ދެކޭށެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން