ރީތި މީހަކު ފެންނައިރަށް ލޯބިވާކަން ހުށަހަޅާ މީހުންނާމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ! ގާތީ ކައިވެނީގެ ބޭރުން އުފާތަކެއް ހޯދާފަ ބާކީކޮށްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރީތި މީހަކު ފެންނައިރަށް ލޯބިވާކަން ހުށަހަޅާ މީހުންނާމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ! ގާތީ ކައިވެނީގެ ބޭރުން އުފާތަކެއް ހޯދާފަ ބާކީކޮށްލުން!

ގިނަ ބައަކަށް ލޯބިވުން ފަށައިގަނެވެނީ ފަށަން އޮތް މަރުޙަލާއަކުން ނޫނެވެ. އެކަން މެދުވެރިވާ ގޮތަކީ ތިމާޢަށް ކަމުދާ ސިފަތަކެއް ހުންނަ މީހަކު ފެންނައިރަށް ފުރަތަމަވެސް ލޯބިވެ ލޯބިހުށަހަޅަނީއެވެ. އޭނާގެ ކިބައިން ތިމާ ބޭނުންވާ ކަންތައްތަކަށް އޭނާ ޢިޖާބަދޭން ތައްޔާރަށް ހުރި މިންވަރާއިމެދު ސުވާލެއްވެސް ކޮށްލުމެއް ނެތިއެވެ. 

ލޯބީގެ އެންމެ މުހިންމު ބައަކީ އަނެކާގެ ކިބައިން ތިމާ އެދޭ ކަންކަންކަމަށް އަނެކާ ޢިޖާބަދޭ މިންވަރެވެ. ކައިވެނި ކާމިޔާބުކުރެވޭ އެންމެ މުހިންމު އަސާސަކީވެސް ހަމައެއީއެވެ. ސިފަ ކިތަންމެ ރީތިނަމަވެސް ތިމާގެ ބޭނުންތައް ޙާޞިލުނުކުރެވޭނަމަ އެމީހަކު ދެކެ ލޯބިވެގެން ކުރާނެ ފައިދާއެއް ނުއޮންނާނެތީއެވެ. 

ވީމާ ޙަޔާތުގެ ބައިވެރިއަކަށް ކަމުދާ ސިފަތައް ބޭރުފުށުން ފެންނަން ހުރި މީހަކާއި ބައްދަލުވެއްޖެނަމަ އޭނާ ނުލިބިދާނެކަމަށް ޖެހިލުންވެ ލޯބިހުހަޅަން އަވަސްވެނުގަންނާށެވެ. ފުރަތަމަ ކަމަކަށް އޭނާގެ މިޒާޖާއި ޠަބީޢަތް ދަސްކުރާށެވެ! ސަބަބަކީ ކޮންމެ މީހަކީވެސް މިޒާޖާއި ޠަބީޢަތުގެ ގޮތުން ތަފާތު މީހަކަށްވާކަމެވެ. އެއްވެސް މީހެއްގެ ކިބައިގައި ތިމާ އެދޭ ހުރިހާ ސިފަތަކެއް ނުހުންނާނެ ކަމެވެ. 

ތަންކޮޅެއް ކުޜީގެ ޒަމާނަށް ބަލައިފިނަމަ ކައިވެނިކުރަން ހުށަހަޅަނީ މިބުނި ކަންކަމަށް ވަރަށް ބޮޑަށް ބެލުމަށްފަހުގައެވެ. ސަބަބަކަށްވަނީ އެޒަމާނުގައި ކައިވެނިކުރާއިރު އެންމެ ބޮޑަށް ސަމާލުކަންދެނީ ކައިވެނިކުރުމަށްފަހު ޢުމުރަށް އެކުގައި ދިރިއުޅެން ކަމަށްވާތީއެވެ. މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. މިއަދު ކައިވެނިކުރަން ހުށަހަޅާ ގިނަ ބައަކު އެކަން ހުށަހަޅަނީ ކޮންމެހެން ކައިވެނިކުރާކަށްވެސް ނޫނެވެ. ކައިވެނި ނުކޮށް ހުރެ ތިމާ ބޭނުންވާ ކަންތައްތަކެއް ޙާޞިލުކުރުމުގެ ބޭނުމުގައެވެ. އަނެކާގެ މިޒާޖާއި ޠަބީޢަތަށް ނުބަލައި ލޯބިވާން ބޭނުންވަނީވެސް، ކައިވެނިކުރަން ހުށަހަޅަނީވެސް އެހެންވެގެންނެވެ. 

ވީމާ ކައިވެނިކޮށް ހެޔޮލަފާ ދިރިއުޅުމެއް އުޅެން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ދެންމެ މިބުނި ނުބައި ނިޔަތް ދޫކޮށްލާށެވެ. އަދި އެނިޔަތަށް ފުރުޞަތުވެސް ނުދޭށެވެ. ފުރަތަމަ ކަމަކަށް އަނެކާގެ މިޒާޖާއި ޠަބީޢަތް ދަސްކުރާށެވެ! ތިމާއަށް ފިޓްވާކަން ޔަޤީންކުރާށެވެ. އެއަށްފަހު ކުރިއަށްދާށެވެ. ލޯބިވެގެން ކައިވެނިނުކޮށް ތިބޭ މުއްދަތުކުރުކުރާށެވެ! ކައިވެނިކުރުން އަވަސްކުރާށެވެ. 

މިކަންކަމަށް ސަމާލުކަންދީފިނަމަ ޖެހޭ މައްސަލަތައް މަދުވެ އުފަލުގައި ދިރިއުޅުމުގެ ފުރުޞަތު އެތައް ގުނައަކަށް ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން